ޚަބަރު ދީން

ގިނަ ހާފިޒުންތަކެއް ތަމްރީނުކުރި ނައިފަރުގެ ގުރުއާން ލާނިން ސެންޓަރަށް ވަގުފު ފަންޑުގެ އެހީ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ގުރުއާން ހިތުދަސްކޮށް ހާފިޒުކަމުގެ ސެޓްފިކެޓަކާ އެކު ނައިފަރަށް އައި ދަރިވަރަކަށް މަރުހަބާ ކިޔަނީ / ފޮޓޯ:ނާޒިލް އިންސްޓިޓިއުޓް

ގިނަ ހާފިޒުންތަކެއް ތަމްރީނުކުރި ޅ. ނައިފަރުގެ "ގުރުއާން ލާނިން ސެންޓަރު" ތަރައްގީ ކުރުމަށް ވަގުފު ފަންޑުން އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައިފި އެވެ.

Ads by MPL

ނައިފަރުގެ ގުރުއާން ލާނިން ސެންޓަރުގައި އެ ރަށުގެ ހާފިޒެއް ކަމަށްވާ ޝައިޚް އަހްމަދު ނާޒިލް ގެންދަވަނީ ގުރުއާން ހިތުދަސްކޮށްދިނުމުގެ ކްލާސްތަކެއް ހިންގަވަމުންނެވެ. އެ ކްލާސްތައް ކުރިއަށް ގެންދަވަނީ އެކި އުމުރުފުރާތަކަށް ހާއްސަކޮށްގެންނެވެ.

މިފަހުން ބޭއްވި ހާފިޒުން ދަސްވެނިވުމުގެ ހާއްސަ ރަސްމިއްޔާތުގައި ޖުމްލަ 24 ދަރިވަރަކު ވަނީ ގުރުއާން ހިތުދަސްކުރުމުންދޭ ހާފިޒުކަމުގެ ސެޓްފިކެޓް ހާސިލުކޮށްފަ އެވެ. އޭގެ ތެރެއިން ހަތަރު ކުދިންނަކީ ނައިފަރުގެ ގުރުއާން ލާނިން ސެންޓަރުން ކިޔެވި ދަރިވަރުންނެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު މީޑިއާތަކާ ހިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ ގިނަ ކުދިންތަކެއް ގުރުއާން ހިތުދަސްކުރި، ޅ. ނައިފަރުގެ ގުރުއާން ލާނިން ސެންޓަރު ތަރައްގީ ކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް އެ ސެންޓަރުން އެދިފައިވާ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީގެ ދީނީ ކަންތައްތަކަށް އެހީވާ ވަގުފު ފަންޑުން އެ ސެންޓަރަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ. އެހެންނަމަވެސް އިތުރު ތަފުސީލެއް ދެއްވާފައެއް ނުވެ އެވެ.

ނައިފަރަކީ އެ ރަށަކަށް ގިނަ އަދަދެއްގެ ހާފިޒުން ނިސްބަތްވާ ރަށެކެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ޒުވާން ހާފިޒުން ހިމެނެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!