އަރަފާތު ދުވަހު ފަލަސްތީނުގެ ރައްޔިތުންގެ މަތިން ހަނދާން ނައްތާލައިގެން ނުވާނެ: ޝަހީމް

އަރަފާތު ދުވަހު ފަލަސްތީނުގެ ރައްޔިތުންނަށް ހެޔޮ ދުއާ ކޮށްދިނުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިލްތިމާސް ކުރައްވައިފި އެވެ.
މިނިސްޓަރު އެހެން އިލްތިމާސް ކުރެއްވީ އަރަފާތު ބިމުގައި ހުންނަވާ ދައުލަތުގެ މީޑިއާއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.
ޝަހީމް ވިދާޅުވީ އަރަފާތު ދުވަސް ރަމްޒުކޮށްދެނީ އިސްލާމީ އުންމަތުގެ މަތިވެރިކަމާއި އެއްބަޑުއެއްބަފާވަންތަކަމާ އަދި އެއްބަޔަކާ އަނެއްބަޔަކާ ދެމެދު އޮންނަ ގާތްކަން ކަމަށެެވެ.
"އެންމެން އެއް ހެދުމެއްގައި އެއް ފޭރާމެއްގައި، އެކި ކަންކޮޅުތަކުން ދުނިޔޭގެ އެތައް މިތަނުން މި ތަނަށް އެއްވެ މި ތިބީ. މި ހުރިހާ ކަންކަމަކުން ވެސް މި ދޭހަކޮށްދެނީ އިސްލާމްދީނުގެ މަތިވެރިކަމާއި އުހުއްވަތްތެރިކަމާއި ރޫހާނިއްޔަތުކަމާއި ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމުގައި މުޅި އުންމަތް އެއްބަޔަކު އަނެއް ބަޔަކާ ގުޅިގެން، ގުޅުން ރަމްޒުކޮށްދޭ ވަރަށް މަތިވެރި ކަމެއް އަރަފާތު ދުވަހުގެ އަޅުކަމަކީ،" ޝަހީމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އަރަފާތު ދުވަހާ މި އަހަރު ބައްދަލުވިއިރު، އިސްލާމީ އުއްމަތަށް ކުރިމަތިލާން ޖެހިފައި ވަނީ އުފާވެރި ދުވަސްތަކަކާ ނޫން ކަމުގަ އެވެ. ވަކިން ހާއްސަކޮށް، ފަލަސްތީނުގެ ރައްޔިތުންގެ މަތިން ހަނދާންކޮށް، ހެޔޮ ދުއާ ކުރުމަކީ ކުރަން ޖެހޭ ކަމެއް ކަމުގައި ދެކިވަޑައިގަންނަވާކަން ފާހަގަކުރެއްވި އެވެ.
"ވަކިން ހާއްސަކޮށް ފަލަސްތީނުގެ ލޮބުވެތި ރައްޔިތުން ތަހައްމަލުކުރަމުންދާ ހިތްދަތިކަމާއި ބަނޑުހައި ހޫނުކަމާއި، މި ކަންކަމުގެ ތެރޭގައި އަޅުގަނޑުމެންނަށް އަރަފާތު ދުވަސް ބައްދަލުކުރާ އިރުގައި، އަޅުގަނޑުމެންގެ އަހުންނާއި އުހުތުންނަށް ހެޔޮ ދުއާ ކުރުމަކީ އަޅުގަނޑުމެން ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް،" ޝަހީމް ވިދާޅުވި އެވެ.
ފަލަސްތީނުގެ ރައްޔިތުންގެ އިތުރުން އިސްލާމީ އެހެން ގައުމުތަކުގައި ދިރިއުޅެމުން އަންނަ މުސްލިމުންނަށް ވެސް ހެޔޮ ދުއާ ކުރަން ޖެހޭ ކަމަށެވެ.
ޝަހީމް ވިދާޅުވީ އިރުއޮއްސުމުން އަރަފާތު ބިމުން ހައްޖުވެރިން ނިކުމެ، މުޒްދަލިފާއަށް ދަތުރުކުރާނެ ކަމަށެވެ.
އިސްލާމިކް މިނިސްޓަރުގެ ވާހަކައިގައި ވަނީ މި އަހަރުގެ ހައްޖު މޫސުމަށް ސައުދީ ސަރުކާރުން ވަރަށް ފުރިހަމަ އިންތިޒާމުތަކެއް ހަމަޖައްސަވާފައިވާކަން ފާހަގަކުރައްވާފަ އެވެ. ހާއްސަކޮށް ހައްޖުވެރިންގެ ރައްކާތެރިކަމާއި ސިއްހަތާ ގުޅޭ ކަންކަން ފުރިހަމައަށް އިންތިޒާމު ކުރައްވާތީ ސައުދީ ސަރުކާރަށް ޝަހީމް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
އޭގެ އިތުރުން ޝަހީމް ވަނީ ދިވެހި ހައްޖުވެރިންގެ ހިދުމަތުގައި ހައްޖު ކޯޕަރޭޝަނާއި އިސްލާމިކް މިނިސްޓްރީގެ ޓީމުތަކުން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވާ އެ ފަރާތްތައް ވެސް ޝުކުރުގައި ހިމަނުއްވާފަ އެވެ.
