ޚަބަރު

ފަނޑިޔާރު އަޒްމިރަލްދާއަށް އިންޒާރު ދީފައެއް ނުވާނެ: އުޝާމް

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ސުޕްރީމް ކޯޓުގައި ދައުލަތާ ދެކޮޅަށް ދުސްތޫރީ މައްސަލައެއް ބަލަމުން ދަނިކޮށް ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ސުލޫކީ މައްސަލައެއް ބަލާނެ ކަމަށް އަޒްމިރަލްދާ ކުރެއްވި ތުހުމަތަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިރޭ ވިދާޅުވެއްޖެ އެވެ.

Ads by MPL

ގާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ހާލަތްތަކުގެ ތެރެއަށް ރައްޔިތުންގެ މަޖިލީހުން ފަހުން އިތުރުކުރި ހާލަތްތައް ބާތިލްކޮށްދިނުމަށް އެދިވަޑައިގެން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅުއްވީ މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިނެވެ.

މަޖިލީހުން ގެނައި އިސްލާހުތަކަށް އަމަލުކުރުން ފަސްކުރުމުގެ އަމުރަކަށް ވެސް އަލީ އެދިވަޑައިގެންފައިވެ އެވެ. ނަމަވެސް އެ ކަމާ ގުޅޭ އަޑުއެހުމެއް ފަަށަން ކުޑަތަންވެފައި ވަނިކޮށް އަޒްމިރަލްދާއާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި، ސަސްޕެންޑްކުރި ފަހުން ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވި ހުސްނުއްސުއޫދު ސަސްޕެންޑްކުރެއްވި އެވެ. އޭގެ ފަހުގައި އަޒްމިރަލްދާއާއި މަހާޒުގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީން ބަލަން ފެށި އެވެ.

އެއިން މައްސަލައެއްގައި އަޒްމިރަލްދާ ޖޭއެސްސީއަށް ވަޑައިގެން ޖަވާބުދާރީވެވަޑައިގެން ވިދާޅުވެފައިވަނީ މީހަކު މެދުވެރިކޮށް ސުލޫކީ މައްސަލައެއް ބަލާނެ ކަމުގެ އިންޒާރު އުޝާމް ދެއްވި ކަމަށެވެ. އުޝާމް ވެސް ޖޭއެސްސީގައި އިންނަވަ އެވެ.

ވަޒީރުންނަށް އާންމުން ސުވާލުކުރެވޭ ގޮތަށް ކުރިއަށްދާ "އަހާ" ފޯރަމުގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އުޝާމް ވިދާޅުވީ ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުމަށް ޓަކައި އެއްވެސް ކަމެއް ނުކުރައްވާ ކަމަށެވެ. އުޝާމްގެ އިސްތަށިފުޅުގައި އަޒްމިރަލްދާ ވެސް އެޅުއްވީ ހަގީގަތާ ހިލާފު ތުހުމަތެއް ކަމަށް ވިދާޅުވި އެވެ.

"ފަނޑިޔާރު އަޒްމިރަލްދާ އެ ތުހުމަތު ކުރައްވާ ގޮތަށް އެޖެންޓެއް ފޮނުވައިގެން އިންޒާރެއް ދީފައެއް ނުވާނެ،"

"އަޅުގަނޑު ރައްޓެސަކާ ދެއްކި ވާހަކައެއް. އެއީ އަޒްމިރަލްދާގެ ވެސް ރައްޓެއްސެއް. ވެގެން އުޅޭ ކަމެއްގެ ވާހަކަ ދަންނަވާލީ. އޭނާ އަޒްމިރަލްދާ ކައިރީގައި ގޮސް އެ ވާހަކަ ދެއްކީ. އެހެން ހިނގި ކަމެއް،"

އުޝާމް ވަނީ ސުއޫދަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ސުއޫދަކީ ސިޔާސީ ބޭފުޅެއްގެ ގޮތުގައި އުޝާމް ސިފަކުރެއްވި އެވެ. މީގެ ކުރިން އެމްޑީޕީގެ ހަރަކާތްތަކުގައި އުޅުއްވާފައިވާ އަދި އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ބަންޑާރަ ނައިބުކަން ކުރެއްވި ސުއޫދު ސަރުކާރަށް ތުހުމަތުކޮށް ދައްކަނީ ސިޔާސީ މަގުސަދެއްގައި ދައްކަވާ ވާހަކައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

 

Ads by Allied Insurance