ޚަބަރު ސަރުކާރު

ދުންފަތުގެ ޖެނެރޭޝަން ބޭން އާ ގުޅޭގޮތުން ޑަބްލިއުއެޗްއޯ އާއި ޔުނިސެފް އާ މަޝްވަރާކޮށްފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ދުންފަތުގެ ޖެނެރޭޝަން ބޭން އާ ގުޅޭގޮތުން ޑަބްލިއުއެޗްއޯ އާއި ޔުނިސެފް އާ މަޝްވަރާކުރަން ބޭއްވި ބައްދަލުވުމުގެ ތެރެއިން / ފޮޓޯ:ހެލްތު މިނިސްޓްރީ

ދުންފަތުން ރައްކާތެރި ޖީލެއް ބިނާކުރުމަށް "ޖެނެރޭޝަން ބޭން" ތައާރަފުކުރަން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އާއި ޔުނައިޓެޑް ނޭޝަންސް އިންޓަނޭޝަނަލް ޗިލްޑްރެންސް އެމަޖެންސީ ފަންޑް (ޔުނިސެފް) އާއެކު މަޝްވަރާކޮށްފި އެވެ.

Ads by MPL

ޒުވާން ޖީލު ދުންފަތާ ދުރުކުރުމަށް އެކަށައަޅުއްވާފައިވާ ޖެނެރޭޝަން ބޭން ކަނޑައަޅެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރައްވާފައި ވަނީ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑުގައި މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ.

ހެލްތު މިނިސްޓްރީން ބުނީ ޖެނެރޭޝަން ބޭން ތައާރަފުކުރުމަށް ކަމާ ގުޅުންހުރި ފަރާތްތަކުގެ ހިޔާލު ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ.

އެ މަސައްކަތުގެ ތެރެއިން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ޑަބްލިއުއެޗްއޯ އާއި ޔުނިސެފްގެ އޮފިޝަލުންނާ ބައްދަލުކުރައްވާ ކަމާ ގުޅުންހުރި މަޝްވަރާތައް ކުރައްވާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ހެލްތު މިނިސްޓްރީން ބުނި ގޮތުގައި ޖެނެރޭޝަން ބޭން ކާމިޔާބުކަމާ އެކު ތަންފީޒުކުރުމުގައި ސަމާލުކަން ދޭން ޖެހޭ ކަންކަމާ ގުޅޭގޮތުން އެ އިދާރާތަކުން ލަފާދެއްވާފައިވާ ކަމުގަ އެވެ.

ޖެނެރޭޝަން ބޭން ކަނޑައެޅުމުގައި ރައީސް ވަނީ ތިން ގޮތެއް ހުށަހަޅުއްވާފަ އެވެ. އެމަނިކުފާނު ހިއްސާކުރެއްވި ގޮތްތަކުގެ ތެރެއިން ގޮތެއް އިހުތިޔާރުކުރުމަށް އާންމުންގެ ހިޔާލަށް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހުޅުވާލާފަ އެވެ.

ސޯޝަލްމީޑިއާގައި ޕޯލްއަށް ހުށަހެޅުއްވި ތިން ގޮތަކީ:

  • 2007 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން
  • 2004 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން
  • 2000 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން

އެގޮތަށް ހުށަހެޅުއްވުމުގެ ބޭނުމަކީ 18 އަހަރާއި 25 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުން ނުވަތަ ޒުވާނުން އެކަމުގެ ތެރޭގައި އެހާ ގިނަ ދުވަސް ނުވަނީސް، އެ ވަބާއިން ސަލާމަތް ކުރަން ފަސޭހަވާނެތީ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވެފައިވާ ގޮތުގައި އެކަމާ ގުޅޭ ކެބިނެޓް ކަރުދާހެއް، ދިރާސާ ކުރައްވައިގެން ތައްޔާރުކުރެއްވުމަށް ހެލްތު މިނިސްޓަރާ ހަވާލުކުރައްވާފައިވާ ކަމުގަ އެވެ. އެ ކަރުދާސް ތައްޔާރުކުރުމުގައި ކަމާ ގުޅޭ ފަރާތްތަކުގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރުންނާއި އަދި އެނޫން ވެސް ފަރާތްތަކުގެ މަޝްވަރާ ހޯއްދަވަން އިރުޝާދު ދެއްވާފައިވާނެކަން ވަނީ ހާމަކުރައްވާފަ އެވެ.

ޖެނެރޭޝަން ބޭން ފިޔަވަޅުތަކަކީ ދުނިޔޭގެ އެކި ގައުމުތަކުގައި އަޅަމުންދާ ދުންފަތުގެ އިސްތިއުމާލުކުރަން އަލަށް ވަންނަ ކުދިން އެކަމުން ދުރުކުރުމަށް އަޅާ ފިޔަވަޅުތަކެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!