ޚަބަރު ސިޔާސީ

މުޒާހަރާއިން ހައްޔަރުކުރި ދެ ޒުވާނުން ދޫކޮށްލުމަށް ނަޝީދު ގޮވާލައްވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މަޖީދީ މަގުގައި ހުންނަ ފުލުހުންގެ ސާޖެންޓް އާދަމް ހަލީމް ބިލްޑިން ކުރިމަތީގައި ޒުވާނުން އިސްނަގައިގެން ކުރިއަށް ގެންދިޔަ އިހުތިޖާޖެއް / ފޮޓޯ:މަހްޒޫމް

މާލޭގެ ހެންވޭރުގައި ހުރި އިމާރާތަކުން ފުރާޅެއްގެ މައްޗަށް ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދޭން ގޮވާލައި ޒުވާނުން އިސްނަގައިގެން ސިލްސިލާކޮށް ބާއްވަމުން އަންނަ މުޒާހަރާތަކުގެ ތެރެއިން ރޭ ހައްޔަރުކުރި ދެ ޒުވާނުން މިނިވަން ކުުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

Ads by MPL

ޔުމްނުއަށް އިންސާފު ނުލިބޭ ކަމަށް ބުނެ، "ދުލެއް ނުކުރާނަން" ގެ ނަމުގައި ކުރިއަށް ގެންދާ މުޒާހަރާތައް ބާއްވަމުން އަންނަނީ މަޖީދީ މަގު، ހެންވޭރު ޕޮލިސް ހުންނަ ސަރަހައްދުގަ އެވެ. މިދިޔަ ދެ ހަފުތާއެއްހާ ދުވަހުގެ ކޮންމެ ރެއެއްގެ ވެސް 8 އިން 12 އަށް މުޒާހަރާތައް ކުރިއަށް ގެންދެ އެވެ. ރޭ ކުރިއަށް ގެންދިޔަ މުޒާހަރާ 12 ޖަހަން އުޅެނިކޮށް ބާރުގެ ބޭނުންކޮށް ވަނީ ރޫޅާލާފަ އެވެ.

މުޒާހަރާ ރޫޅާލުމަށް ޕެޕާ ސްޕްރޭ ޖަހައި ބާރުގެ ބޭނުން ކުރުމުގެ ތެރޭގައި ފުލުހުންނާއި ޒުވާނުންނާ ދެމެދު ކުރިމަތިލުންތަކެއް ވެސް ވަނީ ހިނގާފަ އެވެ. ފުލުހުން ވަނީ ޒުވާނުން ބޭނުން ކުރަމުން ދިޔަ އަޑުގަދަކުރާ ފަދަ ތަކެތި އަތުލައިގަނެ، މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވާ ދެ ޒުވާނަކު ހައްޔަރު ވެސް ކޮށްފަ އެވެ.

މުޒާހަރާ ރޫޅާލުމުގެ ތެރޭގައި ހައްޔަރުކުރީ އަބްދުﷲ މަހްޒޫމް މާޖިދާއި އާއިޝަތު ޝިމަން އަހްމަދެވެ. ފުލުހުން ބުނީ މަހްޒޫމް އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސް އަޅައި، އަމުރަށް ނުކިޔަމަންތެރިވެ ފުލުހަކަށް ހަމަލާ ދޭން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ. އަދި ޝިމަން ހައްޔަރުކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ކަމަށެވެ.

އެކަމާ ގުޅިގެން "އެކްސް" ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ހައްގުތަކުގެ ދިފާއުގައި ޒުވާނުން ތެދުވެ ވަކާލާތު ކުރުމަކީ ލިބޭ ހިތްވަރެއް ކަމަށާއި މިހާރު ކުރަމުންދާ މުޒާހަރާތަކުގައި ބައިވެރިވާ ޒުވާނުންގެ އަޒުމާއި ހިތްވަރުން އެކްޓިވިޒަމް ދައްކުވައިދޭ ކަމަށެވެ.

"ހައްގުތަކުގެ ދިފާއުގައި ތެދުވެ، ވަކާލާތުކުރަން ހިތްވަރު ލިބޭ އަދި އެކަމަށް ބާރުއަޅާ ސަގާފަތެއް ބިނާ ކުރެވުމަކީ ލިބޭ ހިތްހަމަޖެހުމެއް،" ނަޝީދު ވިދާޅުވި އެވެ.

ޝިމަން އާއި މަހްޒޫމް ހައްޔަރުކުރީ އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ހިފަމުންދަނިކޮށް ކަމުގައި ފާހަގަކުރައްވާ ނަޝީދު ވަނީ އެ ދެ ޒުވާނުން މިނިވަން ކުރުމަށް ގޮވާލައްވާފަ އެވެ.

ޖަލްސާއެއްގައި ކުރީގެ ރައީސް ނަޝީދު ވާހަކަ ދައްކަވަނީ / ފޮޓޯ:ދެން އިމޭޖްސް

ރޭގެ މުޒާހަރާއިން ހައްޔަރުކުރި ދެ ޒުވާނުން މިނިވަން ކުރުމަށް ނަޝީދު ގޮވާލެއްވިއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ޒުވާނުން މިނިވަން ކުރަން ގޮވާލައްވާފަ އެވެ.

ސޯލިހު ވިދާޅުވެފައި ވަނީ ސުލްހަވެރިކަމާ އެކު ވަކި ފަރާތަކަށް ނުޖެހޭ ޒުވާނުންތަކެއް ކުރިއަށް ގެންދިޔަ މުޒާހަރާ ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް ރޫޅާލުމުން ދައްކުވައިދެނީ ސަރުކާރުން މި ކަމުގައި ގެންގުޅެމުންދާ ނުބައި ނިޔަތް ކަމަށެވެ. ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ހައްގާއި ގާނޫނުގެ ކުރިމަތީގައި އެންމެންގެ ހަމަހަމަކަމާ އަދި އިންސާފު ހޯދުމުގެ ހައްގަކީ ޑިމޮކްރަސީގެ އަސާސީ ސިފަތަކެއް ކަމަށެވެ. އިންސާފު ހޯދައި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރާ މަސައްކަތުގައި ޒުވާނުންނާ އެކު ހުންނެވި ކަމަށް ސޯލިހު ވިދާޅުވެފައިވެ އެވެ.

އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިންނާއި ދަ ޑިމޮކްރެޓްސް އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ވެސް ވަނީ ޝިމަން އާއި މަހްޒޫމް މިނިވަން ކުރުމަށް ގޮވާލާފަ އެވެ.

Ads by Allied Insurance