ފަނޑިޔާރުން ވަކިކުރުމުގެ ކަންކަން ބާރާއި ނުފޫޒުން ހިންގީ ނާއިންސާފުގެ މިސާލަކަށްވާ ފަދައިން: ޑިމޮކްރެޓްސް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު މަގާމުން ވަކިކުރުމުގެ ހުރިހާ ކަމެއް ސަރުކާރުގެ ބާރާއި ނުފޫޒުން ހިންގާފައި ވަނީ ނާއިންސާފުގެ މިސާލަކަށްވާ ފަދައިން ކަމަށް ދަ ޑިމޮކްރެޓްސްއިން ބުނެފި އެވެ.
ދެ ފަނޑިޔާރުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައި ވަނީ މަސާޖު ޕާލާއަކުން އަޒްމިރަލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް ހައްޔަރުކޮށް، ބަންދުކުރަން ހާޒިރުކުރުމުގެ ކުރިއަށް އޭނާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުގެ ގާޒީންނަށް އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގަ އެވެ.
އެ މައްސަލަ ބެލުމަށް ފަހު ފަނޑިޔާރުން މަގާމުން ވަކިކުރަން މަޖިލިހަށް ފޮނުވީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު އެވެ.
މައްސަލަ އާ ގުޅިގެން މިދިޔަ އާދިއްތަ ދުވަހު ސިއްރުން ކުރިއަށް ގެންދިޔަ ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމެއްގައި ވެރިކަންކުރާ ކޮންގްރެސް ޕާޓީގެ މެމްބަރުންގެ ވޯޓުން ފާސްކުރީ ފަނޑިޔާރުން ވަކިކުރުމަށް ޖޭއެސްސީން ނިންމީ ރަނގަޅަށް ކަމަށެވެ. އަދި އެ ގޮތަށް މަޖިލިހުގެ ތަޅުމަށް ބަހުސްކޮށް ވޯޓަށް އެހުމަށް ފޮނުވުމަށެވެ. ކޮމިޓީ ސިއްރުކުރުމުން އެ ކޮމިޓީގައި ތިއްބެވި އިދިކޮޅު އެމްޑީޕީގެ ދެ މެމްބަރުން އެ ދުވަހު ކޮމިޓީ ބޮއިކޮޓް ކުރެއްވި އެވެ.
މައްސަލަ ދިރާސާކުރި ޖުޑީޝަރީ ކޮމިޓީއަށް މަޖިލިހުގެ ކައުންސެލް ޖެނެރަލް ފާތުމަތު ފިލްޒާގެ ގާނޫނީ ލަފާ ވަނީ ފޮނުއްވާފަ އެވެ. ކޮމިޓީން އެކުލަވާލި ރިޕޯޓުގައި އެ ލަފާ ހިމަނާފައިވެ އެވެ. ލަފާގައި ފާހަގަކުރައްވާފައި ވަނީ ޖޭއެސްސީގެ ގާނޫނުގައި އެ ކޮމިޝަނަށް ހުށަހަޅާ މައްސަލައެއް ބަލަން ގޮތެއް ނިންމުމަށް އޮންނަ މަރުހަލާތައް ކުރިއަށް ގެންގޮސްފައި ނުވާ ކަމަށެވެ.
ފިލްޒާ ލަފާ އެ ގޮތަށް ދެއްވި ނަމަވެސް ކޮމިޝަނުގެ ރިޕޯޓު ތަޅުމަށް ފޮނުވަން ފާސްކުރީ އެ ރިޕޯޓު ރަނގަޅު ކަމަށް ކަނޑައަޅާފައި ކަމަށް ޖުޑީޝަރީ ކޮމިޓީން ވަނީ ނިންމާފަ އެވެ.
މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވަނީ ފަނޑިޔާރުން ވަކިކުރުމާ މެދު ޖުޑިޝަރީ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު އިއްވައި ބަހުސްކުރުން ކުރިއަށް ގެންގޮސްފަ އެވެ.
ބަހުސްއަށް ފަހު ފަނޑިޔާރުން މަގާމުން ވަކިކުރަން ވަކިވަކިން ނެގި ވޯޓުގައި އަޒްމިރަލްދާ އާއި މަހާޒު މަގާމުން ވަކިކުރަން 68 މެމްބަރަކު ވޯޓު ދެއްވި އެވެ. އެކަމާ ދެކޮޅަށް ވޯޓު ދެއްވާފައި ވަނީ އެމްޑީޕީއަށް ނިސްބަތްވާ 11 މެމްބަރުންގެ އިތުރުން އައްޑޫމީދޫ ދާއިރާގެ މިނިވަން މެމްބަރު އަބްދުއްރަހްމާނެވެ.
ފަނޑިޔާރުން މަގާމުން ވަކިކުރުން ކުށްވެރިކޮށް ޑިމޮކްރެޓްސްއިން ނެރުނު ނޫސް ބަޔާނުގައި ބުނީ ސަރުކާރުގެ މި އަމަލަކީ މުޅި ޖުޑިޝަރީއަށް ބިރު ދެއްކުމުގެ އަމަލެއް ކަމަށެވެ. ތިން ބާރު ވަކިކުރެވިފައިވާ ނިޒާމެއް، އެއް ބާރުގެ މުށުތެރެއަށްލައި ރާއްޖޭގެ ޑިމޮކްރަސީ ހަލާކުކޮށްލުމުގެ އަމަލެއް ކަމަށެވެ.
"ޖުޑިޝަރީގެ މިނިވަންކަމުގެ މަފްހޫމުގެ އެއް އަސާސަކީ ފަނޑިޔާރުންނަށް މަގާމުގެ ރައްކާތެރިކަން ކަށަވަރުވެފައި އޮތުމެވެ. ފަނޑިޔާރެއްގެ ކުށެއް ނެތި އެއްވެސް ފިޔަވަޅެއް ނޭޅޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ފަނޑިޔާރުންނަށާއި އަދި އިންސާފަށް އެދިގެން ދާ ފަރާތްތަކަށް ވެސް އޮތުމެވެ." ޑިމޮކްރެޓްސްއިން ނެރުނު ބަޔާނުގައިވެ އެވެ.
ޑިމޮކްރެޓްސްއިން ބުނި ގޮތުގައި އަޒްމިރަލްދާ އާއި މަހާޒު ވަކިކުރުމުގެ އެންމެހާ ކަމެއް ސަރުކާރުގެ ބާރާއި ނުފޫޒުން ހިންގާފައި ވަނީ ނާއިންސާފުގެ މިސާލަކަށްވާ ފަދައިން ކަމުގަ އެވެ. އަދި ޖުޑިޝަރީގެ މިނިވަންކަން ނަގާލި މި އަމަލު އދ. އާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ ސަމާލު ކަމަށް އައިސް އެ ފަރާތްތަކުން ވެސް ވަނީ އެކަން ވަަރަށް ބޮޑަށް ކުށްވެރިކޮށްފައި ކަމުގައި ފާހަގަކުރި އެވެ.
ކަމުގެ ސަބަބުން ދުނިޔޭގެ ކުރިމަތީގައި ޖުޑިޝަރީ އާ މެދު އިތުބާރު ގެއްލި، ސަރުކާރުގެ އަގުވެއްޓި، ރާއްޖޭގެ ނަން ކިލަނބުވެ ގޮސްފައިވުމަކީ މުޅި ގައުމަށް ލިބޭނެ ބޮޑު ގެއްލުމެއް ކަމަށް ވެސް ޑިމޮކްރެޓްސްއިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
މައްސަލައިގައި އަމަލުކުރަމުންދާ ގޮތާ މެދު އދ. އާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުންނާއި އެކި ގައުމުގެ ބާ އެސޯސިއޭޝަންތަކުގެ އިތުރުން ރާއްޖޭގެ ގާނޫނީ ވަކީލުންނާއި ސިޔާސީ ޕާޓީތަކުންނާއި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ފަނޑިޔާރުން ވަކިކުރުމުގެ މަސައްކަތް މަޖިލިހުން ކުރިއަށް ގެންދިޔަ ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ވެސް ވަނީ އިއްޔެ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ވަނީ މަގާމުން ވަކިކުރުމުގެ ކުރިން ހާމަކަމާ އެކު ކުރިއަށް ގެންދެވޭ އިޖުރާއަތުގެ ތެރެއިން، އަދުލު އިންސާފުގެ ހަމަތަކާ އެއްގޮތަށް، ޖަވާބުދާރީވުމުގެ އެކަށީގެންވާ ފުރުސަތު އެ ފަނޑިޔާރުންނަށް ފަހިކޮށްދިނުމަށް ގޮވާާލާފަ އެވެ.
މުއްދަތެއް ނެތް ގޮތަށް ފަނޑިޔާރުން ސަސްޕެންޑްކުރީ ޕާޓީން ވަކިކޮށްގެން ރައްޔިތުންގެ މަޖިލިހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ބަދަލު ގެނައި މައްސަލަ ސުޕްރީމް ކޯޓުން ކުރިއަށް ގެންދަން ނިންމާފައި ވަނިކޮށެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ދެ ފަނޑިޔާރުންގެ އިތުރުން ހުސްނުއްސުއޫދު ވެސް ސަސްޕެންޑްކުރި އެވެ. އޭނާ ވަނީ މާޗް 4 ވަނަ ދުވަހު ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވާފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުން އަޒްމިރަލްދާ އާއި މަހާޒު ވަކިކުރިއިރު، މަޖިލިހަށް ހުށަހަޅައިގެން ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން މީގެކުރިން ވެސް ވަނީ ވަކިކޮށްފަ އެވެ.
