ޚަބަރު ވިޔަފާރި

މިފްސާއަށް ސީއެފްއޯއެއް ހޯދުމަށް އިއުލާނުކޮށްފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
މިފްސާގެ ޑެލިގޭޝަނުން ސެންޓްރަލް ބޭންކް އޮފް ބަހްރެއިންގެ ވެރިންނާ އެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން / ފޮޓޯ:އިކޮނޮމިކް މިނިސްޓްރީ

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ (މިފްސާ) އަށް ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) އެއް ހޯދުމަށް އިއުލާނުކޮށްފި އެވެ.

Ads by MPL

ބައިނަލްއަގުވާމީ މާލީ ހިދުމަތްތައް ފުޅާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިފްސާ އުފައްދަވާފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 21 ވަަނަ ދުވަހު އެވެ.

އެ އޮތޯރިޓީ އުފެއްދުމުގެ މަގުސަދުތަކުގެ ތެރޭގައި ރާއްޖޭގެ ސްޕެޝަލް އިކޮނޮމިކް ޒޯން ގާނޫނުގައި ބުނެފައިވާ އޮފްޝޯ އަދި އޮންޝޯ ފައިނޭންސިން ހިދުމަތްތަކާއި އޮފްޝޯ އަދި އޮންޝޯ ޑިވެލޮޕްމަންޓް ބޭންކިން ހިދުމަތް ގާއިމުކުުރުން ހިމެނެ އެވެ. މިފްސާގެ ޗެއާޕާސަނަކަށް ހަމަޖައްސަވާފައި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދެވެ.

ފިނޭންސް އެންޑް ޕްލޭނިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މިފްސާގެ ސީއެފްއޯގެ މަގާމަށް މީހަކު ހޮވުމަށް ހަމަޖެހިފައި ވަނީ ފަސް އަހަރާއި ދިހަ އަހަރާ ދެމެދުގެ މުއްދަތަކަށް ކަމަށެވެ.

ސީއެފްއޯ ކަމަށް ކުރިމަތިލާ ފަރާތަކީ މަގާމާ ގުޅުންހުރި ދާއިރާތަކުން 20 އަހަރުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުމާ އެކު ގާނޫނީ، އިކޮނޮމިކްސް، އެކައުންޓިން ނުވަތަ ބިޒްނަސް ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލުކޮށްފައިވާ ފަރާތަކަށް ވާން ޖެހެ އެވެ. އަދި އެ ފަރާތަކީ މުއައްސަސާއެއް ހިންގުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާން ލާޒިމު ކުރެ އެވެ.

އެ އޮތޯރިޓީގެ ސީއެފްއޯގެ މަގާމަށް ހޮވޭ ފަރާތަކަށް މުސާރައިގެ ގޮތުގައި މަހަކު 57،000 ރުފިޔާ ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ އެއް ވަނަ ދުވަހުގެ ހެނދުނު 10 ގެ ނިޔަލަށް ބޭނުންވާ ލިޔެކިޔުންތައް ހުށަހަޅަން ޖެހެ އެވެ.

މިފްސާއަކީ ފިނޭންސް މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސް ހަމަޖައްސަވާފައި ވަނީ މިދިޔަ މާޗް މަހުގެ 13 ވަނަ ދުވަހު އެވެ. އޭގެކުރިން އެ އޮތޯރިޓީ ހިންގަމުން އައީ އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މިނިސްޓްރީގެ ދަށުންނެވެ.