ޒަކާތު ފަންޑުން ތަފާތު ދާއިރާތަކުގެ ސްކޮލާޝިޕް ފުރުސަތުތަކަށް ހުޅުވާލަނީ

ޒަކާތު ފަންޑުން ތަފާތު ދާއިރާތަކުން މަތީ ތައުލީމު ހާސިލުކުރުމަށް ސްކޮލާޝިޕް ފުރުސަތުތަކަށް މި ހަފުތާގެ ތެރޭގައި ހުޅުވާލާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ރާއްޖެއަށް ބޭނުންވާ ހާއްސަ ދާއިރާތަކުން މީހުން ބިނާކުރަން ޒަކާތު ފަންޑުން ސްކޮލާޝިޕް ދިނުމަށް ޒަކާތު ފަންޑުން މަތީ ތައުލީމަށް އެހީ ދެވޭނެ ގޮތްތައް ހިމަނައި، އާ އުސޫލެއް މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ އާންމުކޮށްފަ އެވެ.
އެ އުސޫލުގައި ބުނެފައި ވަނީ މަތީ ތައުލީމު ހާސިލުކުރުމަށް ދޭ ހާއްސަ ސްކޮލާޝިޕްގެ ފުރުސަތު ދެވޭނީ ރާއްޖެއަށް ބޭނުންވާ ވަކި ހާއްސަ ދާއިރާތަކަކުން މީހުން ބިނާކުރުމަށާއި ތަމްރީނު ކުރުމަށް ކަމަށެވެ.
ފުރުސަތު ދިނުމުގައި އިސްކަންދޭނީ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނާއި މާލީ ފުދުންތެރިކަން ނެތް މީހުންނާއި ތައުލީމީ ފެންވަރު އަދި ގައުމަށް ހިދުމަތްކޮށްފައިވާ މިންވަރަށް ބެލުމަށް ފަހުގައި ކަމަށް ބުނެފައިވެ އެވެ.
ޒަކާތު ފަންޑުގެ ދަށުން މަތީ ތައުލީމު ފުރިހަމަކުރަނިކޮށް ހާލަތެއް މެދުވެރިވެގެން ފައިސާގެ ދަތިކަން ކުރިމަތިވެ، ކޯސް މެދުކެނޑުނު ފަރާތްތަކުން ކޯސް ފުރިިހަމަކުރަން އެހީ ދެވޭނެ ކަމަށް ވެސް އުސޫލުގައިވެ އެވެ.
މީޑިއާތަކާ ރޭ ހިއްސާކުރެއްވި މެސެޖެއްގައި އިސްލާމިކް މިނިސްޓަރު ވިދާޅުވީ އިއުލާނުކުރެވޭ ސްކޮލާޝިޕްތަކުގެ ތެރޭގައި އިސްލާމީ އިލްމުގެ މުހިންމު ތަފާތު ދާއިރާތަކުން މާސްޓާސް އާއި ޕީއެޗްޑީގެ ގިނަ ފުރުސަތުތަކެއް ހިމެނޭނެ ކަމަށެވެ. އަދި މެޑިސިންގެ ދާއިރާއިން ސުޕަ ސުޕެޝަލިސްޓުން ނެތް މުހިންމު ބައެއް ދާއިރާތަކަށް ވެސް އެހީ ދެވޭނެ ކަމަށެވެ.
އޭގެ އިތުރުން މިސްރާއި ސައުދީ އަރަބިއްޔާ ފަދަ ގައުމުތަކުގައި އަމިއްލަ ހަރަދުގައި އިސްލާމީ އިލްމު އުނގެނެމުންދާ ދަރިވަރުންގެ ތެރެއިން މަތީ ނަތީޖާ ހޯދާ ދަރިވަރުންނަށް މާލީ އެހީތެރިކަން ދިނުމަށް އިއުލާނުކުރާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.
"ޒަކާތު ފަންޑުގެ ފީ ސަބީލި ﷲ ބައިން މި ފުރުސަތުތަކަށް ފަންޑު ކުރެވިގެންދާނެ. ދިވެހި ރައްޔިތުންގެ ދީލަތިކަމާ އެކު، ޒަކާތު ފަންޑު އިތުރުވެގެން ދިއުމަކީ އިސްލާމްދީނަށް ލިބިގެން ދިޔަ ނަސްރެކެވެ." މެސެޖުގައިވެ އެވެ.
ޝަހީމް ވިދާޅުވި ގޮތުގައި ސްކޮލާޝިޕް ފުރުސަތުތަކުގެ އިތުރުން ކީރިތި ގުރުއާނުގެ އިލްމު ފެތުރުމާ އަދި ހާފިޒުން އުފެއްދުމުގެ މަޝްރޫއުތަކަށް ވެސް ހަރަދު ކުރެވޭނެ ކަމުގަ އެވެ.
މި ކަންކަމަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާ ކުރެއްވުމަށް ކުރެއްވި މަސައްކަތްތަކުގެ ހެޔޮ ނަތީޖާ ކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވި އެވެ. މި ކަންކަމުގެ އިތުރުން ޒަކާތު ފަންޑުގެ ފަގީރުންނާއި މިސްކީނުންގެ ބައިން ފަގީރުންގެ ބޭސް ފަރުވާ އާއި ކިޑްނީ ޓްރާންސްޕްލާންޓް ކުރުމާއި ބޯން މެރޯ ހެދުމާއި ފުއްޕާމެ އާއި ކެންސަރު ފަދަ ބޮޑެތި ބަލިތަކަށް ހޭދަކުރަމުންދާ ކަމުގައި ފާހަގަކުރެއްވި އެވެ.
މިދިޔަ އަހަރު ޒަކާތު ފަންޑަށް މުދަލު ޒަކާތުގެ ގޮތުގައި 100 މިލިއަނަށް ވުރެ ގިނަ ފައިސާ ލިބިފައިވެ އެވެ. އެއީ ދިވެހި ތާރީހުގައި އެންމެ ގިނަ އަދަދަކަށް މުދަލު ޒަކާތަށް ފައިސާ ލިބުނު އަހަރެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 34 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
