ޚަބަރު

ލޯންޗަކުން ގެމަނަފުއްޓަށް ޑްރަގު އެތެރެކުރަން އުޅުނު ކެޕްޓަން ހައްޔަރުކޮށްފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ގެމަނަފުއްޓަށް ދަތުރުކުރި ލޯންޗަކުން މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައިގައި ހައްޔަރުކުރި މީހާ / ފޮޓޯ:ފުލުހުން

ގއ. ގެމަނަފުއްޓަށް ދަތުރުކުރި ލޯންޗަކުން މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.

Ads by STELCO

ފުލުހުން ބުނީ އެ މީހާ ހައްޔަރުކުރީ އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

ގެމަނަފުށި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން އިއްޔެ ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަނުގައި، ގެމަނަފުށި ބަނދަރާ ލޯންޗު ގާތްކުރުމުން އެ ލޯންޗު ބަލައި ފާސްކޮށްފައިވާ ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި ލޯންޗުގައި ހުރި ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓުތަކެއް ފެނިފައިވާ ކަމުގަ އެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 28 ގުރާމް ހުރިކަން ފާހަގަކުރި އެވެ.

މައްސަލަ އާ ގުޅިގެން ލޯންޗު ދުއްވި ގެމަނަފުށި، ބަނަފުސާގެ، ހަސަން ޝުޖާއު (45އ) ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ގެންދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!