ޔުމްނުގެ އުޅަނބޮއްޓަށް ލިބިފައި ވަނީ ދާއިމީ ގެއްލުމެއް: އާއިލާ

ހ. މިޓާޒު ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުގެ އުޅަނބޮއްޓަށް ލިބިފައި ވަނީ ދާއިމީ ގެއްލުމެއް ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އޭނާގެ އާއިލާއިން ބުނެފި އެވެ.
މިޓާޒު ގޭގެ ފުރާޅުމަތީގައި ޔުމްނު އޮތްވާ ފެނިފައި ވަނީ މިދިޔަ މަހުގެ 18 ވީ ހުކުރު ދުވަހުގެ ހެނދުނު އެވެ. ފުރާޅުމައްޗަށް ޔުމްނު ވެއްޓިފައި ވަނީ ޖެހިގެން ހުރި ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ޔުމްނުއަށް ލިބިފައިވާ އަނިޔާތަކަށް އައިޖީއެމްއެޗުގައި ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށް ދަތުރުކުރުމުގެ ހުއްދަ ލިބުމާ އެކު މިދިޔަ މަހުގެ 27 ވަނަ ދުވަހު ވަނީ މެލޭޝިއާއަށް ގެންގޮސްފަ އެވެ. އެއީ އޭނާގެ އާއިލާގެ ބައެއް މީހުން އެ ގައުމުގައި ދިރިއުޅެމުން އަންނާތީ އާ ވެސް އެކުގަ އެވެ.
ފަރުވާއަށް ބޭނުންވާ ހުރިހާ ހަރަދެއް ހަމަޖައްސައިދޭނެ ކަމަށް ސަރުކާރުން ބުނިއިރު، އެންސްޕާ މެދުވެރިކޮށް ހަމަޖައްސައިދިނީ މެލޭޝިއާއަށް ގެންދިއުމަށް ބޭނުންވާ 25،000 ޑޮލަރު (385،500 ރުފިޔާ) އެވެ. ފަންޑްރެއިސިންއަށް ޓިކްޓޮކްގައި ކުރިއަށް ގެންދިޔަ ލައިވް އިވެންޓެއްގައި ހަތް ލައްކައަށް ވުރެ ގިނަ ރުފިޔާ ވަނީ ހޯދާފަ އެވެ.
ޔުމްނުގެ ކަރާ ދިމާލުން މައިބަދައިގެ ކަށިގަނޑުގައި ރެނދެއް ލާފައިވާތީ ނާޒުކު ސާޖަރީއެއް ވަނީ ކޮށްފަ އެވެ. އާއިލާއިން ބުނެފައި ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ސާޖަރީ ކާމިޔާބު ކަމަށެވެ. ސޯޅަ ދުވަހަށް ފަހު ހޭއަރާފައިވާއިރު، ޔުމްނުގެ ހާލަތު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށް އާއިލާއިން ބުނެ އެވެ.
ޔުމްނު އާ ގުޅޭގޮތުން އޭނާގެ ދައްތަ އަގީލާ ނައީމް ރޭ "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ޔުމްނުގެ އުޅަނބޮއްޓަށް ލިބިފައިވާ ގެއްލުމާ ގުޅިގެން އިއްޔެ ސާޖަރީއެއް ކޮށްފައިވާ ކަމަށެވެ. އުޅަނބޮއްޓަށް ލިބިފައިވާ ގެއްލުމަކީ ދާއިމީ ގެއްލުމެއް ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.
އެެހެންނަމަވެސް އެކަމުގައި އިތުރު ތަޖުރިބާކާރުންގެ ލަފާ ހޯދާނެ ކަމަށް އާއިލާއިން ބުންޏެވެ.
ޔުމްނު ވެއްޓުނު ހާދިސާ އާ ގުޅޭގޮތުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެ އާއިލާއިން ވަނީ ވާހަކަ ދައްކާފަ އެވެ. ލައިވް ވީޑިއޯއެއްގައި ވާހަކަ ދައްކަމުން އޭނާގެ ދައްތަ ބުނެފައިވާ ގޮތުގައި ހާދިސާ ހިނގައިދިޔަ ގޮތް ކިޔައިދީފައިވާ ކަމުގަ އެވެ.
ޔުމްނު އާ ހަވާލާދީ އޭނާގެ ދައްތަ ބުނެފައި ވަނީ އޭނާ ވެއްޓުނު ފެންޓެނޯއީއަކީ ޔުމްނު ދަންނަ ގެއެއް ނޫން ކަމަށް ފުލުހުން ބުނި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ. ޔުމްނު ދޭތެރެއަކުން އެ ގެއަށްދާ ކަމަށާއި އެ ރޭ ދިޔައީ މައްސަލައިގެ ތުހުމަތުކުރާ ނުވަ މީހުންގެ ތެރޭގައި ހިމެނޭ ޔޫސުފް ޔައްސާރު އަބްދުއްގަފޫރުގެ ދައުވަތަކަށް ކަމަށް ބުނެފައިވެ އެވެ.
ޔުމްނުގެ ދައްތަ ބުނެފައިވާ ގޮތުގައި ޔުމްނު ވެއްޓުނީ އަމިއްލައަކަށް ނޫން ކަމަށް ބުނާ ކަމުގަ އެވެ. އޭނާ ވެއްޓުނުއިރު، ފުލުހުން އާންމުކުރި ފެންޓެނޯއީ ގޭގެ ސީސީޓީވީ ފުޓޭޖުތަކުން ފެނުނު ރައުދު އަހްމަދު ޒިލާލުގެ އިތުރުން ޔައްސާރު އަދި އިތުރު ދެ މީހުންނާ އެކު ޖުމްލަ ހަތަރު މީހުން ތިބި ކަމަށް ތުހުމަތު ކޮށްފައިވެ އެވެ. އެއަށް ވުރެ އިތުރަށް ތަފުސީލުކޮށް އެ ވާހަކަ ކިޔައިދީފައެއް ނުވެ އެވެ.
އެ ވާހަކަތަކާ ގުޅިގެން ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް ޖެހިގެން އައި ދުވަހު ފުލުހުން ބުނެފައި ވަނީ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރެވި، ފުލުހުން ސީންއަށް އެޓެންޑްވި ހިސާބުން ފެށިގެން ޔުމްނުގެ ބަހެއް ހޯދުމަކީ ތަހުގީގަށް މުހިންމު ކަމެއްގެ ގޮތުގައި ދެކި، އެ ފުރުސަތު ހޯދުމަށް މަސައްކަތް ކުރެވިފައިވާ ކަމަށެވެ.
ނަމަވެސް ޔުމްނުގެ ސިއްހީ ހާލަތު ހުރި ގޮތުންނާއި އިތުރު އެކި ސަބަބުތަކާ ހުރެ، އޭނާ އާ ސުވާލު ކުރުމުގެ ފުރުސަތު އެހާތަނަށް ލިބިފައި ނުވާ ކަމަށެވެ. އެ ކަމަށް މަގުފަހިވިހާ އަވަހަކަށް ތަހުގީގުން ޔުމްނު އާ ސުވާލު ކުރަން ބޭނުންވާކަން ފާހަގަކޮށްފައިވެ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި މައްސަލައިގެ ތަހުގީގު މިހާރު ވެސް ހިނގަމުންދާ ކަމުގަ އެވެ. އެގޮތުން މައްސަލަ އާ ގުޅިގެން ސުވާލު ކުރަން ޖެހޭ ފަރާތްތަކާ ސުވާލުކޮށް، އެ ފަރާތްތަކުން ފުލުހުންނަށް ދޭ މައުލޫމާތު ކަށަވަރު ކުރުމަށް ތަހުގީގުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
