ޚަބަރު

ރައުދު ދޫކޮށްލަން އިރުޝާދު ދިނީ ހުކުމަށް ވުރެ ބަންދުގެ މުއްދަތު އިތުރުވެދާނެތީ: ޕީޖީ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ރައުދު އަހްމަދު ޒިލާލް: ބަންދުން ދޫކޮށްލާފައި ވަނީ އޭނާގެ މައްޗަށް އަންނާނެ ކަމަށް ބެލެވޭ ހުކުމުގެ މުއްދަތު ބަންދުގައި ހުރި މުއްދަތަށް ވުރެ އިތުރުވެދާނެތީ --

މާލޭގެ ހެންވޭރުގައި ހުރި އިމާރާތަކުން ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓިފައި އޮއްވާ ފެނުނު މައްސަލައިގެ ތަހުގީގަށް ހައްޔަރުކުރި ރައުދު އަހްމަދު ޒިލާލް ބަންދުން ދޫކޮށްލުމަށް އިރުޝާދު ދީފައި ވަނީ އޭނާގެ މައްޗަށް އަންނާނެ ކަމަށް ބެލެވޭ ހުކުމުގެ މުއްދަތު ބަންދުގައި ހުރި މުއްދަތަށް ވުރެ އިތުރުވެދާނެތީ ކަމަށް ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފި އެވެ.

Ads by STELCO

ހ. މިޓާޒު ގޭގެ ފުރާޅު މަތީގައި ޔުމްނު އޮއްވާ ފެނިފައި ވަނީ އެޕްރީލް މަހުގެ 18 ވީ ހުކުރު ދުވަހުގެ ހެނދުނު އެވެ. ފުރާޅު މައްޗަށް ޔުމްނު ވެއްޓިފައި ވަނީ ޖެހިގެން ހުރި ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މައްސަލަ އާ ގުޅިގެން ރައުދު ހައްޔަރުކުރީ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން މިދިޔަ އެޕްރީލް މަހުގެ 24 ވަނަ ދުވަހު އެވެ. އޭނާގެ ބަންދުގެ މުއްދަތު ހަތަރު ފަހަރެއްގެ މަތިން ކްރިމިނަލް ކޯޓުން އިތުރުކުރި އެވެ. އެންމެފަހުން އިތުރުކުރި 20 ދުވަހުގެ ބަންދުގެ މުއްދަތު ހަމަނުވަނީސް މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އޭނާ ވަނީ ދޫކޮށްލާފަ އެވެ. އާ ކޯޓު އަމުރެއްގެ ދަށުން އޭނާ އަލުން ހައްޔަރުކޮށްފައި ވަނީ އެ ދުވަހުގެ ހަވީރެވެ.

އަލުން ހައްޔަރު ކުރުމަށް ފަހު އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ފަސް ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އެ އަމުރުގެ މުއްދަތު ހަމަވާނީ މިއަދަށެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ޔުމްނު ވެއްޓުނު މައްސަލަ އާ ގުޅިގެން ހައްޔަރުކުރި ރައުދުގެ މައްޗަށް ދައުވާ އުފުލުމަށް ޓަކައި ޕީޖީ އޮފީހަށް ހުށަހެޅުމުން މައްސަލައިގެ ލިޔެކިޔުންތައް ދިރާސާ ކުރުމަށް ފަހު، ބަންދުން ދޫކޮށްލުމަށް އެ އޮފީހުން އިރުޝާދު ދީފައިވާތީ ރޭ އޭނާ ދޫކޮށްލާފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހްމަދު ޝަފީއު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައުދު ބަންދުން ދޫކޮށްލުމަށް އެ އޮފީހުން ފުލުހުންނަށް އިރުޝާދު ދީފައި ވަނީ ބަންދުގައި ހުރި މުއްދަތު، އޭނާގެ މައްޗަށް އަންނާނެ ކަމަށް ބެލެވޭ ހުކުމުގެ މުއްދަތަށް ވުރެ އިތުރުވެދާނެ ކަމަށެވެ. އެއީ އާންމުކޮށް އަމަލުކުރަމުންދާ އުސޫލުކަން ވެސް ފާހަގަކުރެއްވި އެވެ.

ރައުދަށް ދައުވާ ކޮށްދިނުމަށް މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ.

ޝަފީއު އިއްޔެ ވިދާޅުވެފައި ވަނީ ރައުދުގެ މައްސަލަ އެ އޮފީހަށް ބަލައިގެންފައިވާ ކަމަށެވެ. މައްސަލައިގައި ދައުވާ ކުރުމާ މެދު 15 ދުވަހުގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށެވެ.

ރައުދުގެ ބަންދު އަމުރުތައް ހާމަކުރުން ކްރިމިނަލް ކޯޓުން ހުއްޓާލާފައިވާއިރު، ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރި ފުރަތަމަ ކޯޓު އަމުރުގައިވާ ގޮތުން ފެންޓެނޯއީގޭގައި އުޅުމުގެ ތެރޭގައި ޔުމްނު އާއި ރައުދު އާ ދެެމެދު "ހަމަނުޖެހުމެއް" ހިނގި އެވެ. އެކަމަކު އެއީ ކޮންކަމަކާ ގުޅިގެން ކަމެއް ކޯޓު އަމުރުން އެނގޭކަށް ނެތެވެ.

ފުލުހުން ފުރަތަމަ ބުނެފައިވާ ގޮތުގައި ޔުމްނު ވެއްޓުމުގައި ރައުދު ނުވަތަ އެހެން މީހެއްގެ ބައިވެރިވުން ނެތް ކަމުގަ އެވެ. އެހެންނަމަވެސް ފަހުން ރައުދު ހައްޔަރުކޮށްފައި ވަނީ މައްސަލައިގެ ތަހުގީގަށް އޭނާ އެއްބާރުލުން ދެމުން ނުދާކަން ފާހަަގަކޮށެވެ.

ޔުމްނު ވެއްޓުނު ރޭ އޭނާ އާއި ރައުދު، މއ. މާންދޫގޭދެކުނުގެއަށް ބަޔަކާ އެކު ދިޔަ އެވެ. އެ ގެއަށް ދިޔަ މީހުންނާއި އޭނާ އާއެކު އުޅުނު މީހުން ދެނެގަނެ، އެ މީހުންގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!