ބިދޭސީ މަސައްކަތްތެރިންގެ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމަށް ފަހު ފުރުސަތު ދީފި

ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ބައޯމެޓްރިކްސް އަޕްޑޭޓްކޮށް އަދާހަމަކޮށްފައި ނުވާ ފަރާތްތަކުން މި މަހުގެ ނިޔަލަށް އެކަން ކުރުމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓްރީން ފަހު ފުރުސަތު ދީފި އެވެ.
ހޯމްލޭންޑް މިނިސްޓްރީން މިއަދު ނެރުނު އިއުލާނުގައި ބުނީ އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓްރީކޮށްފައިވާ ވަޒީފާ ދޭ ބައެއް ފަރާތްތަކުގެ ނަންމަތީގައި ރާއްޖެ ގެނެސްފައިވާ ބައެއް ބިދޭސީ މަސައްކަތްތެރިންގެ ބައޯމެޓްރިކްސް އަޕްޑޭޓްކޮށް އަދާހަމަކޮށްފައި ނުވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެހެންކަމުން މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން ބިދޭސީ ފަރާތް ރާއްޖޭގައި ހުރެ ބައޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ފަރާތްތަކުގެ ބައޯމެޓްރިކްސް އަޕްޑޭޓްކޮށް ނިންމުމަށް އެ މިނިސްޓްރީން ވަނީ އަންގާފަ އެވެ. އެ މުއްދަތުގެ ތެރޭގައި އެކަށީގެންވާ ސަބަބެއް ނެތި ބައޯމެޓްރިކްސް އަޕްޑޭޓްކޮށްފައި ނުވާ ފަރާތްތަކަށް އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފިޔަވަޅުތައް އަޅާނެކަން ފާހަގަކުރި އެވެ.
އެގޮތުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކަކީ:
- ބައޯމެޓްރިކްސް އަޕްޑޭޓްކޮށްފައި ނުވާ އެކްޓިވް ވޯކް ޕާމިޓެއްގައި ރާއްޖޭގައި ހުރި ބިދޭސީއެއް ނަމަ، އެ ބިދޭސީއަކު ވަޒީފާގައި ގެންގުޅޭ ފަރާތަށް އެކްސްޕެޓް ސިސްޓަމްއިން ދެމުން ގެންދާ ހުރިހާ ހިދުމަތްތަކެއް މެދުކަނޑާލުން.
- ބައޯމެޓްރިކްސް އަޕްޑޭޓްކޮށްފައި ނުވާ އެކްޓިވް ވޯކް ޕާމިޓެއްގައި 4 މަހަށް ވުރެ ގިނަ ދުވަހަށް ރާއްޖެއިން ގޮސްފައިވާ ބިދޭސީއެއް ނަމަ، އެ ބިދޭސީއަކަށް ދޫކޮށްފައިވާ ވޯކް ޕާމިޓް އެކްސްޕެޓް ސިސްޓަމް ރެކޯޑުތަކަށް ބެލުމަށްފަހު ބާތިލުކުރުން.
- ބައޯމެޓްރިކްސް އަޕްޑޭޓްކޮށްފައި ނުވާ އެކްޓިވް ނޫން ވޯކް ޕާމިޓެއްގައި ރާއްޖޭގައި ހުރެ ގާނޫނާއި ގަވާއިދުގެ ތެރެއިން ވަޒީފާ ދޭ ފަރާތެއް ހުރި ބިދޭސީއެއް ނަމަ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމަށްފަހު ރެގިއުލަރައިޒް ކުރުމުގެ ފުރުސަތު ދިނުން.
- ބައޯމެޓްރިކްސް އަޕްޑޭޓްކޮށްފައި ނުވާ އެކްޓިވް ނޫން ވޯކް ޕާމިޓެއްގައި ރާއްޖޭގައި ހުރެ ގާނޫނާ ހިލާފަށް މަސައްކަތްކުރާ ބިދޭސީއެއް ނަމަ، އެ ބިދޭސީއަކު ޑީޕޯޓްކޮށް ވޯކް ޕާމިޓް ބާތިލުކުރުން.
- ބައޯމެޓްރިކްސް އަޕްޑޭޓްކޮށްފައި ނުވާ އެކްޓިވް ނޫން ވޯކް ޕާމިޓެއްގައި ރާއްޖެއިން ފުރައިގެން ގޮސްފައިވާ ބިދޭސީއެއް ނަމަ، އެ ބިދޭސީއަކަށް ދޫކޮށްފައިވާ ވޯކް ޕާމިޓް ސިސްޓަމް ރެކޯޑުތައް ބެލުމަށްފަހު ބާތިލުކުރުން.
- ބައޯމެޓްރިކްސް އަޕްޑޭޓްކުރުމަށްފަހު އެކްޓިވް ވޯކް ޕާމިޓެއްގައި 1 އަހަރު ދުވަހުގެ މުއްދަތަކަށް ވުރެ ދިގު މުއްދަތަކަށް ރާއްޖެއިން ބޭރުގައި ހުރި ބިދޭސީއެއް ނަމަ، އެ ބިދޭސީއަކަށް ދޫކޮށްފައިވާ ވޯކް ޕާމިޓް ސިސްޓަމް ރެކޯޑުތައް ބެލުމަށްފަހު ބާތިލުކުރުން.
- ބައޯމެޓްރިކްސް އަޕްޑޭޓްކޮށްފައިވާ ބިދޭސީންގެ ތެރެއިން އެކްޓިވް ނޫން ވޯކް ޕާމިޓެއްގައި ހުރި ބިދޭސީއަކަށް ވަޒީފާ ދޭނެ ފަރާތެއް ހުރެއްޖެ ނަމަ، އެ ފަރާތަކަށް ރެގިއުލަރައިޒްވުމުގެ ފުރުސަތު ދިނުން.
- ބައޯމެޓްރިކްސް އަޕްޑޭޓްކޮށްފައިވާ ބިދޭސީންގެ ތެރެއިން އެކްޓިވް ނޫން ވޯކް ޕާމިޓެއްގައި ރާއްޖެއިން ފުރައިގެން ގޮސް 4 މަހަށް ވުރެ ގިނަ ދުވަސް ވެއްޖެ ނަމަ، ސިސްޓަމް ރެކޯޑުތައް ބެލުމަށް ވޯކް ޕާމިޓް ބާތިލުކުރުން.
ހޯމްލޭންޑް މިނިސްޓްރީން ބުނި ގޮތުގައި 7690228 އަށް ގުޅުމުން ނުވަތަ [email protected] އަށް އީމެއިލް ކުރުމުން އިތުރު މައުލޫމާތު ލިބޭނެ ކަމުގަ އެވެ.
މިނިސްޓްރީން ބައޯމެޓްރިކްސް އަޕްޑޭޓްކޮށް އަދާހަމަކުރަން ބާރުއަޅައި އިއުލާނު ނެރުނުއިރު، ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ކުރިއަށް ގެންދާ "އޮޕަރޭޝަން ކުރަނގި" ގެ ދަށުން މިހާތަނަށް 151،694 ބިދޭސީ މަސައްކަތްތެރިންގެ 10 އިނގިލީގެ ނިޝާން އަދި ފޭޝަލް ރެކޮގްނިޝަންއަށް ބޭނުންވާ ފޮޓޯ ނެގި ޑޭޓާބޭސް އަދާހަމަކޮށްފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އަލީ އިހްސާން ވަނީ ވިދާޅުވެފަ އެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ފުރަތަމަ މަރުހަލާގެ ދަށުން "އޮޕަރޭޝަން ކުރަނގި" ފަށާފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ތިން ވަނަ ދުވަހު އެވެ. އެ މަސައްކަތް ކުރިއަށް ގެންދަނީ ހޯމްލޭންޑް މިނިސްޓްރީ އާއި ފުލުހުންނާ އަދި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެންނެވެ.
