އީދާ ދިމާކޮށް ގާޒާގެ ރައްޔިތުންނަށް އެމް-ފައިސާއިން ސަދަގާތް ކުރުމުގެ ފުރުސަތު ފަހިކޮށްދީފި

މި އަންނަ ހުކުރު ދުވަހު ފާހަގަކުރާ މި އަހަރުގެ އަޟްހާ އީދު ދުވަހާ ދިމާކޮށް ފަލަސްތީނުގެ ގާޒާގައި ދިރިއުޅެމުން އަންނަ ރައްޔިތުންނަށް ސަދަގާތް ކުރުމުގެ ފުރުސަތު އުރީދޫ މޯލްޑިވްސްއިން ފަހިކޮށްދީފި އެވެ.
އެކަން ހާމަކޮށް އުރީދޫން ބުނީ އެމް-ފައިސާ މެދުވެރިކޮށް 162 ރުފިޔާ ސަދަގާތުގެ ގޮތުގައި ހޭދަކޮށްގެން ކޯންޑް ބީފް ދަޅެއް ގާޒާގެ ރައްޔިތުންނަށް ހަދިޔާ ކުރެވޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އެމް-ފައިސާ އެކައުންޓު ނަމްބަރަކީ 9306501 އެވެ.
އުރީދޫން ގާޒާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައި ވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) މެދުވެރިކޮށެވެ.
ކޮންމެ ތަނެއްގައި ހުރެގެން ވެސް އެމް-ފައިސާ މެދުވެރިކޮށް ސަދަގާތް ކުރެވޭނެ އެވެ. ވުމާ އެކު ލިބިފައިވާ މި ފުރުސަތުގެ ބޭނުންކޮށް ގާޒާގެ ރައްޔިތުންނަށް ސަދަގާތް ކުރުމުގައި ދީލަތިވުމަށް އެ ކުންފުނިން ވަނީ އެދިފަ އެވެ.
