ސިއްހީ ދާއިރާއިން ދުރަށް ދިޔަ މީހުންގެ ތެރެއިން ވަޒީފާއަށް ނުކުތީ އެންމެ ހަތަރު މީހުން

އެކި ސަބަބުތަކާ ހުރެ ސިއްހީ ދާއިރާއިން ދުރަށް ދިޔަ މީހުންގެ ތެރެއިން ވަަޒީފާއަށް ނުކުތީ އެންމެ ހަތަރު މީހުންކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ސިއްހީ ދާއިރާއިން ދުރަން ދިޔަ މީހުންގެ ތެރެއިން އަނބުރާ ވަޒީފާއާ ގުޅުނު މީހުންގެ އަދަދާ ގުޅޭގޮތުން ވަނީ ސުވާލުކޮށްފަ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވައި ހެލްތު މިނިސްޓަރު ވިދާޅުވީ އެ ފުރުސަތު ހުޅުވާލުމުން ލިބުނީ އެންމެ ހަތަރު އެޕްލިކޭޝަން ކަމަށާއި އެކަމަށް ކުރިމަތިލި މީހުން މިހާރު ތިބީ ވަޒީފާގައި ކަމަށެވެ.
"ދެން އަޅުގަނޑުމެން އެބަ އިތުރަށް މާކެޓްކުރަން އެބަ ޖެހޭ އެނގޭތޯ މީތި ޕްރޮމޯޓްކުރުމަށްޓަކައި. އަޅުގަނޑުމެން އެބަ ޖެހޭ މިކަން ގިނަ މީހުންނަށް އަންގައިދިނުމަށްޓަކައި މި ފުރުސަތު އޮތްކަމާއި މި ފުރުސަތު އަންގައި ދިނުމަށްޓަކައި" މިނިސްޓަރު ވިދާޅުވި އެވެ.
ސިއްހީ ހިދުމަތްތެރިން އަނބުރާ ހިދުމަތަށް ނުކުތުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ.
ހެލްތު މިނިސްޓަރު ނާޒިމް އޭރު ވިދާޅުވީ އެ ފުރުސަތު ދޭނީ އަލުން ހިދުމަތާ ގުޅެން ބޭނުންވާ ފަރާތްތަކަށް "ފްލެކްސިބަލް ވާކިން" ގަޑިތަކެއްގައި މަސައްކަތް ކުރެވޭ ގޮތަށް ކަމަށެވެ.