އެޗްޑީސީގެ ބޯޑަށް ސްޓޭޓް މިނިސްޓަރު ތައާމު އައްޔަންކޮށްފި

ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރު ކަމަށް އިބްރާހިމް ތައާމު މުހައްމަދު މިއަދު އައްޔަންކޮށްފި އެވެ.
އެޗްޑީސީގެ ބޯޑުން މަގާމެއް ހުސްވެފައި ވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މި މަހުގެ 6 ވަނަ ދުވަހު އެ ބޯޑުގެ ޑިރެކްޓަރެއްގެ ގޮތުގައި ހުންނެވި މުހައްމަދު ވަހީދު މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.
އެޗްޑީސީގެ ބޯޑު މެމްބަރުކަމުގެ މަގާމަށް ތައާމު އައްޔަންކުރިކަން ޕީސީބީން މިއަދު ކުރި ޓްވީޓެއްގައި ވަނީ ހާމަކޮށްފަ އެވެ.
އެޗްޑީސީގެ ބޯޑަށް އައްޔަންކުރި ތައާމަކީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއް ވެސް މެ އެވެ.
މާލޭ ރަށްވެހިންނަށް ގޯތި ދިނުމަށް ހިންގި "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް، ގަވާއިދާ ހިލާފަށް އެޗްޑީސީން ހުޅުމާލެއިން ގޯތިތަކެއް ދިން މައްސަލަ ފެންމަތިވެ، މިދިޔަ ޑިސެމްބަރު މަހު ބަލަން ފެށި މައްސަލައަކާ ގުޅިގެން ޕީސީބީން އެ ކުންފުނީގެ އޭރުގެ ޗެއާމަން އަހްމަދު ނާސިފް ފިޔަވައި ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ މެމްބަރުން ސަސްޕެންޑްކުރި އެވެ.
ބޯޑުން ސަސްޕެންޑްކޮށް، ޕާސްޕޯޓުތައް ހިފަހައްޓާފައިވަނިކޮށް، އިބްރާހިމް ފަޒުލް ރަޝީދު ވަނީ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
އޭނާގެ އިސްތިއުފާ އާ ގުޅިގެން އާ މެނޭޖިން ޑިރެކްޓަރަކު އައްޔަންކުރުމާ އެކު، އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންގެ ސަސްޕެންޝަން ޕީސީބީން އުވާލި އެވެ.
އެޗްޑީސީގެ ބޯޑުގައި މި ވަގުތު 9 ޑިރެކްޓަރުން ތިބެ އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ ގުޅިގެން ފުލުހުން ކުރަމުން ދިޔަ ތަހުގީގުގައި 20 މީހެއްގެ ޕާސްޕޯޓު މިދިޔަ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު ހިފެހެއްޓި އެވެ. ރާއްޖެއިން ފުރުން މަނާކޮށް ޕާސްޕޯޓު ހިފެހެއްޓި މީހުންގެ ތެރެއިން ދޫނުކޮށް ހުރި ޕާސްޕޯޓުތައް މިދިޔަ މަހުގެ ތެރޭގައި ފުލުހުން ވަނީ ދޫކޮށްލާފަ އެވެ.
