ޚަބަރު ސަރުކާރު

މިހާތަނަށް 151،000 އަށް ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ވަނީ އެއްކޮށްފައި: އިހްސާން

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އަލީ އިހްސާން / ފޮޓޯ:ރައީސް އޮފީސް

ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ކުރިއަށް ގެންދާ "އޮޕަރޭޝަން ކުރަނގި" ގެ ދަށުން މިހާތަނަށް 151،000 އަށް ވުރެ ގިނަ ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކުރެވިފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.

Ads by STELCO

މިނިސްޓަރު އެހެން ވިދާޅުވެފައި ވަނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީ މަސައްކަތްތެރިން ރެގިއުލޭޓް ކުރުމަށް ޓަކައި މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލު ހިއްސާކުރައްވާ ދައުލަތުގެ މީޑިއާއިން ގެނެސްދޭ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

މިހާތަނަށް ކުރެވުނު މަސައްކަތުގެ ދަށުން 151،694 ބިދޭސީ މަސައްކަތްތެރިންގެ 10 އިނގިލީގެ ނިޝާން އަދި ފޭޝަލް ރެކޮގްނިޝަންއަށް ބޭނުންވާ ފޮޓޯ ނެގި ޑޭޓާބޭސް އަދާހަމަކޮށްފައިވާ ކަމަށް އިހްސާން ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑުމެންގެ ނިޒާމުތަކުގެ ތެރޭގައި އެބަ ފެނޭ މި މީހުންނަކީ އެކްޒެކްޓްލީ ކޮން ބައެއްކަން. ބަޔޯމެޓްރިކަލީ އައިޑެންޓިފައި ކުރެވޭ. އެހެންވީމަ މި ހިސާބުން ސީދާ މީހާ ފަހަތުން އެބަދެވޭ. އައިޑެންޓިފައި ކުރުމަކީ އަޅުގަނޑުމެންގެ އެންމެ ފުރަތަމަ މަސައްކަތް މި އޮޕަރޭޝަންގައި،" އިހްސާން ވިދާޅުވި އެވެ.

އިހްސާން ވިދާޅުވި ގޮތުގައި އޮޕަރޭޝަނުގެ ދެވަނަ ކަމަކީ ގާނޫނު ބައްޓަންކުރުން ކަމުގަ އެވެ. އޭގެ ތެރޭގައި ބިދޭސީންނާ ދޭތެރޭ އިހުމާލުވާ ފަރާތްތަކާ ދެތެރޭ ހަރުކަށި ފިޔަވަޅު އެޅުމާއި ޖޫރިމަނާ ކުރުމާ އަދި ފައިސާ ނުދައްކާ ތިބޭ ފަރާތްތަކާ ދޭތެރޭ އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން ހިމެނޭ ކަމުގަ އެވެ.

ބިދޭސީން ރާއްޖެ ގެނެސް އެ މީހުންގެ ވިސާ ފީ ނުދައްކާ ކުންފުނިތަކުގެ ނަންތައް ހާމަކުރި ހިސާބުން ދައުލަތަށް ނުލިބި ހުރި ބިލިއަނެއްހާ ފައިސާ މިދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ހޯދާފައިވާކަން ވެސް އިހްސާން ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ އެކަމުގެ ނަތީޖާއެއްގެ ގޮތުން ގަވާއިދާ ހިލާފަށް އުޅުނު ވަރަށް ގިނަ އަދަދެއްގެ ބިދޭސީން ގަވާއިދުގެ ތެރެއަށް ވަދެފައިވާ ކަމަށެވެ.

ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށް، ނިޒާމީ ގޮތުން މި މައްސަލަ ހައްލުކުރުމަށް ދިމާވެފައި ހުރި ގޮންޖެހުންތައް ހައްލުކުރަން ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ފުރަތަމަ މަރުހަލާގެ ދަށުން "އޮޕަރޭޝަން ކުރަނގި" ފަށާފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ތިން ވަނަ ދުވަހު އެވެ. އެ މަސައްކަތް ކުރިއަށް ގެންދަނީ ހޯމްލޭންޑް މިނިސްޓްރީ އާއި ފުލުހުންނާ އަދި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެންނެވެ.

Ads by Ooredoo