އެމްޓީސީސީން ކުޑަގިރިއަށް ދަތުރުތައް ފަށައިފި

މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ކުޑަގިރި ޕިކްނިކް އައިލެންޑަށް އެމްޓީސީސީން ފެރީ ދަތުރުތައް މިއަދު ފަށައިފި އެވެ.
އެ ބަދަލާއެކު، މިހާރު އެމްޓީސީސީގެ ވެބްސައިޓް މެދުވެރިކޮށް މާލެއިން ކުޑަގިރިއަށް ދިއުމަށް ފެރީ ބުކް ކުރެވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.
އެ ދަތުރުތައް ފެށީ 140 މީހުންގެ ޖާގައިގެ ފެރީއަކާއެކު އެވެ.
އެޗްޑީސީން ބުނީ ކޮންމެ ހުކުރަކާއި ހޮނިހިރު ދުވަހަކު މާލެއާއި ކުޑަގިރިއާ ދެމެދު ދުވާލަކު 6 ދަތުރު ކުރާނެ ކަމަށެވެ. އަދި އޭގެ އިތުރުން، ކުރިއަށް އޮތްތަނުގައި ސީދާ ހުޅުމާލެއިން ފެރީގައި ކުޑަގިރިއަށް ދެވޭގޮތަށް ހިދުމަތްތައް ފުޅާކުރުމަށްވެސް ނިންމާފައިވާ ކަމަށެވެ.
އެމްޓީސީސީ ފެރީ ޝެޑިއުލް
މާލެއިން ކުޑަގިރިއަށް | 06:30 AM |
މާލެއިން ކުޑަގިރިއަށް | 08:00 AM |
މާލެއިން ކުޑަގިރިއަށް | 09:30 AM |
ކުޑަގިރިން މާލެއަށް | 16:00 PM |
ކުޑަގިރިން މާލެއަށް | 17:30 PM |
ކުޑަގިރިން މާލެއަށް | 19:00 PM |
މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން، މަސައްކަތު މާހައުލުން ދުރަށް ޖެހިލައި ޕިކްނިކް ގޮސް މަޖާކޮށްލުމަށް ތައްޔާރުކޮށްފައިވާ ކުޑަގިރީގައި ޒަމާނީ ވަސީލަތްކާއި، ދަތުރު ގޮސް ކުރާނެ ގިނަ ކަންތައްތަކެއް މިހާރުވެސް ހުރި ނަމަވެސް، އެ ރަށުން ދޭ ހިދުމަތްތަކުގެ ފެންވަރު ދުވަހެއް ދުވަހަކަށް ރަނގަޅު ކުރުމަށް އެޗްޑީސީން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އެޗްޑީސީން ބުނީ ފާއިތުވި ދެ އަހަރުގެ ތެރޭގައި ޖުމްލަ 54،724 މީހުން ކުޑަގިރިއަށް ޒިޔާރާތްކޮށްފައިވާ ކަމަށެވެ.
"ކުޑަގިރިއަށް ދަތުރުދާ ފަރާތްތަކަށް އެރަށުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ކަސްޓަމާ ސެޓިސްފެކްޝަން ހުރީ 70 އިން މަތީގަ އެވެ. އެޗްޑީސީން އަބަދުވެސް މަސައްކަތް ކުރަނީ ކުޑަގިރިން ލިބޭ ހިދުމަތްތައް އިތުރުކޮށް، ދުވަހެއް ދުވަހަކަށް ފެންވަރު ރަނގަޅު ކުރުމަށެވެ." އެޗްޑީސީން އިތުރަށް ބުންޏެވެ.