ޚަބަރު ސިޔާސީ

ފަނޑިޔާރުންގެ ސަސްޕެންޝަން އުވާލައި، ޝަރުއީ ދާއިރާގެ މިނިވަން ކަމަށް އިހުތިރާމު ކުރަން އެމްޑީޕީން ގޮވާލައިފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
އެމްޑީޕީން ބޭއްވި އެއްވުމެއް: ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ސަސްޕެންޝަން އުވާލައި، ޝަރުއީ ދާއިރާގެ މިނިވަން ކަމަށް އިހުތިރާމު ކުރަން ވަނީ ގޮވާލާފައި / ފޮޓޯ:ދެން އިމޭޖްސް

ސުޕްރީމް ކޯޓުގެ މަސައްކަތް ހުއްޓުވާފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ކޯޓުގެ ފަނޑިޔާރުންގެ ސަސްޕެންޝަން އުވާލައި، ޝަރުއީ ދާއިރާގެ މިނިވަން ކަމަށް އިހުތިރާމު ކުރުމަށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ގޮވާލައިފި އެވެ.

Ads by STELCO

އެމްޑީޕީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ސުޕްރީމް ކޯޓަށް ސަރުކާރުން ނުފޫޒު ފޯރުވުމަށް އެ ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑްކުރި ފަހުން ދެ މަހެއްހާ ދުވަސް ފާއިތުވެފައިވާއިރު، ކޯޓަށް ހުށަހެޅިފައިވާ މައްސަލަތައް ކުރިއަށް ނުދާތީ ކަންބޮޑުވާ ކަމަށެވެ. ފަނޑިޔާރުންގެ ސަސްޕެންޝަނުގެ ސަބަބުން ގައުމީ އަދި ރައްޔިތުންނާ ސީދާ ގުޅުންހުރި ގިނަ މައްސަލަތަކެއް ވަނީ ހުއްޓިފައި ކަމަށެވެ.

ސުޕްރީމް ކޯޓުގެ މަސައްކަތް ހުއްޓުވާފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން މަގާމުން ވަކި ކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ދުސްތޫރީ ބަދަލު ބާތިލުކުރަން އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި މައްސަލަ ހުށަހެޅި ފަރާތާ އެއްކޮޅަށް ހުކުމްކޮށް، އެ ބަދަލު ބާތިލުކުރާނެކަން ކަށަވަރުވާނެތީ އެކަން ހުއްޓުމުގެ ގޮތުން ކަަމަށް އެމްޑީޕީން ބުންޏެވެ.

"މިއީ ހަމައެކަނި ސުޕްރީމް ކޯޓުގެ ސިޔާސީ ކޮންޓްރޯލް ހޯދުމަށް ސަރުކާރުން ރާވައިގެން ކޮށްފައިވާ ކަމެއް ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން ދެކެމެވެ. އަދި މިއީ އަދުލު އިންސާފުގެ ނިޒާމަށް އަމާޒުކޮށްފައިވާ ސީދާ ހަމަލާއެކެވެ." ބަޔާނުގައިވެ އެވެ.

ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗުން މައްސަލަ ކުރިއަށް ގެންދިއުމަށް ނިންމައި، ހުށަހެޅިފައިވާ މައްސަލައިގެ ވަގުތީ އަމުރާ ގުޅޭ އަޑުއެހުމެއް ތާވަލުކޮށް، ފެށުމަށް ކުޑަ ވަގުތުކޮޅަކަށްވެފައި ވަނިކޮށް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތިން ފަނޑިޔާރަކު ސަސްޕެންޑްކުރި އެވެ.

ޖޭއެސްސީން ސަސްޕެންޑްކުރީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރެވެ. ސަސްޕެންޑްކުރީ ފަނޑިޔާރުންނާ ގުޅޭ ޖިނާއީ ތަހުގީގެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރަމުންދާތީ ކަމަށް ބުނެ އެވެ. އަދި ފަނޑިޔާރުންނާ ގުޅޭ ސުލޫކީ މައްސަލަތަކެއް ވެސް ޖޭއެސްސީން ބަލަން ފެށި އެވެ.

ފަނޑިޔާރުކަމުގެ މަގާމުން ސަސްޕެންޑްކޮށްފައި ވަނިކޮށް ސުއޫދު ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

އެމްޑީޕީން ބުނި ގޮތުގައި ފަނޑިޔާރުން ސަސްޕެންޑްކޮށް، މައްސަލަތައް ބަލަމުން ދަނީ އިންސާފުވެރިކޮށް ނޫން ކަމުގަ އެވެ.

"މި ދެ ފަނޑިޔާރުންގެ މައްޗަށް ދޮގު ތުހުމަތުތަކެއްކޮށް، ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮތް ޖުޑީޝަލް ސާވިސް ކޮމިޝަނުން ހާއްސަ ކޮމިޓީއެއް ހަދައިގެން މައްސަލަ ބަލާއިރު އެ މައްސަލައިގައި އިޖުރާއީ އިންސާފުވެރިކަމެއް ވެސް ނެތްކަން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން ވަރަށް ކަންބޮޑުވުމާ އެކު ފާހަގަކުރަމެވެ." ބަޔާނުގައިވެ އެވެ.

އެމްޑީޕީން ވަނީ ފަނޑިޔާރުންނަށް ދިފާއުވުމުގެ ހައްގު ނުދީ، ފަނޑިޔާރުން ހުށަހަޅާ ހެކިން ބަލައިނުގަނެ އަދި ވަކީލުންނަށް ފުރުސަތު ނުދޭކަން ވެސް ފާހަގަކޮށްފަ އެވެ. އެކަމަކީ ގާނޫނު އަސާސީ އާއި ބައިނަލްއަގުވާމީ މިންގަނޑުތަކުން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކާ ވެސް ހިލާފަށް އެ ފަނޑިޔާރުން ސީދާ ގޮތުން ކުރާ އަނިޔާއެއް ކަމަށް ބުންޏެވެ.

"ޝަރުއީ ދާއިރާއަކީ ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއް ބާރު ކަމަށް ވީހިނދު، ޝަރުއީ ދާއިރާގެ މިނިވަން ކަމަށް ސަރުކާރުން މިފަދަ ގޮތަކަށް އަރައިގަތުމަކީ ދިވެހިރާއްޖޭގެ ޑިމޮކްރަސީއަށް ކުރިމަތިވާ ސީދާ ނުރައްކަލެކެވެ. ބާރުތައް ވަކިވެފައި އޮތުމުގެ އުސޫލާ މުޅިން ހިލާފަށް ސަރުކާރުން ހިންގަމުންދާ މި އަމަލުތަކަކީ ރާއްޖޭގެ ޑިމޮކްރަސީއަށް އިއާދަނުކުރެވޭ ގެއްލުންތަކެއް ލިބިގެންދާނެ ކަންކަމެވެ." ބަޔާނުގައިވެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ދެކޮޅަށް ބަލަމުންދާ މައްސަލަތަކަކީ ޖޭއެސްސީގެ އަމިއްލަ އިސްނެގުމުގައި ސިޔާސީ މަގުސަދެއްގައި ބަލަމުން ގެންދާ މައްސަލަތަކެއް ކަމުގައި ފާހަގަކޮށް އެމްޑީޕީން ވަނީ ވަގުތުން އެކަން ހުއްޓާލައި، ދެ ފަނޑިޔާރުންގެ ސަސްޕެންޝަން އުވާލުމާ އެކު ޝަރުއީ ދާއިރާގެ މިނިވަން ކަމަށް އިހުތިރާމު ކުރަން ޖެހޭ ކަމަށް ބުނެފަ އެވެ. ގާނޫނު އަސާސީ އާއި ގާނޫނުތަކުން ފަނޑިޔާރުންނަށް ލިބިދީފައިވާ ރައްކާތެރިކަމާއި ހައްގުތައް ކަށަވަރުކޮށްދިނުމަށް ޖޭއެސްސީއަށާއި ސަރުކާރަށް އެ ޕާޓީން ވަނީ ގޮވާލާފަ އެވެ.

މި ކަމުގައި ޖޭއެސްސީންނާއި ސަރުކާރުން އަމަލުކުރަމުންދާ ގޮތް ގާތުން ބަލައި، އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އެމްޑީޕީން ވަނީ އެދިފަ އެވެ.

"ރާއްޖޭގައި ޑިމޮކްރަސީ ދެމެހެއްޓުމާއި ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރު ކުރުމަކީ ހަމައެކަނި ވަކި ޕާޓީއެއްގެ ޒިންމާއެއް ނޫނެވެ. މިއީ ހުރިހާ ދިވެހި ރައްޔިތުންގެ ޒިންމާއެކެވެ. އެހެންކަމުން، ޝަރުއީ ދާއިރާގެ މިނިވަންކަން ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތުގެ މި މުހިންމު ދަނޑިވަޅުގައި އެންމެހައި ރައްޔިތުންނާއި ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކާ އަދި ބައިނަލްއަގުވާމީ ޖަމާއަތްތައް ވެސް ބައިވެރިވުމަށް ގޮވާލަމެވެ." ބަޔާނުގައިވެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!