ސަމާލުވޭ!އޮޅުވާލައިގެން ފައިސާ ފޭރެމުންދާ މީހުންގެ މަސައްކަތް މެކުހަށް، މީހަކު އަތުން ދެލައްކައެއްހާ ރުފިޔާ ފޭރިގެންފި
ބޭންކް އޮފް މޯލްޑިވްސްއާ އެހެން ބައެއް ކުންފުނިތަކާއި އަދި ގާތް ރައްޓެހީންގެ ނަމުގައި ގުޅައިގެން ދޮގު ހަދާ އޮޅުވާލައިގެން ފައިސާ ހޯދާ މީހުންގެ ވާހަކަ އަކީ އާންމުކޮށް އެންމެން ވެސް ދަންނަ ވާހަކައެކެވެ. އަދި މިއީ އެތައް އަހަރެއް ކުރީންސުރެ ހިނގަމުން އަންނަ އާންމު ކަމެކެވެ.
އެމީހުން ގެންދަނީ އޮޅުވާލުމުގައި ފަހަރަކަށްވުރެ ފަހަރެއް ކުރިއަށް ޖައްސަމުންނެވެ. މީހުން ގަބޫލު ކުރާނެހާ ގިނަ ސިފަ ވާހަކަތަކުގައި ޖެއްސުމާއި ގާތް މީހުންގެ ނަމާއި އެމީހުންގެ މައުލޫމާތު އެއްކޮށް އެ މައުލޫމާތުތައް ވާހަކަތަކުގައި ބޭނުން ކުރެއެވެ.
ދުވަސްކޮޅަކަށް މެދުކެނޑިފައި އޮތުމަށްފަހު އަނެއްކާ ވެސް މި ގުރޫޕްގެ މަސައްކަތް މި ވަނީ ފެށިފައެވެ. ދިރާގާއި އުރީދޫ ސިމްކާޑު ބޭނުން ކޮށްގެން ނުވަތަ ބޭންކް އޮފް މޯލްޑިވްސްގައި އޮންނަ އެކައުންޓްތަކުގެ ތެރޭގައި މި ކުޅިވަރު ހިންގާއިރު ވެސް އަތްދަށު ނުވާ މި ގުރޫޕް މިފަހަރު ދަނީ އެކި އުކުޅުތައް ބޭނުން ކުރަމުންނެވެ.
ކޮވިޑާ ގުޅިގެން ތ.އަތޮޅު ވަންދޫގައި ތާށިވެފައި ހުރި މީހަކު މާލެ ދާން ޓިކެޓެއް ގަންނަށް ވެގެން ރައްޓެއްސެއްގެ ނަމުގައި މީހަކަށް ގުޅައިފިއެވެ. ނަމަވެސް ރައްޓެއްސެއްގެ ގޮތުގައި ބުނި ނަމަކީ ދިރިހުރި މީހެއް ނޫނެވެ. އިނާމަކަށް އެޕާޓްމަންޓެއް ލިބިގެން ، ޑިޕޮސިޓެއްގެ ގޮތުގައި ފައިސާ ހޯދުމަށް ގުޅައިފިއެވެ. ޕޭމަންޓެއް ކުލިއަރ ކުރަން މިއަދުން މިއަދަށް ކުޑަ ފައިސާކޮޅެއް ބޭނުންވާތީ ރައްޓެއްސެއްގެ ނަމުގައި ގުޅައިފިއެވެ.
މިހެން ގޮސް ކިތަންމެ ކިތަންމެ ވާހަކައެކެވެ. އޮޅުވާލުމުގެ ކިތަންމެ ކިތަންމެ ހާދިސާއެކެވެ. އެންމެ ފަހުން މި ހަފްތާގައި މީހެއްގެ އަތުން ދެލައްކައެއްހާ ރުފިޔާ ވެސް މިވަނީ ފޭރިގެންފައެވެ. ބޭންކް އޮފް މޯލްޑިވްސްގެ ނަމުގައި ގުޅާ ، އެކައުންޓާއި ފުށުއަރާ އެހެން އެކައުންޓެއް އޮތީތީ އާ އެކައުންޓް ނަމްބަރަށް ޖަމާކޮށްދޭން ބުނި ބުނުމާއެކު އެކަން ކުރި މީހާއަށް ވެސް އޮޅުނީ އެމީހުން އެކަން ގެންދިޔަ "ފުރިހަމަ" ކަމަށް ޓަކައެވެ.
ކޮވިޑްގެ މި ހާލަތުގައި ގިނަ ބަޔަކު އަތްމަތި ދަތިވެ ހާލުގައި ޖެހެމުންދާއިރު އެއް ބަޔަކު ދަނީ މި ހާލަތުގެ ނާޖާއިޒު ފައިދާ ނަގަމުންނެވެ. އަދި ކުރިން ވެސް ފާހަގަ ކޮށްލިހެން ބޭންކް އޮފް މޯލްޑިވްސްގެ ރަސްމީ އެކައުންޓްތައް ބޭނުން ކޮށްގެން މި ބޮޑު ޖަރީމާ ހިންގާއިރު ބޭންކާއި ފުލުހުން ވެސް އެ ތިބީ މިކަން ހުއްޓުވުމަށް ނުކުޅެދިފައެވެ. އެހެން ނަމަވެސް މިކަމުގައި ވެސް ހޭލުންތެރިވެ ސަމާލުވުމަކީ ފަރުދީ ޒިންމާއެކެވެ. ކާޑުގެ މައުލޫމާތު ހޯދުމަށާއި އެކެއްގެ އެކައުންޓުން އަނެކެއްގެ އެކައުންޓަށް ޓްރާންސްފާ ކުރުމަށް ކަސްޓަމަރަކަށް ގުޅުމަކީ ބޭންކުތަކުން ކުރާ ކަމެއް ނޫނެވެ.