ދަރުމަވަންތަ، އައިޖީއެމްއެޗް އަދި ވިލިމާލެ ހޮސްޕިޓަލުގެ އޯޕީޑީތައް އީދާ ގުޅިގެން ބަންދު ކުރަނީ

ފާހަގަކުރަމުންދާ އަޟްހާ އީދުގެ މުނާސަބަތާ ގުޅިގެން ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗް އަދި ވިލިމާލެ ހޮސްޕިޓަލުގެ އޯޕީޑީތައް ދެ ދުވަހަށް ބަންދު ކުރުމަށް ނިންމައިފި އެވެ.
އައިޖީއެމްއެޗުން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ އީދާ ގުޅިގެން އަންނަ އާދިއްތަ އަދި ހޯމަ ދުވަހު ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗް އަދި ވިލިމާލެ ހޮސްޕިޓަލުގެ ސްޕެޝަލިސްޓް އޯޕީޑީ އާއި އެހެނިހެން ކްލިނިކަލް ހިދުމަތްތައް ބަންދުވާނެ ކަމަށެވެ.
ނަމަވެސް އެ ތިން ހޮސްޕިޓަލުން ވެސް އައިޕީޑީ އަދި އިމަޖެންސީ ހިދުމަތްތައް މެދުނުކެނޑި ކުރިއަށްދާނެކަން ފާހަގަކުރި އެވެ.
އެ ދެ ދުވަހަށް ހިދުމަތްތައް މެދުކަނޑާލި ނަމަވެސް މާދަމާ ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗް އަދި ވިލިމާލެ ހޮސްޕިޓަލުގެ ސްޕެޝަލިސްޓް އޯޕީޑީ އާއި އެހެން ކްލިނިކަލް ހިދުމަތްތައް މެދުނުކެނޑި ކުރިއަށްދާނެ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
އީދު ބަންދާ ގުޅިގެން ހުޅުމާލެ ހޮސްޕިޓަލުން ވެސް ވަނީ ހިދުމަތްދޭ ގޮތަށް ބަދަލު ގެނެސްފަ އެވެ. އެގޮތުން ހޮނިހިރު ދުވަސް ފިޔަވައި އީދު ބަންދުގެ އަނެއް ހަތަރު ދުވަހު، ބުރާސްފަތި، ހުކުރު، އާދިއްތަ އަދި ހޯމަ ދުވަހު އެ ހޮސްޕިޓަލުގެ ސްޕެޝަލިސްޓް އޯޕީޑީ އާއި އެހެން ހިދުމަތްތައް ބަންދުކުރަން ވަނީ ނިންމާފަ އެވެ.
ހޮނިހިރު ދުވަހު ސްޕެޝަލިސްޓް އޯޕީޑީ އާއި އެހެން ކްލިނިކަލް ހިދުމަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، އެ ދުވަހާއި އާދިއްތަ އަދި ހޯމަ ދުވަހު ޖީޕީ ކްލިނިކް ހުޅުވިފައި ހުންނާނެ ކަަމަށް ހުޅުމާލެ ހޮސްޕިޓަލުން ބުނެ އެވެ.
އީދާ ގުޅިގެން އިއްޔެއިން ފެށިގެން ސަރުކާރު ބަންދުކޮށްފައިވާއިރު، އަލުން ހުޅުވާނީ އަންގާރަ ދުވަހު އެވެ. އެހެންނަމަވެސް މުހިންމު ހިދުމަތްތައް ފޯރުކޮށްދޭ ބައެއް އިދާރާތަކުން މި ބަންދުގައި ވެސް ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ހިދުމަތް ފޯރުކޮށްދެމުންދާނެ އެވެ.
