ޚަބަރު ވިޔަފާރި

މިދިޔަ މަހު މީރާއަށް 3.3 ބިލިއަން، 26 އިންސައްތަ އިތުރު

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ފިނޭންސް މިނިސްޓްރީ އަދި މީރާ ހިންގާ އިމާރާތް: މިދިޔަ މަހު މީރާއަށް 3.3 ބިލިއަން ރުފިޔާ ވަނީ ބަލައިގެންފައި / ފޮޓޯ:ދެން އިމޭޖްސް

މިދިޔަ މާޗް މަހު އެ އޮތޯރިޓީއަށް 3.38 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު ކަމަށާއި އެއީ ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށް ވުރެ 26.2 އިންސައްތަ އިތުރު އަދަދެއް ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

Ads by STELCO

މީރާއިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މާޗް މަހު، އެ އޮތޯރިޓީއަށް 3.38 ބިލިއަން ރުފިޔާ ވަނީ ބަލައިގަނެފަ އެވެ. އެއީ 2024 ވަނަ އަހަރުގެ މާޗް މަހު ލިބުނު އާމްދަނީއަށް ވުރެ 15.1 އިންސައްތަ އިތުރު އަދަދެކެވެ. އަދި ނިމިދިޔަ މަހު ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށް ވަރަށް ވުރެ 26.2 އިންސައްތަ އިތުރު އަދަދެކެވެ.

މީރާއިން ބުނީ 2024 ވަނަ އަހަރުގެ މާޗް މަހު ލިބުނު އާމްދަނީ އާ އަޅާބަލާއިރު، ހުސްވި މަހު ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ފެބްރުއަރީ މަހުގެ ޓެކުހުގެ ސުންގަޑިތައް ރަސްމީ ބަންދު ދުވަހަކާ ދިމާވުމުގެ ސަބަބުން، މާޗް މަހުގެ ތިން ވަނަ ދުވަހަށް އިތުރުކޮށްފައިވުން ކަމަށެވެ. އަދި ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރު ކުރުމުގެ ފީ ބަލައިގަނެފައިވުމަކީ ވެސް އެ މުއްދަތުގެ ޖުމްލަ އާމްދަނީ އިތުރުވި ސަބަބެއް ކަމަށެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު، މި އަހަރުގެ ފެބްރުއަރީ މަހު ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 1.5 އިންސައްތަ ދަށްވެފައިވުމުގެ ސަބަބުން ޓޫރިޒަމް ދާއިރާގެ އާމްދަނީ ވަނީ ދަށްވެފައި ކަމަށް މީރާއިން ބުންޏެވެ. ޓޫރިޒަމާ ގުޅޭ އާމްދަނީތައް ދަށްވި ނަމަވެސް ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރު ކުރުމުގެ ފީ ބަލައިގަނެފައިވާތީ މާޗް މަހުގެ އާމްދަނީ އިތުރުވެފައިވާކަން ފާހަގަކުރި އެވެ.

މާޗް މަހު ލިބުނު އާމްދަނީ އަންދާޒާކޮށްފައިވާ ވަރަށް ވުރެ އިތުރުވި މައިގަނޑު އެއް ސަބަބަކީ ފެބްރުއަރީ މަހުގެ ސުންގަޑި މާޗަށް ބަދަލުވުމާ ގުޅިގެން ޓޫރިޒަމް ދާއިރާގެ ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމާއި ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރު ކުރުމުގެ ފީގެ އާމްދަނީ އެ މުއްދަތުގައި ލިބިފައިވުން ކަމަށް މީރާއިން ބުންޏެވެ. އެ އޮތޯރިޓީން ބުނި ގޮތުގައި މި އަހަރުގެ ޖެނުއަރީ މަހު ލިބިފައިވާ އާމްދަނީގެ 6.9 އިންސައްތައަކީ ކުރީގެ މުއްދަތުތަކަށް ޓެކްސް ދައްކާ ފަރާތްތަކުން ދައްކާފައިވާ ފައިސާކަމުން، އެއީ ވެސް މިދިޔަ މަހު ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބެއް ކަމުގަ އެވެ.

މާޗް މަހު މީރާއަށް ބަލައިގަތް އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީންނެވެ. އެގޮތުން އެ މަހު މީރާއަށް،

  • ޖީއެސްޓީ: 1.93 ބިލިއަން ރުފިޔާ (57 އިންސައްތަ)
  • ޓޫރިޒަމް ލޭންޑް ރެންޓް: 384.3 މިލިއަން ރުފިޔާ (11.4 އިންސައްތަ)
  • ގްރީން ޓެކްސް: 270 މިލިއަން ރުފިޔާ (8 އިންސައްތަ)
  • އާމްދަނީން ނަގާ ޓެކްސް: 180 މިލިއަން ރުފިޔާ (5.3 އިންސައްތަ)
  • ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ: 162.3 މިލިއަން ރުފިޔާ (4.8 އިންސައްތަ)
  • އެއާޕޯޓު ޑިވެލޮޕްމަންޓް ފީ: 157 މިލިއަން ރުފިޔާ (4.6 އިންސައްތަ)

ނިމުނު މަހު މީރާއަށް ލިބުނު އާމްދަނީގެ ތެރޭގައި 174.23 މިލިއަން ޑޮލަރު ހިމެނެ އެވެ.

Ads by Allied Insurance