ހޯނޑެއްދޫގެ އިހުތިސޯސުން ކަޑެވާރެހާ ވަކިކޮށްފި، ތަރައްގީ ކުރާނީ އިންޓަގްރޭޓަޑް ޓޫރިޒަމަށް

އިންޓަގްރޭޓަޑް ޓޫރިޒަމަށް ގދ. ކަޑެވާރެހާ ތަރައްގީ ކުރުމަށް އެ އަތޮޅު ހޯނޑެއްދޫގެ އިހުތިސޯސުން އެ ރަށް ވަކިކޮށް، ހޯނޑެއްދޫގެ އިހުތިސޯސަށް ބަދަލު ގެނައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ކަޑެވާރެހާ އިންޓަގްރޭޓަޑް ޓޫރިޒަމަށް ތަރައްގީ ކުުރުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދުފުޅާ އެއްގޮތަށް އެ ރަށް ތަރައްގީ ކުރުމަށް ޓަކައި އެމަނިކުފާނު މިއަދު ވަނީ ހޯނޑެއްދޫގެ އިހުތިސޯސުން އެ ރަށް ވަކިކޮށް، ހޯނޑެއްދޫގެ އިހުތިސޯސަށް ބަދަލު ގެންނަވާފަ އެވެ.
ރައީސް އެގޮތަށް ނިންމަވާފައި ވަނީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން އެންމެހާ އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިސޯސް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން، އެމަނިކުފާނު މިއަދު ނެރުއްވި ގަރާރަކުންނެވެ.
ހޯނޑެއްދޫގެ އިދާރީ ދާއިރާގެ އިހުތިސޯސަށް ގެނައި ބަދަލު ދައްކުވައިދޭ ޗާޓު ޖަދުވަލުކޮށް، އެ ގަރާރު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފަ އެވެ.
