ރާއްޖޭގެ ޒަކާތު ފަންޑުން މަތީ ތައުލީމަށް އެހީ ދިނުމުގެ އުސޫލުގެ ދަށުން ރާއްޖެ އާއި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމަށް އެދި ހުށަހެޅުމުގެ 50 ފުރުސަތަށް ހުޅުވާލައިފި އެވެ.
މި ސްކޮލާޝިޕްތަކަށް ހުޅުވާލާފައި ވަނީ މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި ފުރުސަތުތަކަކީ އިސްލާމީ ދާއިރާތަކުން މީހުން ބިނާކުރުމަށް ހުޅުވާލެވުނު ފުރުސަތުތަކެއް ކަމަށެވެ.
މި 50 ފުރުސަތުގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ކިޔަވަން 20 ފުރުސަތާ އަދި ރާއްޖެއިން ބޭރުން ކިޔެވުމުގެ 30 ފުރުސަތެކެވެ. ރާއްޖެއިން ބޭރަށް ހުޅުވާލާފައިވާ 30 ފުރުސަތުގެ ތެރެއިން 13 ފުރުސަތަކީ މަތީ ތައުލީމު ހާސިލުކުރުމަށްދޭ ހާއްސަ ސްކޮލާޝިޕްގެ ފުރުސަތެވެ.
ރާއްޖެއިން ފުރުސަތު ހުޅުވާލާފައި ވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ މާސްޓާސް ކޯސްތަކަކަށެވެ.
ރާއްޖޭގައި ކިޔަވަން ސްކޮލާޝިޕް ދެވޭ ދާއިރާތައް:
- މާސްޓަ އޮފް އާޓްސް އިން ގުރުއާނިކް ސައިންސެސް – 6 ފުރުސަތު
- މާސްޓަ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް، ލީޑަޝިޕް އެންޑް އެޑްމިނިސްޓްރޭޝަން – 3 ފުރުސަތު
- އެގްޒެކެޓިޒް މާސްޓަސް އިން އިސްލާމިކް ފައިނޭންސް – 5 ފުރުސަތު (eMIF by INCEIF)
- މާސްޓަ އޮފް އާޓްސް އިން ޝަރީއާ – 3 ފުރުސަތު
- މާސްޓަ އޮފް އާޓްސް އިން އިސްލާމިކް ސްޓަޑީސް – 3 ފުރުސަތު
ރާއްޖެއިން ބޭރުން ކިޔެވުމަށް 30 ފުރުސަތު ހުޅުވާލީ މެލޭޝިއާ، ބުރުނާއީ، ސައުދީ އަރަބިއްޔާ، މިސްރު އަދި ސާކް ގައުމުތަކުންނެވެ. މެލޭޝިއާ އަދި ބުރުނާއީން 17 ފުރުސަތު ހުޅުވާލާފައި ވަނީ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިޔާ، ޔުނިވާސިޓީ ސައިންސް އިސްލާމް މެލޭޝިއާ، އިންޓަނޭޝަނަލް ސެންޓަ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސްއިންނެވެ. އަދި ޔުނިވާސިޓީ ބުރުނާއީ ދާރުއްސަލާމުންނެވެ. މެލޭޝިއާ އަދި ބުރުނާއީން ޑިގްރީގެ 2 ފުރުސަތު، މާސްޓާސްގެ 6 ފުރުސަތު އަދި ޕީއެޗްޑީގެ 9 ފުރުސަތު ހުޅުވާލާފައިވެ އެވެ.
މެލޭޝިއާ އަދި ބުރުނާއީގައި ކިޔަވަން ސްކޮލާޝިޕް ދެވޭ ދާއިރާތައް:
- ބެޗެލަސް އިން ހަލާލް އިންޑަސްޓްރީ މެނޭޖްމެންޓް - 2 ފުރުސަތު
- މާސްޓަ އޮފް އިސްލާމިކް ބޭންކިން އެންޑް ފައިނޭންސް/މާސްޓާސް އޮފް ސައިންސް އިން އިސްލާމިކް ފައިނޭންސް – 2 ފުރުސަތު
- މާސްޓަ އޮފް އެޑިއުކޭޝަން އިން ޓީޗިން އޮފް އިސްލާމިކް އެޑިއުކޭޝަން - 1 ފުރުސަތު
- މާސްޓަ އޮފް ގުރުއާނިކް އެންޑް ސުންނަ ސްޓަޑީސް - 1 ފުރުސަތު
- މާސްޓަ އޮފް އިސްލާމިކް ސައިންސް - 1 ފުރުސަތު
- ޑޮކްޓަ އޮފް ފިލޯސޮފީ އިން ޝަރީއާ އެންޑް ޖުޑިޝަރީ – 1 ފުރުސަތު
- ޑޮކްޓަ އޮފް ފިލޯސޮފީ އިން އިސްލާމިކް ސައިންސް – 1 ފުރުސަތު
- ޑޮކްޓަ އޮފް ފިލޯސޮފީ ދައުވާ އެންޑް އިސްލާމިކް މެނޭޖްމަންޓް – 1 ފުރުސަތު
- ޑޮކްޓަ އޮފް ފިލޯސޮފީ އިން ގުރުއާނިކް އެންޑް ސުންނަ ސްޓަޑީސް – 1 ފުރުސަތު
- ޑޮކްޓަ އޮފް ފިލޯސޮފީ އިސްލާމިކް ބޭންކިން އެންޑް ފައިނޭންސް – 2 ފުރުސަތު
- ޑޮކްޓަ އޮފް ފިލޯސޮފީ އިން ޝަރީއާ އެންޑް ލޯ – 2 ފުރުސަތު
- މާސްޓާސް: އިސްލާމިކް ސިވިލައިޒޭޝަން އެންޑް ކޮންޓެމްޕަރަރީ އިޝޫސް - 1 ފުރުސަތު
- ޕީއެޗްޑީ: އިސްލާމިކް ސިވިލައިޒޭޝަން އެންޑް ކޮންޓެމްޕަރަރީ އިޝޫސް - 1 ފުރުސަތު
މި ދާއިރާތަކުގެ އިތުރުން އިތުރުން ހާއްސަ 13 ސްކޮލާޝިޕްގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. މި ފުރުސަތުތައް ހުޅުވާލާފައި ވަނީ ސާކްގެ ގައުމުތަކުންނާއި މިސްރުގެ ޔުނިވާސިޓީ ތެރެއިން އަލް-އަޒްހަރު ޔުނިވާސިޓީ އަދި ސައުދީ އަރަބިއްޔާގެ މަދީނާ ޔުނިވާސިޓީ، ގަސީމް ޔުނިވާސިޓީ، އުއްމުލްގުރާ ޔުނިވާސިޓީ، އަބްހާ ޔުނިވާސިޓީ، ކިންގް އަބްދުލްއަޒީޒް ޔުނިވާސިޓީންނެވެ.
ޝަރީއާ، އަލްޤަޟާ، ތަފްސީރު، ހަދީސް، އުލޫމުލް ގުރުއާން، އަރަބި، އުސޫލުއްދީން، އިސްލާމީ މާއްދާތައް ހިމެނޭހެން ކިޔަވާ އެހެނިހެން ދާއިރާތަކުން ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް، އެ ދަރިވަރަކު ތައުލީމު ހާސިލުކުރަމުންދާ މަރުކަޒުންދޭ ހަރަދުތައް ފިޔަވައި އެހެނިހެން ހަރަދުތައް ހަމަޖެއްސުމަށް (ސްޓައިޕްންޑް) 10 ފުރުސަތު ދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި ސުޕަ ސްޕެޝަލައިޒޭޝަންގެ ޔޫރޮލޮޖީ/ޔޫރޮލޮޖިކަލް ސާޖަރީ، ޕީޑިއެޓްރިކް ނިއުރޮލޮޖީ އަދި ނިއުރޮލޮޖީ ކޮންމެ ދާއިރާއަކުން ފުރުސަތަކަށް ހުޅުވާލާފައިވެ އެވެ.