ޚަބަރު

ބޮޑުތަކުރުފާނުމަގުގައި ޕާކުކުރާ އުޅަނދުތައް ވެސް ޓޯކުރަނީ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ސަލްމާން މިސްކިތް ކައިރީގައި ވެހިކަލްތަކެއް ޕާކުކޮށްފައި / ފޮޓޯ:ދެން އިމޭޖްސް

މާލޭގެ ބޮޑުތަކުރުފާނުމަގުގައި ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތައް ޓޯކުރާނެ ކަމަށާއި އެގޮތަށް ނަގާ އުޅަނދުތައް އަލުން ލިބޭނީ ދެ ދުވަސް ފަހުން ކަމަށް ފުލުހުން ބުނެފި އެވެ.

Ads by STELCO

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބޮޑުތަކުރުފާނުމަގުގައި އާންމު ދަތުރުފަތުރާއި ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާ ގޮތަށް ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ހިތިގަސްމަގު ކަންމަތިން ފެށިގެން މެހެލިގޯޅި އާ ހަމައަށް ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދު ދުއްވި ފަރާތާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އެގޮތަށް ޓޯކުރާ އުޅަނދުތައް ދޫކުރާނީ ދެ ދުވަސް ފަހުން ކަމުގައި ފާހަގަކުރި އެވެ.

ފުލުހުން ބުނި ގޮތުގައި މި މަސައްކަތަކީ މާލޭގެ މަގުތަކުގައި ދަތުރުފަތުރު ކުރުމަށާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ފަސޭހަވާނެ ގޮތަށް މަގުތައް ތަރުތީބު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ބައެއް ކަމުގަ އެވެ.

"އުޅަނދުތައް ޕާކުކުރުމަށް ޓަކައި ކަނޑައެޅިފައިވާ ޕާކިން ޒޯންތަކުގައި ޕާކުކުރެއްވުމަށް ހާއްސަ ސަމާލު ކަމެއް ދެއްވުން އެދެމެވެ." އެ ބަޔާނުގައިވެ އެވެ.

ފުލުހުން ވަނީ މާލޭގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މަގުތައް ތަރުތީބު ކުރުމަށް އެ އިދާރާއިން ކުރަމުންދާ މަސައްކަތްތަކަށް އާންމުން ދޭ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮށްފަ އެވެ.

ބޮޑުތަކުރުފާނުމަގުގައި އާންމު ދަތުރުފަތުރާއި ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާ ގޮތަށް ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ނަގާނެ ކަމަށް ފުލުހުން ބުނިއިރު، މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ވަނީ މަޖީދީމަގުގައި އެހެން ހުންނަ އުޅަނދުތައް ޓޯކުރަން ފަށާފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!