ރާއްޖެ އިޝްތިހާރުކޮށް އާމްދަނީ އިތުރުކުރަން މުވާސަލާތީ ކުރިއެރުމުގެ ބޭނުން ކުރަން ޖެހޭ: ރައީސް

ރާއްޖެ އިޝްތިހާރުކޮށް އާމްދަނީ އިތުރުކުރުމަށް މުވާސަލާތީ ގޮތުން ދުނިޔެއަށް އަންނަ ހަލުވި ކުރިއެރުމުގެ ބޭނުން ހިފަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު އެހެން ވިދާޅުވީ ފާހަގަކުރަމުންދާ ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހާ ގުޅިގެން "އެކްސް" ގައި ކުރެއްވި ޕޯސްޓުގަ އެވެ.
ރައީސް ވިދާޅުވީ މުވާސަލާތީ ގޮތުން ދުނިޔެ މިދެކޭ ހަލުވި ކުރިއެރުމުގެ ބޭނުން ހިފަންވީ ރާއްޖެ އިޝްތިހާރުކޮށް، މަގުބޫލުކަން އިތުރުކުރުމަށް ކަމަށާއި ގައުމަށް އާމްދަނީ ހޯދޭނެ މަގުތައް ފަހިކުރުމަށް ކަމަށެވެ.
މުވާސަލާތާއި މައުލޫމާތު ފެތުރުމުގެ ދާއިރާގެ އެކި މަސައްކަތްތައް ރާއްޖޭގައި ކުރާ ހުރިހާ ހިދުމަތްތެރިންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވައި، ގައުމުގެ ތަރައްގީ އާއި މުސްތަގުބަލަށް މުހިންމު މި ހިދުމަތުގައި ކުރާ މަސައްކަތުގައި އިތުރު ކުރިއެރުމާއި ކާމިޔާބީއަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.
ކޮންމެ އަހަރެއްގެ މެއި މަހުގެ 17 ވަނަ ދުވަސް، ޓެލެކޮމިއުނިކޭޝަން ދުވަހުގެ ގޮތުގައި ފާހަގަކުރަމުންދާއިރު ދުނިޔޭގެ މުވާސަލާތީ ޖަމިއްޔާ އައިޓީޔޫން މި އަހަރުގެ މި ދުވަހުގެ ޝިއާރު ކަމުގައި ކަނޑައަޅާފައި ވަނީ "ޖެންޑާ އީކުއަލިޓީ އިން ޑިޖިޓަލް ޓްރާންސްފޮމޭޝަން" ނުވަތަ "ޑިޖިޓަލް ޓްރާންސްފޮމޭޝަނުގައި މިންތީގެ ހަމަހަމަކަން" އެވެ.
މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންގިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް މިފަހުން ސަރުކާރުން ވަނީ ހާއްސަ މަޝްރޫއެއް ފަށާފަ އެވެ.
ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސިޔާސަތު، ނުވަތަ 'ޑިޖިޓަލް ފަސްޓް ނޭޝަން' ސިޔާސަތުގެ ދަށުން ފެށި 'މޯލްޑިވްސް 2.0' އަކީ ހަލުވި، ރައްކާތެރި އަދި ދެފުށްފެންނަ ހިދުމަތް ދިނުމުގެ އަމާޒު ހާސިލުވާ ގޮތަށް ރާއްޖެ ޑިޖިޓަލް އާ ޒަމާނަކަށް ވާސިލުކޮށްދިނުމަށް ފެށި މަޝްރޫއެކެވެ.
އެ މަޝްރޫއަކީ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި އާންމުންނަށް ދައުލަތުން ފޯރުކޮށްދޭ ހިދުމަތްތަކާއި މުއައްސަސާތައް އިދާރީ ގޮތުން ހިންގާ ގޮތަށް ބޮޑެތި ބަދަލުތައް ގެނައުމަށް އަމާޒުކޮށް، ކުރިއަށް އޮތް ތިން އަހަރުން ނަތީޖާ ނެރުމަށް ހިންގާ މަޝްރޫއެއް ކަމަށް ސަރުކާރުން ބުނެ އެވެ.
