ކެލާގެ ރަށްވެހި އާސާރު ތަރައްގީކުރަން އާރުޑީސީއާ ހަވާލުކޮށްފި

ހއ. ކެލާގެ ރަށްވެހި އާސާރު ތަރައްގީކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
ކެލާގެ ރަށްވެހި އާސާރު ތަރައްގީކުރުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައި ވަނީ ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީގައި އަންގާރަ ދުވަހުގެ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
ރަށްވެހި އާސާރު ތަރައްގީކުރުމުގެ އެއްބަސްވުމުގައި ހެރިޓޭޖް މިނިސްްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ.
ހެރިޓޭޖް މިނިސްްޓްރީން ބުނީ މި މަސައްކަތް ނިމޭނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވާފައިވާ ތަރިކައިން އާމްދަނީ ހޯދުމުގެ ސިޔާސަތާއި ފަތުރުވެރިކަން ސިންދަފާތުކުރުމާ އަދި ނޭޝަނަލް އައިޑެންޓިޓީގެ އަސްލުތަކާ އެއްގޮތަށް ކަމަށެވެ.
އެއްބަސްވުމުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެރިޓޭޖް މިނިސްޓަރު ވިދާޅުވީ އެ މިނިސްޓްރީގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވާ ގޮތަށް މި މަޝްރޫއުގެ ދަށުން ކޮންމެ ރަށެއްގައި ވެސް ތަރިކައިގެ އާސާރުތައް އުފެއްދުމުގެ ރޫހެއް އަށަގެންނެވުމަކީ ވަރަށް އިސްކަންދެއްވާނެ އަމާޒެއް ކަމަށެވެ.
އެ ގޮތުން ދާރުލްއާސާރުތައް އެކަށައެޅުމާއި ބެލެހެއްޓުމުގެ ފަންނީ އަދި އިލްމީ ގާބިލުކަން މުޅި ރާއްޖެއަށް އާންމުކުރަން ޖެހޭކަން ފާހަގަކުރައްވައި ކަމާ ގުޅުންހުރި އިތުރު ތަފުސީލުދެއްވި އެވެ.
އެކިއެކި ސަފީރުންނާއި، ގައުމުތަކުގެ ކަމާ ބެހޭ އިސްފަރާތްތަކާ އެކު ކުރެވުނު މަޝްވަރާތަކުން މި ތަމްރީނުތައް ފޯރުކޮށްދިނުމުގެ އަމަލީ މަސައްކަތްތައް ފެށުމަށް ފުރުސަތު ފަހިވެފައިވާ ކަމަށް އާދަމް ނަސީރު ވިދާޅުވި އެވެ.
މިދިޔަ އަހަރު ކަމާ ގުޅޭ ދާއިރާއިން މިނިސްޓްރީގެ ބޭފުޅުން ބައެއް ތަމްރީނުތައް ފުރިހަމަކޮށްފައިވާ ކަމަށާއި މި އަހަރު ވެސް ތަމްރީނުތަކަށް ފުރުސަތު ލިބިފައިވާކަން ފާހަގަކުރެއްވި އެވެ.
އާދަމް ނަސީރު ވިދާޅުވި ގޮތުގައި އަންނަ މަހުގެ 17 ވަނަ ދުވަހު މިނިސްޓްރީގެ ދެ މުވައްޒަފުން ޗައިނާއަށް ފުރުމަށް ހަމަޖެހިފައިވާ ކަމުގަ އެވެ. ތަމްރީނުތައް ފުރިހަމަކުރުމަށް ފަހު ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އިލްމީ ތަމްރީނު ކޯސްތައް މުޅި ރާއްޖެއަށް ހިންގަން ފެށޭނެ ކަމުގަ އެވެ.
ހެރިޓޭޖް މިނިސްޓަރުގެ ވާހަކައިގައި ވަނީ މި މަސައްކަތުގެ އިތުރުން މިނިސްޓްރީގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައިވާ ގޮތަށް ރައީސްގެ ތަރިކަ އިއާދަކުރުމުގެ ގައުމީ މަޝްރޫއުގެ ދަށުން ކޮންމެ ރަށެއްގައި ވެސް ފަރުދީ ފެންވަރުގައްޔާއި ޖަމާއަތުގެ ފެންވަރުގައްޔާ އަދި ރަށު ފެންވަރުގައި އެކި ބާވަތުގެ އާސާރުތައް ތައާރަފުކުރުމުގެ ގާބިލުކަން އުފެއްދުމަކީ ކުރާނެ މަސައްކަތެއްކަން ފާހަގަކުރައްވާފަ އެވެ.
