ސްޕެއިންގައި ޕައިލެޓުކަން ކިޔަވަމުންދާ ދަރިވަރުންނާ ހައިދަރު ބައްދަލުކުރައްވައިފި

ސްޕެއިންގައި ޕައިލެޓުކަން ކިޔަވަމުންދާ ދަރިވަރުންނާ ހަޔާ އެޑިއުކޭޝަން، ލޭބަ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު ބައްދަލުކުރައްވައިފި އެވެ.
ސްޕެއިންގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް ވިސާގެ މައްސަލަތަކާ ކުރިމަތިވުމާއި ސްޓައިޕެންޑް ފައިސާގެ އަދަދު މަދުވުމުން ދިމާވާ ދަތިތަކާ ގުޅިގެން ހަޔާ އެޑިއުކޭޝަން މިނިސްޓަރަށް ވަނީ ސިޓީއެއް ފޮނުވާފަ އެވެ. ސިޓީގެ ޖަވާބު ނުލިބި ދިގު މުއްދަތެއް ފާއިތުވެގެން ދިއުމާ އަދި ދަރިވަރުން ކުރާ މެއިލްތަކަށް އެ މިނިސްޓްރީން ޖަވާބު ނުދޭކަމުގެ ކަންބޮޑުވުން ދަރިވަރުން ވަނީ ސޯޝަލް މީޑިއާގައި ހާމަކޮށްފަ އެވެ.
ދަރިވަރުންނަށް ކުރިމަތިވެފައިވާ އެ މައްސަލަތަކާ ގުޅިގެން ހަޔާ އެޑިއުކޭޝަން މިނިސްޓަރާ ބައްދަލުކުރުމަށް ހުށަހަޅާފައި އޮންނަތާ ވެސް ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ ސްޕެއިންގައި ތައުލީމް ހާސިލުކުރަމުންދާ ބައެއް ދަރިވަރުންނާ އޮންލައިންކޮށް މިނިސްޓަރު ހައިދަރު ބައްދަލުކުރައްވާފައިވާ ކަމަށެވެ. އެ ބައްދަލުވުމުގައި ސަރުކާރުގެ ލޯނު ސްކީމުގެ ދަށުން މި ވަގުތު އެ ގައުމުގެ ބާސެލޯނާގައި ޕައިލެޓުކަން ކިޔަވަމުންދާ ގިނަ ދަރިވަރުންތަކެއް ބައިވެރިވެފައިވާ ކަަމަށެެވެ.
ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ދަރިވަރުންގެ ހުރި ކަންބޮޑުވުންތައް މިނިސްޓަރާއި މިނިސްޓްރީގެ އިސް ބޭފުޅުންނާ ހިއްސާކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ. އެގޮތުން މިނިސްޓަރު ހައިދަރު ވަނީ ދަރިވަރުންގެ ކަންބޮޑުވުންތައް ތަފުސީލުކޮށް އަޑުއައްސަވައި، ދަރިވަރުންގެ ބައެއް ކަންބޮޑުވުންތަކަށް ހައްލު ހޯދައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައިކަން ފާހަގަކުރި އެވެ.
އޭގެ އިތުރުން މޫސުމަށް އަންނަ ބަދަލުތައް ފަދަ ދަރިވަރުންގެ އިހުތިޔާރުން ބޭރުން ދިމާވާ މައްސަލަތަކުގެ ސަބަބުން ޕައިލެޓުކަން ކިޔަވާ ދަރިވަރުންގެ ކޯހުގެ މުއްދަތު ދިގުލާ ދިއުމާ ގުޅިގެން ދިމާވާ މާލީ ދަތިތަކާ ގުޅޭ މަޝްވަރާތައް ކުރެވިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި މިފަދަ ބައްދަލުވުންތަކަކީ ރާއްޖެއިން ބޭރުގައި މަތީ ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ދިމާވާ އެކި މައްސަލަތަކަށް ހައްލު ހޯދައިދިނުމުގެ އިތުރުން ދަރިވަރުންނަށް ބޭނުންވާ އެހީ އާއި އެއްބާރުލުން އެ މިނިސްޓްރީގެ ފަރާތުން ފޯރުކޮށްދިނުމަށް އަމާޒުކޮށް ބޭއްވޭ ބައްދަލުވުންތަކެއް ކަމުގަ އެވެ.
އެ ބައްދަލުވުމުގައި ހައިދަރުގެ އިތުރުން ސްޓޭޓް މިނިސްޓަރު ޑރ. އަބްދުއްރަހީމް ހަސަނާއި ޑެޕިއުޓީ މިނިސްޓަރު އައިމިނަތު ނަދާ މުހައްމަދާއި ޑިރެކްޓަ ޖެނެރަލް މަރްޔަމް މުހައްމަދު އަދި ސްޓޫޑަންޓް ލޯނު ސެކްޝަންގެ ޑިރެކްޓަ ފާތިމަތު ޝިނާން ބައިވެރިވެވަޑައިގެންނެވި އެވެ.
