ޚަބަރު ސަރުކާރު

އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިކުރި 275 އުފެއްދުމަށް އެވޯޑު ދީފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
އުފެއްދުންތެރިކަމުގެ މައުރަޒުން ރަން ވަނަ ހާސިލުކުރި ފަރާތަކަށް ރައީސް އިނާމު ހަވާލުކޮށްދެއްވަނީ / ފޮޓޯ:ރައީސް އޮފީސް

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު، "މޯލްޑިވްސް އެކްސްޕޯ 2025" ގައި ބައިވެރިކުރި އުފެއްދުންތަކުގެ ތެރެއިން 275 އުފެއްދުމަކަށް އެވޯޑު ހަވާލުކޮށްފި އެވެ.

Ads by MPL

އުފެއްދުންތެރިކަމުގެ މައުރަޒުގައި ޖުމްލަ 383 ފަރާތަކުން ބައިވެރިވެފައިވެ އެވެ. އެއީ 14 ކެޓެގަރީއަކުންނާއި 82 ސަބް ގިންތިއަކުންނެވެ. އެންމެ ގިނައިން ބައިވެރިވެފައި ވަނީ އަތްތެރި މަސައްކަތުގެ ދާއިރާއިންނެވެ. އޭގެ ތެރެއިން ވަނަތައް ހޯދި 275 ފަރާތަކަށް ވަނީ އެވޯޑު ހަވާލުކޮށްފަ އެވެ.

ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

އެ ރަސްމިއްޔާތުގައި ރައީސް ވަނީ އެކި ދާއިރާތަކުން އެއް ވަނަ ހާސިލުކުރި ފަރާތްތަކަށާއި މުޅި މައުރަޒުން އެންމެ މަތިން މާކްސް ހޯދި ފަސް ފަރާތަށް ރަން ވަނަ ހަވާލުކޮށްދެއްވާފަ އެވެ.

މުޅި މައުރަޒުން ރަން ވަނަ ހާސިލުކުރި ފަރާތްތައް

  • ލުޖައިން އަލީ ވަހީދު
  • އަބުޑީ މޯލްޑިވްސް
  • މޯލްޑިވްސް ޕޮލިޓެކްނިކް
  • މުހައްމަދު މޫސާ
  • އަލީ މާހިރު

އުފެއްދުންތެރިކަމުގެ މައުރަޒުން ރަން ވަނަ ހާސިލުކުރި ފަރާތަކަށް ރައީސް އިނާމު ހަވާލުކޮށްދެއްވަނީ / ފޮޓޯ:ރައީސް އޮފީސް

އެކި ދާއިރާތަކުން އެއް ވަނަ ހާސިލުކުރި ބައިވެރިން

  • އަމިއްލަ ފަރުދުންގެ ބައިން 1 ވަނަ - ލުޖައިން އަލީ ވަހީދު
  • ރަށު ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާއިން އެއް ވަނަ - ގއ. ވިލިނގިލި ކައުންސިލުގެ އިދާރާ
  • ސިޓީ ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާއިން އެއް ވަނަ - އައްޑޫ ސިޓީ ކައުންސިލުގެ އިދާރާ
  • ވިޔަފާރިތަކުގެ ދާއިރާއިން އެއް ވަނަ - ސިޑީސް ކިޗަން ޕްރައިވެޓް ލިމިޓެޑް
  • ތައުލީމުދޭ މަޒުކަޒުތަކުގެ ދާއިރާއިން އެއް ވަނަ - މޯލްޑިވްސް ޕޮލިޓެކްނިކް
  • ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާއިން އެއް ވަނަ - ފާތުމަތު ޝަފަގް
  • ޖަމިއްޔާ ޖަމާއަތްތަކުގެ ދާއިރާއިން އެއް ވަނަ - ވިމެން އޮންޓަޕްރަނިއަސް އެސޯސިއޭޝަން މޯލްޑިވްސް
  • މުޅި މައުރަޒުން އެއް ވަނަ ސިޓީ/ރަށް - އައްޑޫ ސިޓީ ހިތަދޫ
  • ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދާއިރާއިން އެއް ވަނަ - ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސްޓެލްކޯ)

މައުރަޒުގައި ހދ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ގިނަ ރަށްތަކަކުން ބައިވެރިވެފައިވެ އެވެ. އެންމެ ގިނަ ތަކެތި ބައިވެރިކޮށްފައި ވަނީ މާލެއިންނާއި ބ. ތުޅާދޫއިންނެވެ. މައުރަޒުގައި 3،600 އަށް ވުރެ ގިނަ ތަކެތި ބައިވެރިކުރުމަށް އެޕްލިކޭޝަން ފޯމު ފުރާފައިވެ އެވެ.

އުފެއްދުންތެރިކަމުގެ މައުރަޒު ކުރިއަށް ދާނީ މިރެއިން ފެށިގެން ފެށިގެން މި މަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ. މައުރަޒު އާންމުންނަށް ހުޅުވާލުމަށް ހަމަޖެހިފައި ވަނީ މިރޭ 8:30 ގަ އެވެ.

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ނަމުގައި މައުރަޒެއް ބޭއްވުމަށް ރައީސް ނިންމަވާފައި ވަނީ ވަޒީރުންގެ މަޖިލިހުގެ ލަފާ އާއެކު މިދިޔަ އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހު އެވެ. ވިޔަފާރި އާއި އުފެއްދުންތެރި ކަމަށް އަމާޒުކޮށް މިފަދަ މައުރަޒެއް ބޭއްވުމަށް ނިންމާފައި ވަނީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާކުރުމުގެ މަގުސަދުގައި ކަމަށް ސަރުކާރުން ބުނެ އެވެ.

މިހާތަނަށް ރާއްޖޭގައި ބޭއްވޭ އުފެއްދުންތެރިކަމުގެ އެންމެ ބޮޑު މި މައުރަޒު އިންތިޒާމްކޮށް ކުރިއަށް ގެންދަނީ އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މިނިސްޓްރީ އާއި ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) ގުޅިގެންނެވެ.

Ads by Allied Insurance