ޚަބަރު ސިޔާސީ

ޓްރާންސްޕޯޓް މިނިސްޓަރު އަމީން މަގާމުން ސަސްޕެންޑްކުރަން އެމްޑީޕީން ގޮވާލައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައީސް އޮފީހުގައި ބޭއްވި ޕްރެސްއެއްގައި ޓްރާންސްޕޯޓް މިނިސްޓަރު އަމީން ވާހަކަ ދައްކަވަނީ / ފޮޓޯ:ރައީސް އޮފީސް

މާލޭގެ ހެންވޭރުގައި ހުންނަ ގެއެއްގެ ފުރާޅު މައްޗަށް ޒުވާން އަންހެނަކު ވެއްޓުނު މައްސަލައިގެ ތަހުގީގަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ނުފޫޒު ފޯރުވަމުންދާ ކަމަށް ތުހުމަތުކޮށް މަގާމުން ސަސްޕެންޑްކުރަން އެމްޑީޕީން ގޮވާލައިފި އެވެ.

Ads by STELCO

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ ހާދިސާއާ ގުޅުންހުރި އެއް އިމާރާތަކީ އަމީން ދިރިއުޅުއްވާ ގެ ކަމަށާ އަދި އެ ހާދިސާއާ ގުޅުން ހުރި ބައެއް މީހުންނަކީ ވެސް މިނިސްޓަރާ އާއިލީ ގޮތުން ގުޅުންހުރި މީހުން ކަމަށެވެ.

އެހެންވެ މިނިސްޓަރު ތަހުގީގަށް ނުފޫޒު ފޯރުވާ ކަމަށް ކުރެވޭ ތުހުމަތުތަކަށް ރިއާޔަތްކޮށް އެމްޑީޕީން ބުނީ އެކަމާ ގުޅޭ ނޫސްވެރިންގެ ބައްދަލުވުން އިއްޔެ ހިނގަމުން ދަނިކޮށް ވެސް މިނިސްޓަރު ޕޮލިސް ކޮމިޝަނަރަށް އެތައް ފަހަރަކު ގުޅުއްވަން މަސައްކަތް ކުރެއްްވި ކަމަށް ދޭހަވާ ވާހަކަތަކެއް ލައިވްފީޑްތަކަށް އަރާފައިވާ ކަމަށެވެ.

މީގެކުރިން އަމީން ވަނީ އެ މައްސަލައިގައި ނުފޫޒު ފޯރުވަން މަސައްކަތް ނުކުރައްވާ ކަމަށް ވިދާޅުވެ އޭނާއަށް ކުރެވިފައިވާ ތުހުމަތުތަކަށް އިންކާރުކުރައްވާފަ އެވެ.

އެހެންނަމަވެސް ޕޮލިސް ކޮމިޝަނަރަށް އަމީން ގުޅުއްވަން އުޅުއްވުމަކީ ތަހުގީގަށް ނުފޫޒު ފޯރުވަން އުޅުނު ކަމުގެ އަމަލެއް ކަަމަށް ބެލުމުގެ ޖާގަ އޮތުމުން އެފަދަ މައްސަލައެއްގެ ތަހުގީގު އިންސާފުވެރިކަމާ އަދި އާންމުންގެ އިތުބާރު ލިބޭ ގޮތަށް ކުރިއަށް ގެންދެވޭނީ މިނިސްޓަރު މަގާމުން ވަކިކޮށް ނުވަތަ ސަސްޕެންޑްކޮށްގެން ކަމަށް އެމްޑީޕީން ބުންޏެެވެެ.

އެހެންވެ ވަގުތުން ވަގުތަށް އަމީން މަގާމުން ސަސްޕެންޑްކުރުމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ގޮވާލި އެވެ.

އެ މައްސަލައިގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޮ ޑިޖިޓަލް ސްޓެރެޓެޖީގެ މަގާމުގައި ހުންނެވި ދާއޫދު އަހްމަދު ޒިލާލް ސަސްޕެންޑްކޮށް، ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޮ ސްޓްރެޓެޖިކް ކޮމިއުނިކޭޝަންގެ މަގާމުގައި ހުންނެވި އިޒްދިޔާން މުހައްމަދު މައުމޫން އިއްޔެ ވަނީ ވަކި ވެސް ކޮށްފަ އެވެ.

އަންހެން މީހާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، އޭނާ މިހާރު ވަނީ ވެންޓިލޭޓަރުން ނަގާފަ އެވެ.

Ads by HDC