ޚަބަރު

18 އަހަރުން މަތީގެ އެންމެނަށް ބޯހިޔާވަހިކަމުގެ ޔަގީންކަން މިއަހަރު ދޭނަން: ރައީސް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސް އޮފީހުގައި

މާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން 18 އަހަރުން މަތީގެ ހުރިހާ އެންމެންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމުގެ މަޝްރޫއުއަށް މި އަހަރު ހުޅުވާލާނެ ކަމަށް ރައީސް ޑރ. މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

ދައުލަތުގެ މީޑީއާ ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް މުއިއްޒު ވިދާޅުވީ މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ބޯހިޔާވަހިކަމެއް ނެތް މީހުންނަށް ގޯތި ނޫނީ ފްލެޓު ދިނުމަކީ ރައީސް އެމަނިކުފާނުގެ ވައުދުފުޅެއް ކަމަށެވެ. އެ ވައުދު ފުއްދުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށް ވިދާޅުވި އެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި މާލޭގައި ހުޅުވާލަނަން ކުރިމަތިލާން 18 އަހަރުން މަތީގެ [މާލޭ ރައްޔިތުން، މާލޭގައި ދިރިއުޅޭ މީހުން] އަށް މާލެ ސަރަހައްދުން ފަސްޓު ހޯމް ކަށަވަރުކޮށް ދިނުމަށް ހުޅުވާލަނަން

ރައީސް މުއިއްޒު ވިދާޅުވީ އެ މަޝްރޫއުތަކަށް ކުރިމަތިލާ ފަރާތްތަކަށް ރަސްމީ ލިޔުން މި އަހަރު ނިމުމުގެ ކުރިން ދޭން އަމާޒު ހިފާފައިވާ ކަމަށެވެ.

މި އަހަރު ދައުލަތުގެ ބަޖެޓުން ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގުމަށް 1.5 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އެ ބަޖެޓުގެ ޒަރީއާއިން، ވެރިރަށް މާލެ ނުހިމެނޭހެން، 12،940 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.

އަދި، މާލެ، ވިލިމާލެ، ހުޅުމާލެ، ގުޅިފަޅު، ގިރާވަރުފަޅު، އުތުރުތިލަފަޅު އަދި ފުށިދިއްގަރުފަޅުން މާލޭ ރައްޔިތުންނަށާއި، މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސްވީ ރައްޔިތުންނަށް ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ ފަހި ފުރުސަތުތަކެއް ލިބިގެންދާނޭކަމަށްވެސް މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވެފައިވެ އެވެ.