ކަޝްމީރު ހަމަލާގެ ރައްދު ދިނުމުގައި އިންޑިއާ ސިފައިންނަށް މިނިވަންކަންދީފި

ކަޝްމީރުގެ އިންޑިއާ ފަޅީގައި އެތައް ބަޔަކު މަރާލި ހަމަލާގެ ރައްދު ދިނުމުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީ އިންޑިއާ ސިފައިންނަށް "އޮޕަރޭޝަނަލް ފްރީޑަމް" ދެއްވާފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
ވާދަވެރި ނިއުކްލިއާ ދެ ބާރުގެ ގުޅުން ފާއިތުވި އަހަރުތަކުގައި ގޯސް ނުވާ ހިސާބަށް މިހާރު ގޯސްފައި ވަނިކޮށް މޯދީ މިއަދު ވަނީ އަސްކަރިއްޔާ އާއި ސަލާމަތީ އިސްވެރިންނާ ބައްދަލުކުރައްވައިފަ އެވެ.
މި ބައްދަލުވުމާ ބެހޭ ގޮތުން މީޑިއާއާ ވާހަކަ ދެއްކުމުގެ ހުއްދަ ނެތުމުން ނަން ސިއްރުކުރުމަށް ޝަރުތުކޮށް އޭއެފްޕީއާ ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވީ "ޓެރަރިސްޓް ހަމަލާއާ ގުޅިގެން އަމަލުކުރާނެ ގޮތާއި، އަމާޒުތަކާއި، ވަގުތު ކަނޑައެޅުމުގެ ފުރިހަމަ އޮޕަރޭޝަނަލް މިނިވަންކަން ސިފައިންނަށް ލިބިގެންވާ" ކަމަށް ސިފައިންނަށް މޯދީ އެންގެވި ކަމަށެވެ.
އަސްކަރިއްޔާގެ އިސްވެރިންގެ އިތުރުން ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންގް އާއި މޯދީ ބޭއްވެވި މި ބައްދަލުކުރެއްވުމުގެ ވީޑިއޯ އާންމުކޮށްފައި ވާއިރު މޯދީގެ މޫނުމަތިން ހަރުކަށިކަމާއި ނުރުހުމުގެ ނިޝާން ވަރަށް ބޮޑަށް ފެންނަން ހުއްޓެވެ.
މިދިޔަ ހަފްތާގައި ކަޝްމީރުގައި ބަޑިން ހަމަލާދީ 26 މީހަކު މަރާލި ހާދިސާއަށް ފަހު އިންޑިއާ އިން ޕާކިސްތާނާ ދެކޮޅަށް ފިޔަވަޅުތައް އެޅުމާ އެކު ޕާކިސްތާނުން ވެސް ރައްދުގައި ފިޔަވަޅުތައް ވަނީ އަޅައިފަ އެވެ. އަދި ހަމަލާ ދިން ފަހުން ކޮންމެ ރެޔަކު ކަޝްމީރުގެ ލައިން އޮފް ކޮންޓްރޯލް ހުރަސްކޮށް ދެ ގައުމުގެ ސިފައިން ހަމަލާތައް ބަދަލުކުރާ ކަމަށް ރިޕޯޓްކުރެ އެވެ. ނަމަވެސް ލުއި ހަތިޔާރުން ދޭ މި ހަމަލާތަކުގައި ގެއްލުމެއްވި ކަމުގެ ރިޕޯޓެއް ނެތެވެ.
ޓޫރިޒަމަށް މަޝްހޫރު ޕަހަލްގާމްގައި މިދިޔަ އަންގާރަ ދުވަހު، ހަތިޔާރު އަޅައިގެންތިބި ބަޔަކު 26 މީހަކު މަރާލާފައި ވާއިރު ނޭޕާލް މީހަކު ފިޔަވައި ދެން އެންމެންނަކީ އިންޑިއާ މީހުންނެވެ. މިއީ މުސްލިމުން ގިނަ އެ ސަަރަހައްދުގައި 2000 ވަނަ އަހަރުގެ ފަހުން އާންމުންނަށް އަމާޒުކޮށް ދިން އެންމެ ނުރައްކާތެރި ހަމަލާ އެވެ.
ކަޝްމީރަކީ 1947 ގައި އިންޑިއާ އާއި ޕާކިސްތާނު މިނިވަންވުމަށް ފަހު އެ ދެ ގައުމުގެ މެދުގައި ބެހިފައިވާ ސަރަހައްދެކެވެ. އެ ދެ ގައުމުން ވެސް މުޅި ކަޝްމީރުގެ މިލްކުވެރިކަމަށް ދައުވާކުރެ އެވެ. ކަޝްމީރުން އިންޑިއާގެ ބާރުގެ ދަށުގައިވާ ސަރަހައްދުގައި 1989 އިން ފެށިގެން ހަނގުރާމަވެރި ގްރޫޕްތަކުން އެ ސަރަހައްދަށް ވަކިން މިނިވަންކަން ދިނުމަށް ނުވަތަ ޕާކިސްތާނާ އެ ސަރަހައްދު އެއްކޮށްލުމަށް ޑިމާންޑުކޮށް ގެންދަނީ ހަމަލާތައް ދެމުންނެވެ.
ކަޝްމީރުގެ މިނިވަންކަމަށް 1989 ވަނަ އަހަރުން ފެށިގެން ހަނގުރާމަކުރަމުން އަންނައިރު އިންޑިއާ އާއި ޕާކިސްތާނުން އަބަދުވެސް ގެންދަނީ މަސްރަހު ގޯސްކުރަން މަސައްކަތްކުރާ ކަމުގެ ތުހުމަތު އެއް ގައުމުން އަނެއް ގައުމަށް ކުރަމުންނެވެ.
