އަނެއްކާވެސް 5 މީހަކު ގއ.މާމެންދޫއިން ކޮވިޑު-19 އަށް ފައްސި ވެއްޖެ
ގއ.މާމެންދޫގައި ހޯމް ކަރަންޓީނުގައި ހުރި 5 މީހަކު ކޮވިޑު-19 އަށް ފައްސި ވެއްޖެއެވެ.
ގއ.މާމެންދޫން ފައްސިވެފައިވާ 5 މީހުންނަކީ ވެސް މިމަހު 13 ގައި އެރަށަށް ގޮސް ހޯމް ކަރަންޓީނުވި ބައެކެވެ.
ގއ.މާމެންދޫން ފައްސި ވެފައިވާ 5 މީހުންގެ ތެރޭގައި 62 އަހަރުގެ އަންހެނަކާއި 76 އަހަރުގެ ފިރިހެނެއް ހިމެނެއެވެ. އުމުރުން ދުވަސްވީ މީހުންނަކީ މިބަލީގެ ނުރައްކާ ބޮޑު މީހުންނެވެ.
މިރަށުން ފައްސި ވެފައިވާ 5 މީހުންނަކީ ވެސް އެއްގެއެއްގައި ކަރަންޓީނު ވެގެން ތިބި 5 މީހުން ކަމަށާއި، ޖުމްލަ 7 މީހަކު މި ގޭގައި ހޯމް ކަރަންޓީނުގައި ތިބި ކަމަށް ރަށު ކައުންސިލުން މައުލޫމާތު ދެއެވެ.
މިބައްޔަށް އެރަށުން ފައްސިވެފައިވާ އުމުރުން ދުވަސްވީ 2 މީހުންގެ އިތުރުން ފައްސިވި އަނެއް 3 މީހުންނަކީ އުމުރުން 20 އަހަރާއި 30 އަހަރުގެ ދެމެދު މީހުން ކަމަށް ވެސް ކައުންސިލުން މައުލޫމާތު ދެއެވެ.
އެގޭގައި ކަރަންޓީނުގައި ހުރި ކުޑަކުއްޖާގެ ސުންކު ނެގިފައިވާއިރު އެ ސުންކުގެ ނަތީޖާ އަދި ނުލިބޭ ކަމަށްވެސް ކައުންސިލުން މައުލޫމާތު ދެއެވެ.
މީގެ ކުރިން އެ ރަށުން 2 މީހަކު މި ބައްޔަށް ފައްސި ވިއެވެ. އެމީހުންނަށް ފަރުވާ ދީފައިވަނީ އެ އަތޮޅުގެ ވިލިނގިލީގައި ގާއިމު ކުރެވިފައިވާ ކޮވިޑު ފެސިލިޓީންނެވެ. އަދި މިހާރު އެ ދެމީހުން ވެސް ވަނީ މިބަލިން ރަނގަޅުވެ ދޫކޮށްލާފައެވެ.