ޚަބަރު ސަރުކާރު

މަޖިލިހާއި ސިޓީ ކައުންސިލުތަކުގެ މެމްބަރުންގެ އަދަދު ހިފަހައްޓައި، އަންހެނުންނަށް 40 އިންސައްތަ ހާއްސަކުރަނީ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ރައީސް ކުޅުދުއްފުށި ސިޓީ ކައުންސިލާ ބައްދަލުކުރައްވަނީ: ސިޓީ ކައުންސިލުތަކުގެ މެމްބަރުންގެ އަދަދު ހިފެހެއްޓުމަށް ވަނީ ނިންމަވާފައި / ފޮޓޯ:ރައީސް އޮފީސް

ރައްޔިތުންގެ މަޖިލިހާއި ސިޓީ ކައުންސިލުތަކުގެ މެމްބަރުންގެ އަދަދު ހިފެހެއްޓުމާ އެކު، ލޯކަލް ކައުންސިލުތަކުން 40 އިންސައްތަ އަންހެނުންނަށް ހާއްސަކުރަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

Ads by STELCO

އާބާދީގެ ނިސްބަތުން ރައްޔިތުން ތަމްސީލުކުރަން އިންތިހާބުކުރާ މެމްބަރުންގެ އަދަދާ ގުޅޭގޮތުން އެމަނިކުފާނު ގެންގުޅުއްވާ ވިސްނުންފުޅު ހާމަކުރައްވާ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގެ ހަ ވަނަ އެޕިސޯޑުގައި ރައީސް ވިދާޅުވީ އާ ގާނޫނު އަސާސީގެ ދަށުން އާބާދީ އާއެކު ދާއިރާތަކުގެ އަދަދު އިތުރުވަމުންދާ ކަމަށެެވެ.

އެގޮތުން މިހާރު 93 މެމްބަރުން މަޖިލިހުގައި ތިބިއިރު، އެއީ ކުރިން ތިބި 77 މެމްބަރުންނާ އަޅާބަލާއިރު އިތުރު އަދަދެއް ކަމަށެވެ. އެހެންނަމަވެސް ޑިމޮކްރަސީގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ފާހަގަކުރެއްވި އެވެ.

"ދެން އަޅުގަނޑު މި ހުށަހަޅާ އިސްލާހަކީ، އެ ހިސާބުން ދެން ހިނގާށޭ އިތުރު ނުވާނެ ގޮތަށް މި ގާނޫނުތަކަށް ބަދަލު ގެންނަން. ރައްޔިތުންގެ މަޖިލީހުގެ އަދަދަކީ 93 ކަމަށް. އެއަށް ވުރެ ގިނަ އެއް ނުވާނެއޭ. އެހެންވީމާ، 93 މެމްބަރުންނަށް ލިމިޓްކުރާ ގޮތަށް، ގާނޫނު އިސްލާހުކުރަން ހުށަހަޅާ ގޮތަށް މިއޮތީ އަޅުގަނޑު ނިންމާފައި،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މަޖިލިހެކޭ އެއްގޮތަށް ސިޓީ ކައުންސިލުތަކުގެ ދާއިރާތައް ވެސް އާބާދީގެ ނިސްބަތަށް ބަލައި އިތުރުވަމުންދާ ކަމުގަ އެވެ. އެހެންކަމުން އެ އަދަދު ވެސް މިހާރަށް ވުރެ އިތުރުނުވާ ގޮތަށް ހިފެހެއްޓުމަށް އިސްލާހު ހުށަހަޅުއްވާނެ ކަމުގައި ފާހަގަކުރެއްވި އެވެ.

"މިސާލަކަށް، މާލޭގައި. މާލޭގައި އެންމެ ފުރަތަމަ ފެށުނީ، އަޅުގަނޑު ހަނދާން ވަނީ 11 ކައުންސިލަރުން. މިހާރު 18 އެބަތިބި. އެއީ ވެސް ހަމަ އާބާދީ ބޮޑުވާތީ ވާގޮތެއް. ދެން އެހެންނަމަވެސް، އަޅުގަނޑުމެން އިސްލާހު މި ހުށަހަޅަނީ، މިހާރު އޮތް އަދަދަށް ވުރެ ދެން އިތުރެއް ނުވާނެ އޭ. އެ 18 ގައި ހިފެހެއްޓޭނެ އޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ކައުންސިލަކާ ބައްދަލުކުރައްވަނީ: ކައުންސިލުތަކުން %40 އަންހެނުންނަށް ހާއްސަކުރަން ވަނީ ނިންމަވާފައި / ފޮޓޯ:ރައީސް އޮފީސް

ކައުންސިލުތައް ބާރުވެރި ކުރުވުމާއި ރައްޔިތުންގެ ބާރުވެރިކަން އިތުރު ކުރުވުމުގެ ވާހަކަ އާ ގުޅުވާލައްވައި ރައީސް އިތުރަށް ވިދާޅުވީ އަންހެން ކައުންސިލަރުން ނުވަތަ އަންހެނުން ބާރުވެރިކުރަން މިހާރު އޮތް ފުރުސަތު އިތުރުކުރަން ނިންމަވާފައިވާ ކަމަށެވެ.

"33 އިންސައްތަ، ކައުންސިލް މެމްބަރުން އަންހެނުންނަށް ވާން ޖެހޭ ގޮތަށް. އަޅުގަނޑު މި އަދަދު 40 އިންސައްތައަށް އިތުރުކުރަން ނިންމާފައި މި އޮތީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ފާހަގަކުރެއްވީ އެއީ ވަރަށް މުހިންމު ބަދަލެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށާއި އެކަމުގެ ސަބަބުން ފައިދާވާނެ ކަމުގަ އެވެ.

Ads by Ooredoo