ޚަބަރު

ތިމާވެއްޓާ ރައްޓެހި ސިޓީއެއް އުފެއްދެމަށް ރައީސް ހިޔާލު ހުށަހަޅުއްވައިފި

. ، ދެން އޮންލައިން
ރައީސް، ސިންގަޕޫރު ނޮން-ރެސިޑެންޓް ހައިކޮމިޝަނާ އެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް

އިޔާދަކުރަނިވި ހަކަތައިން ހިންގާ، ތިމާވެއްޓާ ރައްޓެހި ސިޓީއެއް އުފެއްދެވުމުގެ ހިޔާލު ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހަޅުއްވައިފި އެވެ.

Ads by STELCO

ރައީސް އެ ހިޔާލު ހުށަހެޅުއްވީ ސިންގަޕޫރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ނޮން-ރެސިޑެންޓް ހައިކޮމިޝަނާ އެކްސެލެންސީ ސޫ ކޮކް ލެން އާ އެކު މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގަ އެވެ.

ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި މަތީ ތައުލީމާއި، ސިއްހީ ހިދުމަތާއި، ފަތުރުވެރިކަން ފަދަ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ރައީސް އާއި ސަފީރު މަޝްވަރާތަކެއް ކުރެއްވި ކަަމަށެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ވިޔަފާރިއާއި، އިގްތިސާދާއި، ބޯހިޔާވަހިކަމުގެ ދާއިރާއިން ރާއްޖޭގައި ވުނަކުރުމަށް ހިތްވަރުދެއްވައި އެކަމުގެ ޝައުޤުވެރިކަން ފާޅުކުރެއްވި އެވެ.

އަދި ބޯހިޔާވަހިކަމުގެ ސިނާއަތުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އިޔާދަކުރަނިވި ހަކަތައިން ހިންގާ، ތިމާވެއްޓާ ރައްޓެހި ސިޓީއެއް އުފެއްދެވުމުގެ ހިޔާލު ހުށަހެޅުއްވިއެވެ.

އެ ބައްދަލުކުރެއްވުން ނިންމަވާލައްވާފައި ވަނީ، ސިޔާސީ ގުޅުންތައް ހަރުދަނާކުރުމާއި ދެފަރާތުގެ މަސްލަހަތު ހުރި ކަންކަމުގައި އިސްތިރާޖީ އެއްބާރުލުން އިތުރުކުރައްވައި، ދޭދޭ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވަމުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!