ޓޯކުރި 560 އަށްވުރެ ގިނަ އުޅަނދު ނައްތާލައިފި

ފުލުހުން ޓޯކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން 560 އަށް ވުރެ ގިނަ އުޅަނދު ނައްތާލައިފި އެވެ.
ފުލުހުން ބުނީ ޓޯކޮށްފައިވާ އެއްގަމު އުޅަނދުތަކުގެ ތެރެއިން ވެރިފަރާތުން ނުގެންގޮސް ހުރި އުޅަނދުތަކެއް ނައްތާލާފައިވާ ކަމަށެވެ.
އެގޮތުން، ޖުމްލަ 568 އުޅަނދު ގަވާއިދުގައިވާ ގޮތުގެ މަތިން ނައްތާލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.ނައްތާލި އުޅަނދުތަކުގެ ތެރޭގައި ދެ ފުރޮޅުލީ 524 އުޅަނދާއި ހަތަރު ފުރޮޅުލީ 44 އުޅަނދު ހިމެނޭ އެވެ.
ފުލުހުން ނައްތާލާފައިވަނީ 2025 މެއި 31 ވަނަ ދުވަހުގެ ނިޔަލަށް ޓޯކޮށްފައިވާ އުޅަނދުތަކެވެ.>ނިމުނު 2024 ވަނަ އަހަރު ޓޯ އޮޕަރޭޝަންތަކުގައި ޖުމްލަ 15،514 އުޅަނދު ޓޯކޮށްފައިވާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ޓޯކުރި އުޅަނދުތަކުގެ ތެރޭގައި 11،645 ސައިކަލާއި، 2،567 ކާރާއި 478 ޕިކަޕާއި 369 ވޭން އަދި 87 ޓްރަކު ހިމެނެ އެވެ. ފުލުހުން ބުނީ މިދިޔަ އަހަރު ޓޯކުރި އުޅަނދުތަކުގެ ތެރެއިން 546 އުޅަނދެއް ނައްތާލާފައިވާ ކަމަށެވެ. އަދި 13،562 އުޅަނދު ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ބުންޏެވެ.
