ޚަބަރު ސަރުކާރު

މެލޭޝިއާގައި އުޅޭ ދިވެހިންނަށް ދިމާވާ ދަތިތައް ދަތުރުގެ ތެރެއިން ހައްލުކޮށްދޭނަން: ރައީސް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ރައީސް މެލޭޝިއާއަށް މިއަދު ފުރާވަޑައިގަތުމުގެ ކުރިން ނައިބު ރައީސް ހުސައިން އާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި / ފޮޓޯ:ރައީސް އޮފީސް

މި ވަގުތު ގައުމުން ބޭރުގައި އެންމެ ގިނަ އަދަދަކަށް ދިވެހިން ވަޒަންވެރިވެ، ދިރިއުޅެމުން ގެންދާ މެލޭޝިއާއަށް މިއަދު ފެއްޓެވި ރަސްމީ ދަތުރުފުޅުގެ ސަބަބުން، އެ ގައުމުގައި ދިރިއުޅޭ ދިވެހި އާބާދީއަށް ލުއިފަސޭހަ ގޮތަކަށް ކަންކަން ފަހިވެގެންދާނެ ކަމުގެ އުންމީދު ބޮޑު ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

Ads by MPL

ރައީސް އެހެން ވިދާޅުވީ، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމްގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އެ ގައުމަށް ފުރާވަޑައިގަތުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

މެލޭޝިއާ އާއި ރާއްޖެއަކީ މިހާރު ވެސް ގާތް ގުޅުމެއް އޮތް ދެ ގައުމު ކަމަށާއި މި ދަތުރުފުޅުގެ ސަބަބުން އެ ގުޅުމަށް އިތުރު ބަދަހިކަމެއް ލިބިގެންދާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މެލޭޝިއާއަކީ މިވަގުތު އެންމެ ގިނަ އަދަދެއްގެ ދިވެހިން، ގައުމުން ބޭރުގައި ވަޒަންވެރިވެފައިވާ ގައުމު ކަމަށެވެ. އެއީ މި ދަތުރުފުޅުގައި ދިވެހި ސަރުކާރުގެ ފަރާތުން އިތުރު ކަންތައްތަކެއް ފަހިވެގެން ދިއުމަށް އެދިވަޑައިގަންނަވާ އެއް ސަބަބު ކަމަށެވެ. ދަތުރުފުޅުގެ ތެރެއިން އެ ކަންކަމަށް މަސައްކަތްޕުޅުތަކެއް ކުރެވޭނެ ކަމުގައި ފާހަގަކުރެއްވި އެވެ.

މި ދަތުރުފުޅުގެ ތެރެއިން އިކޮނޮމިކް މިނިސްޓްރީން އިންތިޒާމުކުރާ ބިޒްނަސް ފޯރަމަށް އަލިއަޅުއްވާލައްވާ ރައީސް ވަނީ އެ ރޮނގުން ތަނަވަސް މަގުތަކެއް ހުޅުވިގެންދާނެ ކަމަށް އިޝާރާތް ކުރައްވާފަ އެވެ.

އޭގެ އިތުރުން ދެ ގައުމުގެ ސަރުކާރުގެ މެދުގައި ރަސްމީ މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާ އަދި މުހިންމު ކަންތައްތަކެއް ކުރިއަށްދާނެ ކަމުގައި ވެސް ރައީސް ވިދާޅުވި އެވެ. ދެ ގައުމުގެ މެދުގައި އޮތް ގާތް ގުޅުމުގެ ނަތީޖާއެއްގެ ގޮތުން މި ދަތުރުފުޅަކީ ކާމިޔާބު ދަތުރުފުޅަކަށް ވެގެންދާނެ ކަމުގައި ހާމަކުރެއްވި އެވެ.

މެލޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި، އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވާ، އެ ފަރާތްތަކަށް ދިމާވާ މައްސަލަތަކާ ގޮންޖެހުންތައް އޮޅުންފިލުއްވައި، އެ ގައުމުގެ ސަރުކާރުގެ ފަރާތުން އެ ރައްޔިތުންނަށް ބޭނުންވާ ކަންކަމާ ބެހޭ ގޮތުން ވާހަކަ ދެކެވޭނެ ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި ދިވެހި އައިޑީ ކާޑާއި ޕާސްޕޯޓުގެ ހިދުމަތް މެލޭޝިއާގައި ތިބެގެން ހޯދޭނެ އިންތިޒާމު ވެސް މި ދަތުރުފުޅުގެ ތެރެއިން ހަމަޖެހިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސް ވިދާޅުވި އެވެ.

މެލޭޝިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ބޭނުންވާ ކޮންސިއުލަ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރެއްވުމާއި ދަރިވަރުންނަށް ބޭނުންވާ ހިދުމަތްތައް ރަނގަޅުކޮށްދެއްވުމުގެ މަސައްކަތްޕުޅުތައް ކުރިއަށް ގެންދަވާނެ ކަމުގައި ވެސް ރައީސް ވިދާޅުވި އެވެ.

މި ދަތުރުފުޅުގައި ދެ ގައުމުގެ ލީޑަރުންގެ ހާޒިރުގައި މުހިންމު ދާއިރާތަކުން އެއްބާރުލުންދިނުމާ ގުޅުންހުރި ފަހުމުނާމާތަކުގައި ސޮއިކުރައްވައި، ނޯޓް އެކްސްޗޭންޖްތައް ކުރިއަށް ގެންދިއުމަށް ވަނީ ތާވަލުކޮށްފަ އެވެ.

ރައީސްގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނާއި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.

Ads by HDC