ވެކޭޝަންސް އެކްސްޕޯގެ ފަހު ދުވަސް، ފުރުސަތުގެ ބޭނުންކޮށް އުރީދޫގެ ސްޓޯލްއަށް ޒިޔާރަތްކޮށްލަމާ

މިއަދަކީ "ވެކޭޝަންސް އެކްސްޕޯ 2025" ގެ ފަހު ދުވަހަށް ވުމާ އެކު، މިއީ އެކްސްޕޯގައި ހުރި އުރީދޫ މޯލްޑިވްސްގެ ސްޓޯލްއަށް ޒިޔާރަތް ކުރުމަށް ލިބޭނެ ފަހު ފުރުސަތެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި އެކްސްޕޯއަކީ ޗުއްޓީ ހޭދަކޮށްލުމަށް ތަންތަނަށް ދަތުރުކުރާ ފަރާތްތަކަށް ބޭނުންވާ މައުލޫމާތާއި ކަންކަމުގެ ހައްލުތައް އެއްތަނަކުން ލިބޭނެހެން ކުރިއަށް ގެންދާ ހަރަކާތެކެވެ.
ހައިރައިޒްއިން އިންތިޒާމުކުރާ މި ހަރަކާތުގައި އެކި ދާއިރާތަކުން 40 އަށް ވުރެ އެގްޒިބިޓަރުން ވަނީ ބައިވެރިވެފަ އެވެ. އޭގެ ތެރޭގައި ޓޫރިސްޓް ހޮޓާތަކާއި ގެސްޓްހައުސްތަކާއި އެއާލައިންތަކާއި ޓްރެވަލް އެޖެންޓުންނާއި މޫދު ކުޅިވަރުތަކުގައި ހަރަކާތްތެރިވާ ފަރާތްތަކާއި މުއާސަލާތީ ހިދުމަތްދޭ ކުންފުނިތަކާއި ސަރުކާރުގެ އެކި އިދާރާތަކާއި ބޭރު ގައުމުތަކުގެ އެމްބަސީތަކުގެ އިތުރުން ބޭސްފަރުވާއަށް ދިވެހިން އާންމުކޮށް ގޮސް އުޅޭ ގައުމުތަކުގެ ހޮސްޕިޓަލުތައް ތަމްސީލުކުރާ ފަރާތްތައް ހިމެނެ އެވެ.
މި އަހަރުގެ ވެކޭޝަންސް އެކްސްޕޯގެ ޑިޖިޓަލް ޕާޓްނަރަކީ އުރީދޫ މޯލްޑިވްސް އެވެ.

ވެކޭޝަންސް އެކްސްޕޯގައި ހުރި އުރީދޫގެ ސްޓޯލް: ހިދުމަތްތަކާއި އޮފާތަކާ އަދި ޒަމާނީ ސްމާޓް ހައްލުތައް ކިޔައިދޭނެ / ފޮޓޯ:އުރީދޫ
މިދިޔަ ބުރާސްފަތި ދުވަހު ފެށި އެކްސްޕޯ ކުރިއަށް ގެންދަނީ އެ ސަރަހައްދަށް ޒިޔާރަތްކުރާ ފަރާތްތަކަށް ތަފާތު އިނާމުތައް ހޯދުމުގެ ފުރުސަތުތަކާ އެކުގަ އެވެ.
ވެކޭޝަންސް އެކްސްޕޯގެ ހަ ވަނަ އެޑިޝަން މިރޭގެ 11 ޖަހާއިރަށް ނިމޭއިރު، މިއީ ބައިވެރިނުވެ ދޫކޮށްލާވަރުގެ ހަރަކާތެއް ނޫނެވެ. ދެ ދަންފަޅިއަށް ބަހާލައިގެން ބާއްވާ އެކްސްޕޯ ކުރިއަށް ދާނީ ހަވީރު 4 އަކުން 6 އަށް އަދި ރޭގަނޑު 8 އިން 11 ޖަހަންދެނެވެ.
އެކްސްޕޯގައި ހުރި ސްޓޯލްތަކުގެ ތެރެއިން ވެސް އުރީދޫން ގާއިމުކޮށްފައިވާ ސްޓޯލްއަށް ޒިޔާރަތްކޮށްލުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. އެ ކުންފުނިން ދެމުން އަންނަ ހިދުމަތްތަކާއި ތައާރަފުުކޮށްފައިވާ އޮފާތަކާ ބެހޭ އެންމެފަހުގެ މައުލޫމާތު ލިބޭނެ އެވެ. އޭގެއިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަ ޒަމާނީ ޑިޖިޓަލް ހައްލުތައް ކިޔައިދޭނެ އެވެ.
ސްމާޓް ޑިވައިސްތައް ސީމްލެސް ބްރޯޑްބޭންޑް ކަނެކްޓިވިޓީގެ ބާރުން އިންޓަގްރޭޓްކޮށް އާންމު ދިރިއުޅުމަށް ބަދަލު ގެނައުމުގެ މަގުސަދުގައި ތައާރަފުކޮށްފައިވާ ސްމާޓާ ހޯމް އިނީޝިއޭޓިވް އާ ގުޅިގެން އުފެދޭ ސުވާލުތަކުގެ ޖަވާބު ވެސް ސްޓޯލަށް ޒިޔާރަތްކޮށް އުރީދޫގެ ޓީމުގެ ފަރާތުން އޮޅުންފިލުވާލެވޭނެ އެވެ.

ވެކޭޝަންސް އެކްސްޕޯގައި ހުރި އުރީދޫގެ ސްޓޯލް: ހިދުމަތްތަކާއި އޮފާތަކާ އަދި ޒަމާނީ ސްމާޓް ހައްލުތައް ކިޔައިދޭނެ / ފޮޓޯ:އުރީދޫ
މިރޭ އިތުރަށް ހާއްސަ ވަނީ އުރީދޫގެ އެއް އެމްބެސެޑަރު އެކްސްޕޯގައި ބައިވެރިވާތީ އެވެ. ހަބޭސް ބޮޑުބެރު ގްރޫޕުގެ ހިތްގައިމު ހުށަހެޅުންތައް 8:30 އިން ފެށިގެން ސެންޓްރަލް ޕާކުން ފެނިގެންދާނެ އެވެ.
ވީހާވެސް ގިނަ ފަރާތްތަކުން އެކްސްޕޯގައި ބައިވެރިވެ، އެ ކުންފުނީގެ ސްޓޯލަށް ޒިޔާރަތްކޮށްލުމަށް އުރީދޫން އެދެ އެވެ.
