ޚަބަރު ސަރުކާރު

ސިނަމާލެ ބްރިޖު އިފުތިތާހުކުރި އޮގަސްޓް 30 އަކީ އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ސިނަމާލެ ބްރިޖުގެ މަސައްކަތް ހިނގަމުން ދިޔައިރު އޭރުގެ ހައުސިން މިނިސްޓަރު، ރައީސް މުއިއްޒު މަސައްކަތް ބައްލަވާލައްވަނީ / ފޮޓޯ:ހައުސިން މިނިސްޓްރީ

މި އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30 ވަނަ ދުވަހަކީ ގައުމީ ފެންވަރުގައި ފާހަގަކުރާ، "ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް" ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފި އެވެ.

Ads by STELCO

އެމަނިކުފާނު މިގޮތަށް ހަމަޖައްސަވާފައިވާކަން ހާމަކުރެއްވީ މިއަދު ރައީސް އޮފީހުން ނެރުނު ދެންނެވުމުގަ އެވެ.

ރައީސް އޮފީހުގެ ދެންނެވުމުގައި ބުނީ ރާއްޖޭގެ އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި އޮގަސްޓު މަހުގެ 30 ވަނަ ދުވަސް ރައީސް ހަމަޖެއްސެވީ މި ގައުމުގެ ތާރީހުގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްގީގެ މަޝްރޫއު ކަމުގައިވާ ސިނަމާލެ ބްރިޖު އިފުތިތާހުކުރެވުނު ދުވަހަކީ އެއީ ކަމަށް ވާތީ ކަމަށެވެ.

އެހެންކަމުން އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް އެންމެ އެކަށީގެންވާ ދުވަހަކީ، އެ ދުވަސް ކަމަށް ވުމުން އެގޮތަށް ނިންމެވީ ކަމަށް ރައީސް އޮފީހުގެ ދެންނެވުމުގައިވެ އެވެ.

ދެންނެވުމުގައި ވަނީ އިންޖިނޭރުންގެ ދުވަސް ފާހަގަކުރުމުގެ ހުރިހާ ކަމެއް ކުރިއަށް ގެންދާނީ ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ކަމުގައި ފާހަގަކޮށްފަ އެވެ.

ސިނަމާލެ ބްރިޖު އިފުތިތާހުކޮށްފައި ވަނީ 2018 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 30 ވަނަ ދުވަހު އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން އެ މަސައްކަތް ކުރިއަށް ގެންދިޔައިރު ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވީ މިހާރުގެ ރައީސް މުއިއްޒެވެ.

ރައީސް މުއިއްޒަކީ ސިވިލް އިންޖިނޭރެކެވެ. އެމަނިކުފާނު ވަނީ ސިވިލް އިންޖިނިއަރިންގެ ދާއިރާއިން ޕީއެޗްޑީ ހާސިލުކުރައްވާފަ އެވެ.

Ads by HDC