އިމާރާތުން ޒުވާނާ ވެއްޓުނު މައްސަލައިގައި ހައްޔަރުކުރި ރައުދުގެ ބަންދަށް ފަސް ދުވަހަށް ޖަހައިފި

މާލޭގެ ހެންވޭރުގައި ހުންނަ ގެއެއްގެ ފުރާޅު މައްޗަށް ޒުވާން އަންހެނަކު ވެއްޓުނު މައްސަލަ އާ ގުޅިގެން ހައްޔަރުކުރި ރައުދު އަހްމަދު ޒިލާލު (21އ) ބަންދަށް ފަސް ދުވަސް ޖަހައިފި އެވެ.
ހ. ފެންޓެނޯއީގޭގެ ނުވަ ވަނަ ފަންގިފިލާއިން ޖެހިގެން ހުރި މިޓާޒް ގޭގެ ފުރާޅު މައްޗަށް 21 އަހަރުގެ އަންހެނަކު ވެއްޓިފައި އޮތްވާ ފެނިފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނު އެވެ. އޭނާގެ ހާލު ދެރަވެގެން ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށް ފަހު، މިހާރު ވަނީ ވެންޓިލޭޓަރުން ނަގާފަ އެވެ.
އިމާރާތުން ޒުވާނާ ވެއްޓުނު ގޮތާއި މައްސަލައިގައި ފުލުހުން އަމަލުކުރަމުން ގެންދާ ގޮތާ މެދު ސުވާލު އުފައްދައި ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތަކުގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. ކަމާ ގުޅިގެން ކުރެވޭ ތުހުމަތުތަކާ އެކު ޒުވާނާއަށް އިންސާފު ނުލިބޭ ކަމަށް ބުނެ ޒުވާނުންނާއި އާންމުންގެ ގިނަ ބަޔަކު ވަނީ ފާއިތުވެދިޔަ ދެ ރޭ އިހުތިޖާޖު ވެސް ކޮށްފަ އެވެ.
މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މައްސަލަ އާ ގުޅިގެން ހައްޔަރުކުރި ރައުދުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ.
"2025 އޭޕްރީލް 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލަ އާ ގުޅިގެން ހައްޔަރުކުރި ރައުދު އަހްމަދު ޒިލާލްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 5 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުުރުކޮށްފައި." މެސެޖުގައިވެ އެވެ.
ޒުވާނާ ވެއްޓުނު މައްސަލަ އާ ގުޅިގެން ރައުދު ހައްޔަރުކުރީ ރޭ 6:20 ހާއިރު އެވެ. އޭނާ އާއެކު މައްސަލައިގައި ތުހުމަތު ކުރެވޭ އެންމެންގެ ފޯނު ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. މައްސަލަ އާ ގުޅިގެން ފުލުހުން ވަނީ މއ. މާންދޫގޭދެކުނުގެ ޓެރަސް އާއި އެ ގޭގެ ދެ ވަނަ އަދި ހަތަރު ވަނަ ފަންގިފިލާގެ އިތުރުން ގ. ކަށިވެލި ތިން ވަނަ ފަންގިފިލާ ބަލައި ފާސްކޮށްފަ އެވެ.
މައްސަލައިގެ ތަހުގީގުގެ މައުލޫމާތު ދިނުމަށް އިއްޔެ އިސްކަންދަރު ބިލްޑިންގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވެފައި ޒުވާނާ ވެއްޓުނު އިމާރާތުގައި އޭނާ އާއެކު އުޅުނު ރައުދުގެ އިތުރުން މައްސަލަ އާ ގުޅުންހުރި ހަތް މީހަކު ދެނެގަނެވިފައިވާ ކަމަށެވެ.
ޕްރެސްގައި ފުލުހުން ވަނީ އެ މީހުންގެ ވަނަވަރު އާންމުކޮށްފަ އެވެ. އެ މީހުންގެ ޕާސްޕޯޓު ހިފަހައްޓައި ގުޅުންހުރި ތަންތަން ބެލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.