ޚަބަރު

ޓީޗަރުން ނުލިބޭ ރަށްތަކަށް އޮންލައިންކޮށް ކިޔަވައިދޭނެ އިންތިޒާމް ހަމަޖައްސާނަން: މިނިސްޓަރު

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު

ބައެއް ރަށްރަށަށް ޓީޗަރުން ނުލިބުނަސް ޓީޗަރު ނުލިބޭ މާއްދާގެ ކްލާސްތައް އޮންލައިންކޮށް ކިޔަވައިދޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

Ads by STELCO

ޕީއެސްއެމްއިން މިރޭ ގެނެސްދިން "ރާއްޖެ މިއަދު" ޕްރޮގްރާމްގައި މިނިސްޓަރު ވިދާޅުވީ ޓީޗަރުން ހޯދުމުގައި ދަތިކަން އުޅެނީ މާލެއަށް ވުރެ އަތޮޅުތެރޭގެ ރަށްރަށުގައި ކަމަށެވެ.

މިސާލެއްގެ ގޮތުން ފާހަގަ ކުރެއްވީ ގދ. އަތޮޅުގެ ރަށަކަށް ދިވެހި ޓީޗަރަކު ހޯދުމަށް އެތައް ފަހަރަކު އިއުލާންކޮށްގެން ނުލިބުނު ކަމެވެ. ނަމަވެސް މާލޭގެ ސްކޫލަކަށް އިއުލާންކުރުމުން ބޭނުންވާ ވަރަށް ގިނައިން ލިބޭ ކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

އެފަދަ އިތުރު މިސާލެއް ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މެދު ރާއްޖެ ތެރޭގެ ރަށެއްގެ ސްކޫލަކަށް އިސްލާމް ޓީޗަރެއް ހޯދަން ނުވަ ފަހަރު އިއުލާންކޮށްގެން ވެސް އެއްވެސް މީހަކު ކުރިމަތިނުލި ކަމަށެވެ.

"ޓީޗަރަކު ނުލިބިގެން ވިޔަސް، އޮންލައިންކޮށް އަޅުގަނޑުމެން މިހާރު ކިޔަވައިދެމުން ދަނީ. އެޑިއުކޭޝަންް މިނިސްޓްރީގައި ގޮން ޖެހުންތަކެއް ހުރި ނަމަވެސް އަޅުގަނޑުމެން އެންމެ ބޮޑަށް ކަށަަވަރުކުރަމުންދާ އެއް ކަމަކީ ތައުލީމާ ބެހޭ ގާނޫނާއި ކުޑަކުދިންނާ ބެހޭ ގާނޫނުން ލިބިދީފައިވާ އުނގެނުމުގެ ހައްގު އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކަށަވަރުކޮށް ދޭނަން،" މިނިސްޓަރު ވިދާޅުވި އެވެ.

ޓީޗަރުންގެ ދަތިކަން ބައެއް ރަށްރަށަށް ކުރިމަތިވެފައި އޮތް ނަމަވެސް މާދަމާ ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގައި ދިރާސީ އަހަރު ފަށާނެ އެވެ. އަދި އެކަމަށްޓަކައި ފޮތްތައް ވެސް ހުރިހާ ސްކޫލުތަކަށް މިހާރު ވަނީ ފޮނުވައިފަ އެވެ.

މިނިސްޓަރު ވިދާޅުވީ އެކި ރަށްރަށަށް ހިޖުރަކުރުމުގެ ސަަބަބުންނާއި ސަރުކާރު ސްކޫލަކުން އިންޓަނޭޝަނަލް ސްކޫލުތަކަށް ނުވަތަ ޕްރައިވެޓް ސްކޫލްތަކަށް ބަދަލުވާ ދަރިވަރުންގެ ފޮތްތައް ނޫނީ ހުރިހާ ދަރިވަރުންނަށް ފޮތްތައް މިހާރު ލިބިފައިވާ ކަމަށެވެ.

ސްކޫލް ބަދަލުވި ދަރިވަރުންނަށް ވެސް ފޮތްތައް ވަރަށް އަވަހަށް ހަމަޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!