ކޮންގްރެސް ޕާޓީގެ ނައިބު ރައީސްކަން ޣައްސާނާއި ޝިޔާމަށް

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުވާލިއިރު އެ ޕާޓީގެ ނައިބު ރައީސުންގެ މަގާމުގައި ތިއްބެވި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާއި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމަކީ ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ނައިބު ރައީސުންގެ ގޮތުގައި ކަނޑައަޅައިފި އެވެ.
ކޮންގްރެސް ޕާޓީގެ މެމްބަރުންގެ މަޖިލިހުގެ މި އަހަރުގެ ފުރަތަމަ ބައްދަލުވުމުގައި ޕީޕީއެމް އުވުނުއިރު އެ ޕާޓީގެ ސެނެޓުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުން ވަނީ ރަސްމީކޮށް ކޮންގްރެސް ޕާޓީ އާ ގުޅިވަޑައިގެންފަ އެވެ.
ކޮންގްރެސް ޕާޓީގެ އޮފީހުގައި ރޭ ބޭއްވި ބައްދަލުވުމުގައި އެ ޕާޓީ އާ ގުޅިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ބައެއް މިނިސްޓަރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިންނާއި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.
ޕާޓީ އާ ގުޅިވަޑައިގެންނެވި މިނިސްޓަރުންގެ ތެރޭގައި ޣައްސާނާއި ޝިޔާމުގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް އަދި ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ހިމެނިވަޑައިގަންނަވަ އެވެ.
ޕީޕީއެމްގެ ދެ ނައިބު ރައީސުން ކަމަށްވާ ޣައްސާނާއި ޝިޔާމް ކޮންގްރެސް ޕާޓީ އާ ގުޅިވަޑައިގެންނެވުމުން އެ ޕާޓީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކޮންގްރެސް ޕާޓީގެ ނައިބު ރައީސުންގެ ގޮތުގައި އެ ދެ ބޭފުޅުން ހަމަޖައްސައިދެއްވުމަށް ޕާޓީގެ މެމްބަރުންގެ މަޖިލިހުގައި އެދިވަޑައިގެންފަ އެވެ.
ރައީސްގެ އެދިވަޑައިގެންނެވުމަށް ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ތާއީދުކުރެއްވި އެވެ. އެ އާއެކު މެމްބަރުންގެ މަޖިލިހުގެ އިއްތިފާގުން އެ ދެ ބޭފުޅުންނަކީ ކޮންގްރެސް ޕާޓީގެ ދެ ނައިބު ރައީސުން ކަމަށް ވަނީ ކަނޑައަޅާފަ އެވެ.
އެ ބައްދަލުވުމުގައި ޕީޕީއެމްގެ ސެނެޓަރުންގެ ތެރެއިން އެ ޕާޓީ އާ ގުޅިވަޑައިގެންނެވި ބޭފުޅުންނަކީ ކޮންގްރެސް ޕާޓީގެ މެމްބަރުންގެ މަޖިލިހުގެ މެމްބަރުން ކަމަށް ވެސް ވަނީ ފާސްކޮށްފަ އެވެ.
ކޮންގްރެސް ޕާޓީގެ ނައިބު ރައީސުންގެ ގޮތުގައި ހަމަޖެއްސެވި ޣައްސާނާއި ޝިޔާމާ އެކު އެ މަގާމުގައި ތިއްބަވާ ބޭފުޅުންގެ އަދަދު ހަތަކަށް އިތުރުވާނެ އެވެ. އެ މަގާމުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި އިިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މިނިސްޓަރު މުހައްމަދު ސައީދާއި ޔޫއޭއީއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރު މުހައްމަދު ހުސައިން ޝަރީފާއި ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ސީއީއޯ މުހައްމަދު ނިމާލުގެ އިތުރުން ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ތިއްބަވަ އެވެ.
އެ ބޭފުޅުންގެ އިތުރުން ޕާޓީގެ ލީޑަޝިޕްގައި 19 ވަނަ މަޖިލިހުގެ ކޮންގްރެސް ޕާޓީގެ ޕީޖީ ލީޑަރުގެ ހައިސިއްޔަތުން މިހާރުގެ ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި ޑެޕިއުޓީ ލީޑަރުގެ ހައިސިއްޔަތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ތިއްބަވަ އެވެ.
އަދި 19 ވަނަ މަޖިލިހުގެ ޕީޕީއެމްގެ ޕީޖީ ލީޑަރުގެ ހައިސިއްޔަތުން އޭދަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމާއި ޑެޕިއުޓީ ލީޑަރުގެ ހައިސިއްޔަތުން މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގް ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ޕާޓީގެ ކޮންގްރެސް އާ ހިސާބަށް އެ ބޭފުޅުން މަގާމުތަކުގައި ދެމިތިއްބަވާނެ އެވެ.
