ރޭގަނޑު އޯޕީޑީ އާއެކު އައިޖީއެމްއެޗުގެ ކިއު ކުޑަކުރެވޭނެ: ރައީސް

އައިޖީއެމްއެޗުގައި ރޭގަނޑު ފެށި އައުޓް-ޕޭޝަންޓް ޑިޕާޓްމެންޓް (އޯޕީޑީ) ގެ ހިދުމަތާ އެކު އެ ހޮސްޕިޓަލުގެ ކިއު ކުޑަކުރެވޭނެ ކަމަަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު ގެނެސްދިން "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ރައީސް ވިދާޅުވީ އައިޖީއެމްއެޗަކީ ރަށްރަށުން ވެސް ވަރަށް ގިނަ ބަޔަކު އައިސް ހިދުމަތް ހޯދަމުންދާ ހޮސްޕިޓަލެއް ކަމަށެވެ.
ރައީސް ވަނީ އެ ހޮސްޕިޓަލުގެ ހިދުމަތްތައް ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފަ އެވެ.
އެގޮތުން އައިޖީއެމްއެޗުގައި އޯޕީޑީގެ ހިދުމަތް ރޭގަނޑު މިހާރު ފަށާފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެކަމާ ގުޅިގެން އެ ހޮސްޕިޓަލުގައި ޑޮކްޓަރުންނަށް ދައްކަން އޮންނަ ކިއު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށެވެ.
"އެންމެ ގިނައިން ބަލިތަކަށް ފަރުވާ ހޯދަން ކިއުގައި ޖެހިފައި ތިބި މީހުންގެ ކިއު ކުޑަކޮށްލުން އިރާދަކުރެއްވިއްޔާ މީގެތެރެއިން ހާސިލުވާނެ. އިމްޕޭޝަންޓުންނަށް ފަސޭހައިން ބޭސް ލިބޭނެ ގޮތް މިހާރު އެ ވަނީ ފެށިފައި. މިވެސް ވަރަށް ބޮޑަށް ރައްޔިތުން، ޕޭޝަންޓުން އެދެމުންދާ އަދި ހޮސްޕިޓަލުން ވެސް އެދެމުންދާ ކަމެއް،" ރައީސް ވިދާޅުވި އެވެ.
އައިޖީއެމްއެޗުގައި އޮންނަ ކިއު ދިގުކަމުގެ ޝަކުވާ އާންމުން ކުރަމުންދާތާ ގިނަ އަހަރުތަކެއް ވަނީ ވެފަ އެވެ. އެގޮތުން ގިނަ ބަޔަކު ބުނާ ގޮތުން ސްޕެޝަލިސްޓުންނަށް ދައްކަން އޮންނަ ކިއު އާއެކު ގިނަ ފަހަރު ޑޮކްޓަރަށް ދައްކަން އެތައް މަހެއް ފާއިތުވެ އެވެ.
ކިއު ދިގުކަމުން ގިނަ ބަޔަކު ސްޕެޝަލިސްޓުންނަށް ދައްކަނީ އަތުން ބޮޑު ހަރަދުކޮށް ޕްރައިވެޓް ކްލިނިކްތަކުންނާއި ހޮސްޕިޓަލުތަކުންނެވެ.