ލައިފްސްޓައިލް

ފައިވާނުގެ އަގު ވަޒަން ކުރެވޭނީ ހުސްފައިގައި ހިނގާ މީހާ އަށެވެ.

ޢަލީ މާޖިދު ، ދެން އޮންލައިން

އަގުވަޒަން ކުރުމާއި ، ލިބިފައިވާ ނިޢުމަތަށް ޝުކުރުވެރި ވާނޭ ހިތެއް ލިބިފައި ވުމަކީ ވެސް ހާދަ ބޮޑު ހިތްހަމަ ޖެހުމެކެވެ. އެއީ މަދު ބަޔަކަށް ލިބިފައިވާ އާދަޔާ ޚިލާފު ހިތްވަރެކެވެ. ލިބޭ މިންވަރަށް ރުހި ޝުކުރު ކުރުމަކީ ލިބިފައިވާ ނިޢުމަތްތައް އިތުރުވެގެންދާ ސަބަބެއް ވެސް މެއެވެ.

Ads by MWSC

މިމުޖުތަމަޢު ތެރެއިންވެސް އެންމެ ގިނައިން އިވޭ އެއް އަޑަކީ އަގުވަޒަން ނުކުރުމުގެ ޝަކުވާގެ އަޑެވެ. ވެރިންނާއި ، ހިސާބުން ފެށިގެން ރައްޔިތުމީހާއާ ހަމަޔަށް ވެސް މެއެވެ. އާއިލާތަކާއި ދޭދޭ އެކުވެރިންގެ ތެރޭގައި މި ޝަކުވާގެ އަޑު މަޑެއް ނޫނެވެ. އެކަން ވާނީ ވެސް އެހެންނެވެ. ކޮށްދޭ ކަންކަމުގެ އަގު ވަޒަން ނުކުރުމަކީ އެކަންކަން ކޮށްދޭ މީހާ ވެސް ފޫހިވާނެ ސަބަބެކެވެ. ތިބާއަށް ކިތަންމެ ކުޑަ ކަމެއް ނުވަތަ އާދައިގެ ކަމެއްކަމަށް ދެކެވޭ ކަމަކީ އަނެކާއަށް ވަރަށް ބޭނުންތެރި މުހިއްމު ކަމަކަށް ވެސް ވެދާނެއެވެ. 

މެންދުރުގެ ހޫނު ގަދަ ގަޑީގައި ސަރާސަރު ބޮޑު މަގެއްގެ މެދުން ހުސްފައިގައި ހިނގަމުން ދިޔައިރު މަގުގެ ދުވާރު މަތިން ފައިވާނުގައި ހިނގަމުންދާ މީހުން ފެނުމުން އަހަރެންގެ ނިކަމެތި ކަމުން ފައިވާނެއް ގަންނާނެ ވަރު ނުލިބުނީތީ އަހަރެންގެ އަމިއްލަ ނަފުސަށް ޝަކުވާ ކުރެވުނެވެ. މަގުގެ މެދާ ހަމައިން ކުއްލިޔަކަށް އެއްލި ކަޅިއަކުން ކަފިހުރަސް ކައިރީ ދުވާރު މަތީ އެއްފަރާތެއްގައި ފުރޮޅުލީ ގޮނޑިއެއްގައި ސަލާންޖަހަން އިން އެއްފަޔާއި އެއް އަތްނެތް މީހަކު ފެނުމުން ހަމަ އެވަގުތު ٱلْـحَـمْـدُ للهِ‎ އޭ ބުނެލެވުނެވެ. ބޭއިޚްތިޔާރުގައި އަހަރެންގެ ދެފަޔާއި ދެއަތް ސަލާމަތުން އޮތަތީވެ ﷲ ތަޢާލާއަށް ހިތާ ހިތުން ޝުކުރު ކުރެވުނެވެ. އަނެކުންނަށް ލިބިގެންވާ ނިޢުމަތަށް ފެނި ޝަކުވާ ކުރެވޭއިރު އަނެކުންނަށް ލިބިގެންނުވާ ކިތައްކިތައް ނިޢުމަތް ތިބާއަށް ލިބިގެންވޭ ހެއްޔެވެ.

ދުނިޔެ ދައްކަމުންދާ ހަޤީގަތަކީ އެއްޗެއްގެ އަގު ގިނަ ފަހަރު ވަޒަން ކުރެވެނީ އެއެއްޗެއް އަތުން ބީވެގެންދާ ފަހުން ކަމެވެ. ވީމާ ކޮންމެ މީހަކު ކިތަންމެ ކުޑަ ކަމެއް ކޮށްދިނަސް އެކަމުގެ އަގު ވަޒަންކޮށް އެކަމަށްޓަކައި ޝުކުރުވެރިވާށެވެ. އެ މޫރިތި ސިފަ ތިބާގެ ކިބައިގައި ހަރުލައްވައިފިނަމަ އެއީ ތިބާގެ ޙަޔާތް ބާއްޖަވެރި ވާނޭ އަގު ބޮޑު ނިޢުމަތަކަށް ވެގެން ދާނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!