ޚަބަރު ސަރުކާރު

މިހާތަނަށް 150 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފި: ރައީސް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ރައީސް މުއިއްޒު ފެއްޓެވި "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަނީ / ފޮޓޯ:ރައީސް އޮފީސް

މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް 150 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފައިވާ ކަމަށާއި މިއީ ކުރީގައި ބޭންކުތަކަށް ޑޮލަރު މާރުކުރާ މިންވަރަށް ވުރެ 40 އިންސައްތަ އިތުރު އަދަދެއް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

Ads by STELCO

އެމަނިކުފާނު އެހެން ވިދާޅުވީ "ރައްޔިތުންނާ އެކު" މި ނަމުގައި ރައީސް އޮފީހުން ކުރިއަށް ގެންދިޔަ ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޑޮލަރުގެ މައްސަލައަށް އަލިއަޅުއްވާލައްވާ ރައީސް ވިދާޅުވީ މައްސަލައަށް ހައްލު ހޯދުމުގެ މަސައްކަތް ފެށީ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކަށައެޅި ގަވާއިދެއްގެ ދަށުން ކަމަށެވެ. އެފަހުން ޑޮލަރު މާރުކުރުމާ ބެހޭ ގާނޫނެއް އެކުލަވާލައި މިދިޔަ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ތަންފީޒުކުރަން ފަށާފައިވާ ކަމަށެވެ.

"ޖުމްލަކޮށް މި ގާނޫނުގެ ދަށުން މިހާތަނަށް 150 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފި. ކުރީގައި މާރުކުރަމުން އައި ވަރަށް ވުރެ 40 އިންސައްތަ އިތުރު އަދަދެއް. އެހެންވީމާ ވަރަށް ބޮޑުތަން ރަނގަޅު،" ޑޮލަރު މާރުކުރުމަށް އޮތް ގާނޫނާ އެއްގޮތަށް ގިނަ ފަރާތްތައް މަސައްކަތް ކުރަމުންދާ ކަމުގައި ފާހަގަކުރައްވާ ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ގާނޫނުގެ ދަށުން ބޭންކުތަކަށް ޑޮލަރު މާރުކުރަން ޖެހޭ ފަރާތްތަކުގެ ތެރެއިން ގާތްގަނޑަކަށް 95 އިންސައްތަ ފަރާތުން ޑޮލަރު މާރުކުރަމުންދާ ކަމުގަ އެވެ. އަދި ބާކީ ފަސް އިންސައްތަ ވެސް މީގެތެރެއަށް ވެއްދުމަށް އެމްއެމްއޭއިން އެ ފަރާތްތަކާ އެކު މަސައްކަތް ކުރަމުންދާ ކަމުގަ އެވެ.

ރައީސް ވިދާޅުވީ ބޭންކަށް ޑޮލަރު މާރުކުރުމަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ ކަމަށެވެ. އެކަމުގެ ނަތީޖާއަކަށް ވާނީ ފަތުރުވެރިކަމުގެ ދާއިރާ ފުޅާވަމުންދާ ވަރަކަށް އެ ދާއިރާއިން ލިބޭ އާމްދަނީ ކުރިއަށް ވުރެ އިތުރުވެ، އޭގެ މަންފާ އާންމުންނަށް ކުރުން ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

އެގޮތުން ރާއްޖޭން ބޭރަށް ފުރާ ދިވެހީންނަށް މިހާރު ބޭންކު ރޭޓުގައި ދޫކުރާ 500 ޑޮލަރުގެ ބަދަލުގައި އެ އަދަދު 1،000 ޑޮލަރަށް ވުރެ އިތުރުކުރުމާއި ކްރެޑިޓް ކާޑުގެ ލިމިޓް ދެގުނައަށް ބޮޑުކުރުމާ އަދި ޓީޓީ ހެދުމަށް އިތުރަށް ފުރުސަތު ފުޅާވެގެންދާނެ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑު އެންމެފަހުން މިއަދު ވެސް ޗެކްކޮށްލިން ގަވަރުނަރަށް ގުޅާލައިގެން. އޮންޓްރެކް ނޫނިއްޔާ އެގޮތަށް އެބަ ކުރިއަށްދޭ،" ބޭންކަށް ޑޮލަރު މާރުކުރުމަށް ނިންމެވި ނިންމެވުމަކީ ވަރަށް ރަނގަޅަށް ކުރެއްވުނު ކަމެއް ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވި އެވެ.

ޕޮޑްކާސްޓުގައި އެމަނިކުފާނު ވަނީ މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވައި، ކަމަކީ އާންމުންނަށް ފައިދާވާނެ، ކުރިއެރުން ލިބޭނެ ކަމެއް ކަމަށް ވިދާޅުވެފަ އެވެ. ހަމައެއާއެކު ކުރިއަށް އޮތްތަނުގައި ޑޮލަރުގެ އަގު ތިރިވަމުންދާނެ ކަމަށާއި ޑޮލަރުގެ ކަޅު ބާޒާރުން ސަރުކާރުގެ ކުންފުނިތައް ޑޮލަރުގަތުން މަދުކުރެވޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!