ދީން

ފިރިމީހާ އަނބިމީހާއަށް ޚަރަދެއް ނުކުރޭ، ދިރިއުޅެނީ ދުރުގައި، ފޯނަށް ޖަވާބެއް ނުދޭ! ދެން ހަދާނީ ކިހިނެއް؟

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ކައިވެނީގެ ގުޅުމަކީ މުގައްދަސް ގުޅުމެކެވެ. އެގުޅުމުގެ ގޮށް ޖަހާ ހިސާބުން ފެށިގެން އެ އެއްކޮށްލެވެނީ ދެމީހެއްގެ ހަޔާތެވެ. އަދި އެ ވެވެނީ އުމުރު ދުވަހު އެކީ އުޅޭނެ ކަމުގެ އިޤުރާރެކެވެ.

Ads by MWSC

މި ދެންނެވި އިޤްރާރު މަތީގައި ކައިވެނި ކުރިއަށް ގެންދިޔުމަކީ އަޅުގަނޑުމެންގެ މުޖުތަމަޢު ތަކުގައި އާންމުކަމެއް ނޫނެވެ. ސާފު ސަރީޙަ ހެއްކަކީ މި ކުޑަކުޑަ ދިވެހިރާއްޖޭގައި ވަރީގެ ނިސްބަތް އިންތިހާއަށް މަތިވުމެވެ. ދިމާވާ ކުދިކުދި ކަންތަކާހުރެ ވެސް ކައިވެނީގެ ގުޅުން ނިމުމަކަށް ގެންނަ މީހުން އަހަރެމެންގެ މުޖުތަމަޢުގައި މަދެއް ނޫނެވެ. ނަމަވެސް ވަރިއަކީ ﷲ ހުއްދަ ކުރެއްވި ކަންތައްތަކުގެ ތެރެއިން އެއިލާހު އެންމެ ނުރުއްސަވާ ޢަމަލު ކަމަށްވީ ހިނދު ވަރިވުން ނުވަތަ ވަކިވުން ވާން ޖެހޭނީ އެންމެ ފަހުގެ ކަމަކަށެވެ. ކެތްތެރިވެ ކައިވެނި ސަލާމަތްވޭތޯ ފިރިމީހާވެސް އަދި އަނބިމީހާ ވެސް މަސައްކަތްކުރުމަކީ އެންމެ ފައިދާ ބޮޑު ގޮތެވެ.

އަހަރެމެންގެ މި ކުދިކުދި މުޖުތަމަޢުތަކުގައި ވެސް ކައިވެންޏާއި ގުޅޭ އެތައް މައްސަލަތަކެއް ހަމަ ކޮންމެ ދުވަހަކުހެން ފެންމަތިވެއެވެ. އަނބިމީހާއަށް އިހާނެތިކޮށް ހިތާ މައްސަލައާއި ލޯތްބާއި އަޅާލުން ނުދޭ މައްސަލަތަކެވެ. އަދި ދެމަފިރިން އެކީގައި ވަގުތު ހޭދަ ނުކުރުން ފަދަ މައްސަލަތަކުން ފެށިގެން އަނިޔާ ކުރުން ފަދަ ބޮޑެތި މައްސަލަތަކަކީ ވެސް އަހަރެމެންގެ ތެރެއިން ފެންނަ ހިތާމަހުރި ކަންކަމެވެ. މީގެ އިތުރުން އަނބިމީހާއަށް ޚަރަދު ނުކޮށް ފިރިމީހާ ދުރުގައި އުޅުން ފަދަ ކަންކަމާއި އަދި މި ޙާލަތުގައި ވެސް އަނބިމީހާއާއި އެއްވެސް ވަރަކަށް މުޢާމަލާތް ނުކުރާ މައްސަލަ އަކީ ވެސް އެކަންކަމާމެދު ދެން ޢަމަލު ކުރާނެ ގޮތުގެ މަޝްވަރާ ހޯދުމަށް އަހަރެމެންގެ ދީނީ ޢިލްމްވެރިންނަށް ވެސް ހުށަހަޅާ ކަންކަމެވެ.

މިފަދަ ޙާލަތެއްގައި ޢަމަލު ކުރާނީ ކިހިނެއް ހެއްޔެވެ؟ ދީނީ ޢިލްމްވެރިޔާ ޑރ.މުޙައްމަދު އިޔާޟް ޢަބުދުއްލަތީފް ވިދާޅުވެފައިވަނީ މިއަނބިމީހާ އަށް އެއްވެސް ވަރަކަށް ޚަރަދު ނުކޮށް އަދި އަނބިމީހާ އާއި ދުރުގައި އުޅެ އޭނާއާ މުޢާމަލާތް ނުކުރާނަމަ އޭގެ މާނައަކީ ފިރިމީހާގެ ފަރާތުން އަނބިމީހާއަށް ދޭން ޖެހޭ ޙައްޤުތައް ދިނުމުގައި ފިރިމީހާ ފަރުވާކުޑަ ކޮށްފައިވާ ކަންކަމަށާއި ނުވަތަ އެކަމަށް އޭނާ ނުކުޅެދިއްޖެކަން ކަމަށެވެ. އެހެންކަމުން މިފަދަ ޙާލަތެއްގައި ފިރިމީހާގެ ކިބައިން ވަރިއަށް އެދުމުގެ ޙައްޤު އަނބިމީހާއަށް ލިބިގެންވާ ކަމަށް ޑރ.އިޔާޟް ވިދާޅުވެފައިވެއެވެ.

ނަމަވެސް ވަރިއަކީ ނުރައްކާތެރި އެއްޗެކެވެ. އެއީ ވަޅިއެއްފަދަ އެއްޗެކެވެ. ސަމާސާއަށް ނަމަވެސް ވަޅިން ޖަހައިފިނަމަ ޒަހަމްވާ ފަދައިން ވަރީގެ ޒަހަމަކީ ވެސް ބޮޑު ޒަހަމެކެވެ. އަމުދުން ދެމަފިރިންގެ ދަރީން ތިބޭނަމަ އެ ޒަހަމް ފުންވެގެން ދެއެވެ. ވީމާ، ވަރިއާއި ހަމަޔަށް ދިޔުމުގެ ކުރިން ދެމަފިރިންގެ ދެމެދުގައި ދިމާވާ ބޮޑެތި މައްސަލަތައް ޙައްލު ކުރުމަށް ދެފަރާތުގެ އާއިލާ އާއި ރަޙުމަތްތެރިންގެ އެހީތެރިކަން ވެސް ހޯދަންވާނެއެވެ. ވަރި ވާން ޖެހޭނީ ދެން އެނޫން އެއްވެސް ގޮތެއް ނެތިގެން ކުރަން ޖެހޭ ކަމަކަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!