ހަމަހަމަކަމާ އެކު ހިދުމަތްތައް ފޯރުކޮށްދޭން ފެށުމުން އަންހެނުން އިތުރަށް ބާރުވެރިވާނެ: އިހްސާން

ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސިޔާސަތުގެ ދަށުން ވަކި ރަށެއް އަދި ޖިންސެއް އިސްތިސްނާ ނުވާ ގޮތަށް ހިދުމަތްތައް ފަސޭހަކަމާ އެކު ފޯރުކޮށްދެވެން ފެށުމުން އަންހެނުން އިތުރަށް ބާރުވެރިވެ، އިގުތިސޯދުގައި ހަމަހަމަ ބައިވެރިންނަށް ވުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.
އިހްސާން އެހެން ވިދާޅުވީ ފާހަގަކުރަމުންދާ ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތޯބުގަ އެވެ.
ކޮންމެ އަހަރެއްގެ މެއި މަހުގެ 17 ވަނަ ދުވަސް، ޓެލެކޮމިއުނިކޭޝަން ދުވަހުގެ ގޮތުގައި ފާހަގަކުރަމުންދާއިރު ދުނިޔޭގެ މުވާސަލާތީ ޖަމިއްޔާ އައިޓީޔޫން މި އަހަރުގެ މި ދުވަހުގެ ޝިއާރު ކަމުގައި ކަނޑައަޅާފައި ވަނީ "ޖެންޑާ އީކުއަލިޓީ އިން ޑިޖިޓަލް ޓްރާންސްފޮމޭޝަން" ނުވަތަ "ޑިޖިޓަލް ޓްރާންސްފޮމޭޝަނުގައި މިންތީގެ ހަމަހަމަކަން" އެވެ.
ޓެކްނޯލޮޖީ މިނިސްޓަރު ވިދާޅުވީ ޑިޖިޓަލް ޓްރާންސްފޮމޭޝަނުގައި އިގުތިސޯދާއި މުޖުތަމައު އަދި ކޮންމެ ދުވަހެއްގެ ދިރިއުޅުން މި ބަދަލުވަމުންދާ ޓެކްނޯލޮޖީއަށް ބަރޯސާވެ ކަންކަން ކުރިއަރުވަން ބައްޓަން ކުރެވޭ ކަމަށެވެ. އެގޮތަށް މުޖުތަމައު ބައްޓަންވެގެންދާއިރު، ބަލަން ޖެހޭ ވަރަށް މުހިންމު ކަމެއް އެބައޮތް ކަމުގައި ފާހަގަކުރެއްވި އެވެ. އެއީ "އަޅުގަނޑުމެން އެންމެންނަށް ޑިޖިޓަލް ޓްރާންސްފޮމޭޝަނުގައި އެބަ ފުރުސަތު ދެމުތޯ؟ އެއްވެސް ބަޔަކު އެބަ ފަހަތަށް ދޫކޮށްލެވޭތޯ؟" ކުރެވޭ ސުވާލު ކަމަށެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ އަދަދެއްގެ އަންހެނުންނާއި އަންހެން ދަރިން ޑިޖިޓަލް އިންގިލާބުގެ ހަވާސާގައި މަޑުޖެހިލައިގެން ތިބެންޖެހިފައިވާ ކަމަށް އިހްސާން ވިދާޅުވި އެވެ. އެ ފަރާތްތަކުން ތަހައްމަލް ކުރަން ޖެހޭ ދަތިތަކުގެ ތެރޭގައި ޓެކްނޯލޮޖީ ބޭނުން ކުރުމުގަ އާއި ވާސިލުވުމުގައި ހަމަހަމަކަން ނެތުމާ އަދި ޑިޖިޓަލް ދާއިރާގެ ވަޒީފާތަކާއި ލީޑަޝިޕްގައި ބައިވެރިވުމުގައި ހުރަސްތައް ހުރުން ހިމެނޭ ކަމަށެވެ. ޓެކްނޯލޮޖީގެ ފަސޭހަކަމާއި ޓެކްނޯލޮޖީ ގެނުވާ އިންގިލާބުތަކުގައި އެއްވެސް ބަޔަކު ބާކީ ކުރެވުމަކީ އެދެވިގެންވާ ކަމެއް ނޫން ކަމުގައި ފާހަގަކުރެއްވި އެވެ.
"ދުނިޔޭގެ ތަފާސް ހިސާބުތަކާ އަޅާބަލާއިރު، ހާއްސަކޮށް ތަރައްގީވަމުން އަންނަ ގައުމުތަކާ އަޅާބަލާއިރު، އަޅުގަނޑު ފާހަގަކޮށްލާނީ ރާއްޖޭގައި ސައިންސާއި ޓެކްނޯލޮޖީ އަދި އިންޖިނިއަރިން ދާއިރާ ފަދަ ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް މަގުފަހިކުރުވާ ދާއިރާތަކުގައި އަންހެން ބޭފުޅުން ހަރަކާތްތެރިވާ މިންވަރުގެ ނިސްބަތް މާމަދު ނޫން ކަމެވެ. އަދި އެ ނިސްބަތް ދަނީ އިތުރުވަމުންކަން ފާހަގަކުރަމެވެ." އިހްސާން ވިދާޅުވި އެވެ.
އިހްސާން ވިދާޅުވި ގޮތުގައި ރާއްޖޭގައި އަންހެން ދަރިންނަށް ތައުލީމު ހާސިލު ކުރުމުގައި ތަފާތު ކުރުމެއް ނެތި ފުރުސަތު އޮންނަ ކަމުގަ އެވެ. ނަމަވެސް އެންމެން ވެސް ދަންނަ ހަގީގަތަކީ ވަކި ބާވަތްތަކުގެ ވަޒީފާ އަދި ހާއްސަކޮށް ލީޑަޝިޕް ނުވަތަ ހިންގުމުގެ ދާއިރާގައި އަންހެން ބޭފުޅުންގެ ދައުރު ނިސްބަތުން މަދުކަން ކަމުގަ އެވެ.
ޑިޖިޓަލް ޓްރާންސްފޮމޭޝަނުގައި މިންތީގެ ހަމަހަމަކަން މާނަ ކުރެވެނީ ހަމައެކަނި ޑިވައިސްތަކާއި އިންޓަނެޓް ގުޅުންތައް އަންހެނުންނަށް ދިނުން ނޫން ކަމުގަ އެވެ. އޭގެ މާނައަކީ ތައުލީމާއި ސިއްހަތާއި ވިޔަފާރި އާއި ދަނޑުވެރިކަން އަދި ވެރިކަން ހިންގުމުގައި ދިމާވާ މައްސަލަތައް ހައްލު ކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުން ކުރުމުގައި އަންހެނުން ބާރުވެރިކުރުވުން ކަމުގަ އެވެ.
"އަންހެނުން ޑިޖިޓަލީ ބާރުވެރިކުރެވޭ ހިނދު، އާއިލާތަކާއި މުޅި މުޖުތަމައުއަށް އަދި މުޅި އިގުތިސޯދަށް ވެސް އޭގެ ފައިދާ ކުރާނެ އެވެ." އިހްސާން ވިދާޅުވި އެވެ.
ޓެކްނޯލޮޖީ މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސިޔާސަތު، ނުވަތަ 'ޑިޖިޓަލް ފަސްޓް ނޭޝަން' ސިޔާސަތުގެ ދަށުން ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރި ނަމަވެސް ނުވަތަ ކޮންމެ ރަށެއްގެ ރައްޔިތަކަށް އަދި އަންހެނުން ވެސް ހިމެނޭހެން ވަކި މީހަކު އިސްތިސްނާ ނުވާ ގޮތަށް ހިދުމަތްތައް ފަސޭހަކަމާ އެކު ފޯރުކޮށްދެވެން ފެށުމުން އަންހެނުން އިތުރަށް ބާރުވެރިވެ، އިގުތިސޯދުގައި ހަމަހަމަ ބައިވެރިންނަށް ވުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށެވެ.
ރާއްޖޭގައި މިފަދަ ފަރަގުތައް ކުޑަ ނަމަވެސް މި ފަރަގު އެއްކޮށް ނައްތާލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތާއި ދެއްވާ އަހައްމިއްޔަތު އިހްސާނުގެ ހިތޯބުގައި ވަނީ ފާހަަގަކުރައްވާފަ އެވެ.