ކިނބިދޫ-ވޭމަންޑޫ ކޯޒްވޭގެ މަސައްކަތްކުރާ ބަޔަކަށް ރިސޯޓެއްގެ ގޮތުގައި އެލާ ތަރައްގީ ކުރަން ދެނީ

ތ. ކިނބިދޫ އާއި ވޭމަންޑޫ ގުޅާލާ ކޯޒްވޭގެ މަސައްކަތްކުރާ ބަޔަކަށް އެ ދެ ރަށުގެ ދެމެދުގައި އޮންނަ އެލާ، އިންޓަގްރޭޓެޑް ޓޫރިޒަމް އައިލެންޑެއްގެ ގޮތުގައި ތަރައްގީ ކުރެވޭ ގޮތަށް ކްރޮސް ސަބްސިޑީ އުސޫލުން އެ މަސައްކަތަށް ފައިނޭންސް ހޯދުމަށް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން އިއުލާނުކޮށްފި އެވެ.
ކިނބިދޫ އާއި ވޭމަންޑޫ ކޯޒްވޭއަކުން ގުޅާލާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވާފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ކުރީކޮޅު ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކިނބިދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ. ކިނބިދޫގެ ރައްޔިތުންނަށް އެންމެ މުހިންމީ އެ ރަށާއި ވޭމަންޑޫ ކޯޒްވޭއަކުން އެއްފަސްވެގެން ދިއުން ކަމުގައި ފާހަގަކުރައްވައި އެކަން ހާސިލުކޮށްދޭނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
މިދިޔަ މަހުގެ އެއްވަނަ ދުވަހު ކްރޮސް ސަބްސިޑީ އުސޫލުން މަޝްރޫއުތައް ހިންގުމަށް ނެރުއްވި ރައީސްގެ ގަރާރުގައި ކިނބިދޫ އާއި ވޭމަންޑޫ ގުޅާލުމުގެ މަޝްރޫއު ވަނީ ހިމަނާފަ އެވެ. އެ ގަރާރުގައި މަޝްރޫއަށް ހޭދަކުރަން ޖެހޭ އެންމެ ދަށް އަގެއްގެ ގޮތުގައި ހަމަޖައްސަވާފައި ވަނީ 4 މިލިއަން ޑޮލަރު (61.6 މިލިއަން ރުފިޔާ) އެވެ.
އިންފްރާސްޓްރަކްޗާ މިނިސްޓްރީން ރޭ ކުރި އިއުލާނުގައި ވަނީ ކިނބިދޫ އާއި ވޭމަންޑޫ ލިންކް ތަރައްގީ ކުރުމާއި އިންޓަގްރޭޓެޑް ޓޫރިޒަމް އައިލެންޑެއްގެ ގޮތުގައި އެލާ ތަރައްގީ ކުރުމަށް ނުވަތަ ތަރައްގީ ކުރަން ފައިނޭންސް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފަ އެވެ.
މަޝްރޫއު ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ ކްރޮސް-ސަބްސިޑައިޒޭޝަން މޮޑެލެއްގެ ދަށުންނެވެ. އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނީ އެ މޮޑެލްގެ ދަށުން ހޮވޭ އިންވެސްޓަރަށް އެ ވަސީލަތުގެ ރައުސުލްމާލު އަދި ހިންގުމުގެ ހަރަދުތައް އަނބުރާ ހޯދުމަށް ވިޔަފާރީގެ ގޮތުން ފައިދާ ލިބޭނެ ބައިތަކެއް ހުށަހެޅިދާނެ ކަމަށެވެ. ނުވަތަ ކޮންޓްރެކްޓަ ފައިނޭންސިން، ޕީޕީޕީ މޮޑެލް ނުވަތަ ލޯނު ފައިނޭންސިން މެދުވެރިކޮށް ވެސް ކުރިއަށް ގެންދެވިދާނެ ކަމަށެވެ.
އިއުލާނާ އެކު މަޝްރޫއާ ގުޅޭ މައުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާމްސް އޮފް ރިފަރެންސް (ޓީއޯއާރު) ވަނީ ހިމަނާފަ އެވެ. ޝައުގުވެރިވާ ފަރާތްތަކަށް މި ފެށޭ މަހުގެ 30 ވަނަ ދުވަހުގެ މެންދުރުފަހު 1 ގެ ކުރިން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
