މާލެ ސިޓީ ކައުންސިލުގެ އެސްޖީއަކަށް މުހައިމިން އައްޔަންކޮށްފި

މާލެ ސިޓީ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) ގެ މަގާމަށް އަބްދުލް މުހައިމިން ނަސީރު އައްޔަންކޮށްފި އެވެ.
ސެކްރެޓަރީ ޖެނެރަލްގެ މަގާމަކީ ކައުންސިލް އިދާރާގެ، އިދާރީ އެންމެ އިސް މަގާމެވެ. ކައުންސިލުގެ ލަފާގެ މަތިން، ކައުންސިލުގެ އިދާރާގެ އިދާރީ އެންމެހާ ކަމެއް ހިންގައި ބެލެހެއްޓުމާއި މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު ވެސް އަދާކުރަން ޖެހެނީ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް އެވެ.
މާލެ ސިޓީ ކައުންސިލުގެ ސެކްރެޓަރީ ޖެނެެރަލްގެ މަގާމަށް ހަތަރު ބޭފުޅަކު ކުރިމަތިލެއްވި އެވެ. އެ ބޭފުޅުންގެ ތެރެއިން އެންމެ މަތިން މާކްސް ލިބިވަޑައިގަތީ މުހައިމިނަށެވެ. މުހައިމިނަށް 85.03 މާކްސް ލިބިވަޑައިގަތެވެ.
ސެކްރެޓަރީ ޖެނެެރަލްގެ މަގާމަށް މުހައިމިން އައްޔަންކުރީ، ސިޓީ ކައުންސިލުން މިއަދު ބޭއްވި ހަތަރު ވަނަ ދައުރުގެ 200 ވަނަ ރަސްމީ އާންމު ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުންނެވެ.
މުހައިމިން އެންމެފަހުން ހުންނެވީ މާލެ ސިޓީ ކައުންސިލުގެ ޑިރެކްޓަ ޖެނެރަލްގެ މަގާމުގަ އެވެ. އޭނާއަކީ ފުރަތަމަ ޑިގްރީ އާއި މާސްޓާ ޑިގްރީ ހާސިލުކޮށްފައިވާ ބޭފުޅެކެވެ.
މުހައިމިން ވަނީ ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފަ އެވެ. ޕްރައިމަރީ ޓީޗަރުކަމާއި ސެކަންޑްރީ ޓީޗަރުކަމާއި ޕްރިންސިޕަލްކަމާއި މެދުރާއްޖެތެރޭގެ ސްކޫލްތަކުގެ ޒޯން ކޯޑިނޭޓަރުކަން އަދާކުރައްވާފައިވެ އެވެ. އަދި މާލެ ސިޓީގެ ހުރިހާ ސްކޫލެއްގެ ކޯޑިނޭޓަރުކަމާއި މާލޭގައި ހިންގަމުންދާ އަމިއްލަ ސްކޫލުތަކާއި އިންޓަނޭޝަނަލް ސްކޫލުތަކުގެ ކޯޑިނޭޓަރުކަމުގެ މަގާމު ވެސް ފުރުއްވާފައިވެ އެވެ.
ސިޓީ ކައުންސިލުގެ ސެކްރެޓަރީ ޖެނެެރަލަށް މުސާރައިގެ ގޮތުގައި މަހަކު 20،500 ރުފިޔާ އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާ ލިބޭނެ އެވެ.
