އެމެރިކާގެ ޓެރިފް ސިޔާސަތުން ރާއްޖެއަށް ސީދާ އަސަރެއް ނުކުރާނެ: ސައީދު

އެމެރިކާގެ ޓެރިފް ސިޔާސަތަށް ގެނައި ބަދަލުގެ ސަބަބުން ރާއްޖޭގެ އިގުތިސޯދަށް ސީދާ އަސަރެއް ނުކުރާނެ ކަމަށް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ އެތެރޭގެ އުފެއްދުންތެރިކަން އިތުރުކުރުމުގެ ނަމުގައި އެ ގައުމަށް އިމްޕޯޓްކުރާ މުދަލަށް ނަގާ ޓެރިފް ރޭޓަށް ދާދިފަހުން ވަނީ ބަދަލު ގެނެސްފަ އެވެ. ބައެއް ގައުމުތަކަށް ބޮޑެތި ރޭޓުތަކެއް ކަނޑައެޅިއިރު، ބާކީހުރި ހުރިހާ ގައުމަކުން އިމްޕޯޓުކުރާ މުދަލުން 10 ޕަސެންޓުގެ ޑިއުޓީއެއް ނަގާނެކަން ވަނީ އިއުލާނުކޮށްފަ އެވެ.
މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އެކަމަށް އިޝާރަތްކުރައްވާ ސައީދު ވިދާޅުވީ ޓެރިފް ސިޔާސަތަށް ގެނައި ބަދަލުން ރާއްޖެއަށް ސީދާ އަސަރެއް ނުކުރާނެ ކަމަށާއި ކަމާ ގުޅިގެން ކުރިއަރައިދެވޭނެ ގޮތްތައް އެބަހުރި ކަމަށެވެ. އެގޮތުން ޗައިނާ އާއެކު ހަދާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން، އެފްޓީއޭ އާއެކު ރާއްޖެއަށް ނެގިދާނެ ފައިދާތަކެއް ހުރެދާނެ ކަމަށެވެ. ކުރެވިދާނެ މަސައްކަތްތަކާ ގުޅޭ މަޝްވަރާތަކާއި މަސައްކަތްތައް ހިނގަމުންދާ ކަމުގައި ފާހަަގަކުރެއްވި އެވެ.
"އެމެރިކާގެ ޓެރިފް ސިޔާސަތުގެ ސަބަބުން ސީދާ ޑައިރެކްޓް ގެއްލުމެއް ދިވެހިރާއްޖެއަކަށް، އަޅުގަނޑުމެންނަކަށް ފާހަގައެއް ނުކުރެވޭ. އެއީ ރާއްޖެއަށް އިންނަ ބޭސްލައިން ޓެރިފަކީ 10 ޕަސެންޓް މިހާރު. އޭގެ ތެރޭގައި ރާއްޖެއިން އެމެރިކާއަށް އެކްސްޕޯޓު މިކުރަނީ މަހާއި މަހުގެ ބާވަތްތައް. އަޅުގަނޑުމެންގެ ކޮމްޕެޓިޓަރުންނަށް ލިބިވަޑައިގެންފައި ހުރި ރޭޓު، އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންނަށް ވުރެ ބޮޑެތިހެން،" ސައީދު ވިދާޅުވި އެވެ.
ރާއްޖެއިން އެމެރިކާއަށް އެކްސްޕޯޓްކުރަމުން ދަނީ މަހާއި މަހުން އުފައްދާ ބާވަތްތަކެވެ. އެ ބާވަތްތަކުން މިހާރު ވެސް 10 ޕަސެންޓުގެ ޓެރިފެއް ނަގަ އެވެ. އެކަމަށް އިޝާރަތްކުރައްވާ ސައީދު ވަނީ ޓެރިފާ ގުޅިގެން ސީދާ ގެއްލުމެއް ރާއްޖެއަށް ކޮށްފާނެ ކަމަށް އަންދާާޒާނުކުރެވޭ ކަމަށް ފާހަގަކުރައްވާފަ އެވެ.
އިކޮނޮމިކް މިނިސްޓަރު ވިދާޅުވި ގޮތުގައި މަސައްކަތް ކުރަމުން ދަނީ އެމެރިކާ ހިމެނޭހެން ޔޫރަޕާއި އެހެނިހެން ކޮންޓިނެންޓްތަކާއި މާކެޓުތަކަށް މަހާއި މަހުގެ އުފެއްދުންތައް އެކްސްޕޯޓް ކުރެވޭނެ ގޮތްތައް ހޯދުމަށް ކަމުގަ އެވެ. ޗައިނާ އާއެކު ހަދާފައިވާ އެފްޓީއޭގެ އިތުރުން ތުރުކިއޭ އާއެކު ޕީޓީއޭއެއްގައި ސޮއިކުރެވިފައި ވަނީ ވެސް އެހެންވެ ކަމަށް ވިދާޅުވި އެވެ.
"ނަމަވެސް ދުނިޔޭގައި އެންމެ ބޮޑެތި އިކޮނޮމީތަކުން އެހެން ނިންމާ ކަންތައްތަކުގެ ސަަބަބުން ދުނިޔޭގެ ސަޕްލައި ޗެއިންއަށް ކުރާނެ އަސަރުތައް ހުންނާނެ. އެކަން އެ ދަނީ އެކަމާ ބެހޭ މާހިރުން، އިކޮނޮމިސްޓުން އަދި ފައިނޭންޝަލް އެކްސްޕާޓުންނާއި ބޮޑެތި ކުންފުނިތަކުގެ ވެރިން ކެނޑިނޭޅި އެކި ވަސީލަތްތަކުގައި ދައްކަމުން،" ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ އެމެރިކާއިން ގެނައި ބަދަލުގެ ސަބަބުން ބައިނަލްއަގުވާމީ ބާޒާރުގައި ތަކެތީގެ އަގު އުފުލި، އިގުތިސޯދަށް މަޑުޖެހުން އައުން އެކަށީގެންވާ ކަމަށް އެ ބޭފުޅުން ފާހަގަކުރައްވާ ކަމަށެވެ.
ރާއްޖޭގެ އިގުތިސޯދުގެ އެންމެ މުހިންމު އެެއް ތަނބަކީ ޓޫރިޒަމް ސިނާއަތަށް ވުމުން މިހާތަނަށް ފެންނަން ހުރި މައުލޫމާތުތަކަށް ބަލާއިރު އެރައިވަލްގެ މަޑުޖެހުމެއް ނެތް ކަމަށް ސައީދު ވިދާޅުވި އެވެ. ރާއްޖެ މާކެޓް ކުރުމަށް ކަމާ ގުޅުންހުރި ފަރާތްތައް ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ވެސް ފާހަަގަކުރެއްވި އެވެ.
