ތެލެސީމިއާ ސެންޓަރު ހުޅުމާލެއަށް ބަދަލުކުރުމުގެ މަސައްކަތް ސިފައިން ފަށައިފި

މާލޭގައި ޚިދުމަތް ދެމުން އަންނަ ތެލެސީމިއާ ސެންޓަރު ވަގުތީގޮތުން ހުޅުމާލޭ ފޭސް 1 ގައި ހުންނަ އޮރެންޖު ހިޔާއަށް ބަދަލުކުރުމުގެ މަސައްކަތް ސިފައިން މިއަދު ފަށައިފި އެވެ.
ސިފައިން އެ މަސައްކަތް ފެށީ ގައުމީ މަސައްކަތެއްގެ ގޮތުގައި އެ ސެންޓަރު ހުޅުމާލެއަށް ބަދަލުކުރުން އަވަސްކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ސިފައިންގެ އަރިހުން އެދިވަޑައިގަތުމާ ގުޅިގެން ނެވެ.
އެމްއެންޑީއެފްއިން ބުނީ އެ މަސައްކަތް ކުރިއަށް ގެންދާނީ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫންގެ އިރުޝާދުގެ ދަށުން އެމްއެންޑީއެފްގެ ސަރވިސް ކޯގެ ބެލުމުގެ ދަށުން ކަމަށެވެ.
އާ އިމާރާތުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން، އެމްއެންޑީއެފް އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސްގެ ޑިޒައިނިންގ ޓީމުން ވަނީ އަލުން އެތަން ޑިޒައިންކޮށް، ކުޑަކުދިން ގަޔާވާ ކަހަލަ ބައެއް ބަދަލުތައް ވެސް ގެނެސްފަ އެވެ.
"މި މަސައްކަތުގައި، އެ އިމާރާތުގެ ކަރަންޓާއި އޭސީގެ މަސައްކަތް، އެމްއެންޑީއެފް އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަސްއިން ކުރަމުންދާ އިރު، މަސައްކަތުގެ އައިޓީސީއާ ގުޅުންހުރި ހުރިހާ މަސައްކަތެއް ކުރަމުން ދަނީ އެމްއެންޑީއެފް ސިގްނަލްސްގެ ޓެކްނިކަލް ސިފައިން," އެމްއެންޑީއެފްއިން ބުންޏެވެ.
އަންނަ މަހުގެ 25 ވަނަ ދުވަހުގެ ކުރިން އެ މަސައްކަތް ނިންމަން އަމާޒު ހިފާފައިވާއިރު ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ޙިލްމީ ވަނީ މިއަދު އެ އިމާރާތަށް ޒިޔާރަތްކުރައްވައި، ސިފައިން ކުރަމުންދާ މަސައްކަތް ބައްލަވާލައްވާފަ އެވެ.
އިއްޔެ ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އޮރެންޖް ހިޔާއިން ތެލެސީމިއާގެ ހިދުމަތް ފޯރުކޮށްދޭން ފެށޭއިރަށް ހިދުމަތް ހޯދާ ފަރާތްތައް އެ ތަނަށް ދަތުރުކުރުމަށް އެމްޓީސީސީގެ ބަސް ސްޓޮޕެއް ހަމަޖައްސަވާނެ ކަމުގަ އެވެ. އަދި ހިދުމަތަށް އެދޭ ފަރާތާއި ބެލެނިވެރިޔާއަށް ބަހުގައި ހިލޭ ދަތުރު ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަން ފާހަގަކުރެއްވި އެވެ.
ތެލެސީމިއާ ސެންޓަރުގެ ހާލަތު ގޯސްވެ ބެލެނިވެރިން ކުރި މުޒާހަރާތަކާ ގުޅިގެން އެ ސެންޓަރު ރިޕޯމް ކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ވަނީ ފަށައިފަ އެވެ.
އެ ގޮތުން އެ ސެންޓަރު ހިންގާ މޯލްޑިވްސް ބްލަޑް ސާވިސާސްގެ ބައެއް އިސް ބޭފުޅުން ވަނީ މަގާމުންވެސް ވަކިކޮށްފަ އެވެ.
ސްޓޭޓް އޮފް ދި އާޓް، ތެލެސީމިއާ ހިދުމަތްދޭ ތަނެއް ހެދުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އެކަމަށް އަލިއަޅުއްވާލައްވައި އެމަނިކުފާނު ވިދާޅުވީ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވަމުންދާ ކަމަށެވެ.
